ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި

ޤާނޫނު ތަންފީޛު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށް ސާބިތުވުމާއި ގުޅިގެން  ހދ.ކުޅުދުއްފުށި، މޭވާގެ، އަޙްމަދު ޙުސައިން (26އ) ގެ މައްޗަށް ހުކުމް ކޮށްފިއެވެ. އޭނާގެ މައްޗަށް ހުކުޟް ކުރީ މި ހިނގާ މާޗު މަހުގެ 9 ވަނަ ދުވަހުއެވެ.

ދައުލަތުން އަޙްމަދު ޙުސައިންގެ މައްޗަށް ޤާނޫނު ތަންފީޛު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، އަޙްމަދު ޙުސައިން 2016 ޑިސެމްބަރ 15 ވަނަ ދުވަހުގެރޭ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލައިގެން ގޮސްފައިވާ މައްސަލައާއި ގުޅިގެންނެވެ.

މި ދަޢުވާ ޝަރީޢަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ބުނަނީ، މިމައްސަލައިގައި ދަޢުވާލިބޭ އަޙްމަދު ޙުސައިން ތަހުޤީޤު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިންކާރުކޮށްފައިވާ ނަމަވެސް ދަޢުވާ ސާބިތުކުރުމަށްޓަކައި ދަޢުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރިނާ އާއި އަޙްމަދު ޙުސައިން މި މައްސަލައިގެ ތަހުޤީޤަށާއި ޝަރީއަތަށް ދީފައިވާ ބަޔާނަށް ރިޢާޔަތްކުރާއިރު، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫން ތަންފީޛުކުރާ އިދާރާއެއްގެ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން އަޙްމަދު ޙުސައިންގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ޤާނޫނު ތަންފީޛު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 532 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން އަޙްމަދު ޙުސައިން 6 މަސްދުވަހަށް މުއްދަތަށް ޖަލަށްލުމަށް ޚުކުމްކުރާކަމަށް ޤަޟިއްޔާގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.