ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ އެކައުންޓުތައް އަނެއްކާވެސް މީރާއިން ހިފަހައްޓައިފިއެވެ. މީރާއިން ބުނާ ގޮތުގައި އެ ފިޔަވަޅު އެޅީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ.
މި ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ދުވަސްވަރެކެވެ. އެހެންވީމާ މިއީ ސަރުކާރުން ބޭނުން ވެގެން މީރާއިން އެޅި ފިޔަވަޅެއް ކަމަށް ބައެއް މީޑިއާތަކުން ދަނީ ބުނަމުންނެވެ. ރައީސް ނަޝީދުވެސް ވިދާޅުވެފައި ވަނީ މިއީ މީރާއިން އެޅި ސިޔާސީ ފިޔަވަޅެއް ކަމުގައެވެ. މި ފިޔަވަޅު އެޅުމުގެ ކުރިން ވިލާގެ ވެރިޔާ ގާސިމް އިބްރާހީމް ވަނީ މިފަދަ ފިޔަވަޅެއް އަޅައިފާނޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ތުހުމަތު ކުރައްވަނީ މިއީ ސަރުކާރާ އެއްކޮޅަށް މަސައްކަތް ނުކުރައްވާތީ އަޅާ ދަތިކުރުމުގެ ފިޔަވަޅެކެވެ.
ގާސިމްގެ މައްޗަށް މިފަދަ ފިޔަވަޅެއް މީރާއިން އަޅަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ މިހައި ތަނަށް ފެނުނު ފެނުމުގައި މީރާއަކީ ވަކި ޕާޓީއަކަށް، ވަކި މީހަކަށް ނުބަލައި އަޅަން ޖެހުނު ފިޔަވަޅެއް އަޅާ މުއައްސަސާއެކެވެ. އެހެންވީމާ މިފަހަރު މި އެޅި ފިޔަވަޅުގެ ހަގީގަތަކީ ކޮބައިތޯ ބަލައިލަމާތޯއެވެ؟ މިއީ ހމަ ހަގީގަތުގައިވެސް ވިލާ ގުރޫޕުގެ އިހުމާލެއްގެ ސަބަބުން ނުވަތަ ފަރުވާ ކުޑަ ކުރުމެއްގެ ސަބަބުން ޖެހިގެން އުޅޭ މައްސަލައެއް ބާވައެވެ؟
ވިލާ އާއި ސަރުކާރުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2013 ވަނަ އަހަރު ސިވިލްކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
ސަރުކާރާއި ވިލާއާއި ދެމެދު ހިންގާފައިވާ މުއާމަލާތެއްގެ ބަދަލެއްގެ ގޮތުން ގާސިމަށް ނުވަ މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ. ސަރުކާރުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މައްސަލަ ބެލުމަށްފަހު ހައިކޯޓުން ނިންމީ ސަރުކާރާ އެއްކޮޅަށެވެ. އެއީ ބާތިލު މައްސަލައެއް ކަމަށެވެ. ދެން ވިލާއިން ދިޔައީ ސުޕްރީމް ކޯޓަށެވެ. ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ނިންމީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. މާނައަކީ އަނެއްކާވެސް ވިލާގެ ކޮޅަށް މައްސަލަ ނިމުނީއެވެ. އެހެންވީމާ ވިލާއަށް ނުވަ މިލިއަން ޑޮލަރު ދެއްކުން ނޫން ގޮތެއް ސަރުކާރަކަށް ނެތިއްޖެއެވެ. އެ ދުވަސްވަރު ވިލާގެ ވެރިޔާ ގާސިމް އިބްރާހީމް ގެންދެވީ ރިޔާސީ އިންތިޚާބަށް ތައްޔާރު ވަމުންނެވެ. އޭނާ ހުންނެވީ އޭރު އޮތް ސަރުކާރަށް ނުފީޒު ފޯރުވޭ ފެންވަރުގައި، ވަރަށް ބާރުގަދަ ބޭފުޅަކަށް ވެވަޑައިގެންފައެވެ.
މިހައި ގިނަ އަދަދެއްގެ ފައިސާ ކުއްލިއަކަށް ދެއްކޭނެ އެއްވެސް ގޮތެއް ސަރުކާރަކަށްނެތެވެ. ރައީސް ނަޝީދުގެ ސަރުކާރާއި، އޭރު ކުރިއަށް ދިޔަ ރައީސް ވަޙީދުގެ ސަރުކާރުގެ ފަސް އަހަރު ދުވަހު އިގްތިސާދީ ގޮތުން އައި އަނަރޫފަ ދުވަސްތަކާއެކު ދައުލަތް އޮތީ އިގްތިސާދީ ވަޅުގަނޑަކަށް ވެއްޓިފައެވެ. އެހެންވީމާ ސަރުކާރުން ނިންމީ ދެ ފަރާތަށްވެސް ރަނގަޅު ގޮތަކަށް މައްސަލަ ނިންމާން މަޝްވަރާ ކުރާށެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވޭނޭ ގޮތެއް އޮތްތޯ ބަލާށެވެ. ވިލާގެ ވެރިޔާ ގާސިމް އިބްރާހީމާ ވާހަކަފުޅު ދެއްކެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރެވެ. އެއީ ފަހުން ދިވެހިރާއްޖޭގެ ނާއިބު ރައީސްކަށް ވެވަޑައިގަތް އަޙްމަދު އަދީބެވެ. މި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ސަރުކާރާއި ވިލާއާ ދެމެދު ވަކި ގޮތަކަށް އެއްބަސްވިއެވެ. ދެ ބޭފުޅުން އެއްބަސްވެވުނީ ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ ބަދަލެއްގެ ގޮތުގައި ވިލާއަށް ފަސް ރަށެއް ދިނުމަށެވެ. އެއީ ހދ. ހަނިމާދޫއިން ބޮޑު ބިމަކާއި ލ. ކައްދޫ އާއި ތ. އެލާ އާއި މާނިޔަފުއްޓާއި ގދ. ގަޒީރާ އެވެ. މި ފަސް ރަށަކީ ކުރިން ވެސް ވިލާގެ ވެރިޔާ ގާސިމަށް އޮތް ރަށެވެ. އެހެންނަމަވެސް ގާސިމްގެ އެދިވަޑައިގަތުމުގެ މަތީން އެރަށްތައް އަލުން އޭނާ އަށް ދޭން އަދީބް އެއްބަސްވެ ވަޑައިގަތީ ކުރިން ކޮށްފައިވާ އެގްރީމަންޓްތަކުގައި ފާއިތުވެ ގޮސްފައިވާ މުއްދަތު ނުގުނާގޮތަކަށެވެ. މި ގޮތަށް ގާސިމް ހުށަހެޅުއްވި ސަބަބަކީ އެރަށްތައް ނުހަދައި ގިނަ ދުވަސްތަކެއްވެފައިވުމާއި ކުއްޔާއި ޖޫރިމަނާ އަށް ގިނަ ފައިސާތަކެއް ދައްކަންޖެހިފައި ވުމެވެ.
އަދީބް އެއްބަސްވެވަޑައިގަތީ ގާސިމް އެދިވަޑައިގަތް ގޮތަށް ރަށްތައް އަލުން ދޫކޮށްލުމަށެވެ. އެއީ އެވަގުތު ސަރުކާރަށް މާލީ ތަނަވަސްކަން ނެތުމާއެކު ގާސިމަށް ވެސް ގެއްލުން ކުޑަކުރުމަށެވެ. އެކަމަކު މި ރަށްތައް އަސްލު އަގުގައި ދޫކޮށްލައިފިނަމަ މިއީ 150 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލިބޭނެ ފަދަ ބޮޑު ރައުސުލްމާލުތަކެކެވެ.
މިރަށްތައް ވިލާއަށް ދޫކޮށްލިއިރު ސަރުކާރުން ވިލާއަށް (ނުވަތަ ގާސިމަށް) ދޭންޖެހޭ ނުވަ މިލިއަން ޑޮލަރު ދައްކައި ހަލާސް ކުރަން އެއްބަސްވީ ޓެކްސްގެ ގޮތުގައި ގާސިމް ދައްކަވަން އޮތް ފައިސާގެ ތެރެއިން ކަނޑާގޮތަށެވެ. މި ގޮތަށް އެއްބަސްވީ އެއިރު ގާސިމް ހުންނެވީ ސަރުކާރަށް އުނދަގޫ ކުރެއްވޭނެ ހިސާބެއްގައި ކަމަށް ވާތީއެވެ. އަނެއްކޮޅުން ގާސިމް މިފަދަ ހުށަހެޅުމެއް އަދީބަށް ހުށަހެޅުއްވީ ސަރުކާރުގެ މާލީ ތަނަވަސްކަން ނެތްކަން އެނގިވަޑައިގެން ހުންނަވައި އެ ވަގުތު އޭނާ ބޭނުންފުޅު ގޮތަކަށް ކަންތައް ކުރެއްވިދާނޭކަން ޔަގީންވެ ވަޑައިގަންނަވާތީއެވެ. ސަރުކާރަށްވެސް ކުރެވޭނޭ މާ ގިނަ ކަންތައްތަކެއް ނެތްކަން އެނގިވަޑައިގަންނަވާތީއެވެ.
ވިލާއަށް ސަރުކާރުން ދިން ފަސް ރަށުގެ ތެރެއިން ހަނިމާދޫ އެއާޕޯޓާއި ކައްދޫ އެއާޕޯޓް ބޭނުންނުކުރެވޭތީ އެ ދެ ރަށުގެ ބަދަލުގައި ގާސިމް ބޭނުންފުޅުވި އެހެން ދެ ފަޅެއް ވެސް ސަރުކާރުން ހަމަޖައްސައިދިނެވެ. އެއީ ކައްދޫގެ ބަދަލުގައި ބޮލިދުއްފަޅު އަދި ހަނިމާދޫގެ ބަދަލުގައި މާދިއްގަރުފަޅެވެ. ގާސިމް އެދިވަޑައިގަތް ގޮތަށް މި ހުރިހާ ކަމެއް ސަރުކާރުކޮށް ދިނީ ޝަރުތަކާވެސް އެކުގައެވެ. އެއީ ވިލާ ގްރޫޕުން ވެސް އަދި ގާސިމާއި ވިލާއާ ގުޅުންހުރި އެއްވެސް ކުންފުންޏަކުން ވެސް މީގެ ފަހުން ސަރުކާރު ގޮވައިގެން މިފަދަ އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދިއުމެވެ. އެކަމަކު ހުރިހާ އެއްބަސްވުންތަކެއް ބޭނުންވާ ގޮތަށް ބަދަލު ކުރެވުމުން ގާސިމް އަމަލު ކުރެއްވީ ވިލާއިން އެދުނު މިހުރިހާ ގޮތަކަށް ސަރުކާރުން އެއްބަސްވެ އެގްރީމަންޓްތައް އާކޮށްދިނުމުގެ ބޭނުމަކަށްވީ ގޮތާ މުޅިން ތަފާތުގޮތަކަށެވެ. 2015 ވަނަ އަހަރު އަނެއްކާ ވެސް އޭނާއާ ގުޅުންހުރި ކުންފުނިތަކުން ސަރުކާރު ގޮވައިގެން ކޯޓަށް ދިޔައީއެވެ. މި ފަހަރުވެސް ސަރުކާރަށް ޕްރެޝަރު ކޮށްގެން އޭނާ ބޭނުންފުޅުވާހައި ގޮތަކަށް ކަންތައްތައް ނިންމަވާން މަސައކަތް ކުރެއްވީއެވެ.
އެކަމަކު ސަރުކާރުން އެފަދަ ޕްރެޝަރަކަށް ބޯ ލަނބާކަށް ގަސްތެއް ނުކުރިއެވެ. ސަރުކާރުން ވިލާއަށް ދޭން ޖެހިފައިވާ ނުވަމިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ބަދަލެއްގެ ގޮތުގައި ދެ ފަރާތުންވެފައިވާ ހުރިހާ އެއްބަސްވުންތަކެއް 2015 ވަނަ އަހަރު ބާތިލްކުރީއެވެ. ސަރުކާރުން ތަކުރާރުކޮށް ވާހަކަ ދެއްކުމުން ވިލާއިން ގޮތްދޫކުރާކަށް އެއްބަހެއް ނުވިއެވެ. އެގްރީމަންޓްތައް ބާތިލްކުރުމުން ގާސިމަށާއި ސަރުކާރަށް ވެސް ދެން އަމަލު ކުރަންޖެހިފައިވަނީ ކުރީގެ އެގްރީމަންޓްތަކަށެވެ. ގާސިމް އިބްރާހީމްގެ ވިލާކުންފުނިން ސަރުކާރަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ޑޮލަރު ދައްކަންޖެހުނީ އޭނާ އަށް ލިބިމެ، އެއްވެސް ކަމެއް ނުކޮށް އޮތް ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގަ އެވެ. ހަގީގަތުގައި އެރަށްރައް ލިބި އެތައް ދުވަހެއްވީއިރު ވެސް އެއްވެސް ކަމެއް ނުކޮށް އޮތުމަކީ އޭގެ ސަބަބުން ސަރުކާރަށް ވެސް ވަރަށް ބޮޑު ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމެކެވެ. ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ކައްދޫން 10 މިލިއަން ޑޮލަރު، ހަނިމާދޫ ބިމުން 17 މިލިއަން ޑޮލަރު އަދި މާނިޔަފުށިން 43 މިލިއަން ޑޮލަރު، ގަޒީރާއިން 38 މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ވިލާއިން ދައްކަން ޖެހިފައި އޮތެވެ. މިހާރު ވެސް މިފަދަ އެތައް މައްސަލަތަކެއް ކޯޓުގައި އެބައޮތެވެ.
މި ސަބަބުތަކަށް ބަލާއިރު މިރާއިން އެޅި ފިޔަވަޅަކީ މީރާއަށް އެޅިދާނޭ ފިޔަވަޅެކެވެ. ސަރުކާރަށް ލިބެން ޖެހޭ ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ. އެ ފައިސާ ހޯދުމަކީ މީރާގެ ޒިންމާއެކެވެ. ފައިސާ ނުދައްކާ ފަރާތްތަކާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީވެސް މީރާގެ ޒިންމާއެކެވެ. މިއީ ފައިސާ ނުދައްކައިގެން މީރާއިން އެޅި ފުރަތަމަ ފިޔަވަޅެއް ނޫނެވެ. އެހެން ތަންތަނާއި މީހުނާ މެދުވެސް މީގެ ކުރިން ވަނީ ފިޔަވަޅު އަޅައިފައެވެ.