2012 ވަނަ އަހަރުގެ ޑިސެންބަރު މަަހު 16 ވަނަ ދުވަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި އަންހެން ދަރިވަރެއްގެ އިއްފަތް ފޭރިގަތް ހަތަރު މީހުން މިއަދު ފަތިހު 5:30 ގައި (ރާއްޖޭ ގަޑިން ފަތިހު 5:00 ގައި) ދަންޖައްސައި، އެމީހުންގެ މައެްޗަށް ކޮށްފައިވާ މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ. ހަތަރު މީހުންވެސް ދަންޖައްސާފައި ވަނީ ނިއުދިއްލީގެ މަޝްހޫރު ތިހާރު ޖަލުގައެވެ.
6 މީހަކު ވެގެން ހުޅަނގު ދިއްލީގެ މުނިރްކާ އަވަށުގައި ދުއެްވާފައި ދިޔަ ބަހެއްގެ ތެރޭގައި އުމުރުން 23 އަހަރުގެ ފިޒިއޯތެރަޕީ ދަރިވަރު 'ނިރްބަޔާ' (އަސްލު ނަމެއް ނޫން) ގެ އިއްފަތް ފޭރިގަނެ އޭނާ އެއްލާލާފައިވަނިކޮށް ސަފްދަރްޖަންގް ހޮސްޕިޓަލުގައި ފަރުވާދެމުން ދިނުމަށް ފަހު ސިންގަޕޫރުގެ މައުންޓު އެލިޒަބަތު ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ. އެހެންނަމަވެސް، އޭނާ ވަަނީ 29 ޑިސެންބަރުގައި މަރުވެފައެވެ.
އިއްފަތް ފޭރިގަތުމުގައި ބައިވެރިވި މީހުންގެ ތެރެއިން ފަސް މައްޗަށް އަވަސް ނިޔާ ކޯޓެއްގައި ޝަރީއަތް ކުރިއަށް ދަނިކޮށް އެކަކު ވަނީ ޖަލުގައި އަމިއްލައަށް މަރުވެެފައެވެ. އެއީ ބަހުގެ ޑްރައިވަރެވެ. މި ޖަރީމާގައި ބައިވެރިވި އެކަކީ 18 އަހަރު ނުފުރޭ ކުއްޖަކަށް ވާތީ އޭނާ ވަނީ ކުޑަކުދިން އިސްލާހުކުރާ މަރުކަޒަކަށް ފޮނުވާފައެވެ. 13 ސެޕްޓެންބަރު 2013 ގައި ހަތަރު މީހުންގެ މައްޗަށް އިއްެވި މަރުގެ ހުކުމް ދިއްލީ ހައިކޯޓުގައި އިސްތިއުނާފުކުރުމުން 13 މާރިޗު 2014 ގައި އެކޯޓުން އެ ހުކުމަށް ތާއީދުކުރިއެވެ.
ހަތަރު މުޖުރިމުންގެ ފަރާތުން މައްސަލަ އިންޑިޔާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، 5 މޭ 2017 ގައި ސުޕްރީމް ކޯޓުންވެސް އެ މީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ތާއީދުކުރިއެވެ.
އެކި ސަބަބުތަކާ ހުރެ މަރުގެ ހުކުމް ތަންފީޒުކުރުން ލަސްވަމުން އައިސް، ހަތަރު މީހުންގެ މައްޗަށް ހުކުމް ތަންފީޒުކުރެވިފައި ވަނީ އެމީހުން ރަހުމްކުޑަ ޖަރީމާ ހިންގިތާ 2650 ދުވަސް ފަހުންނެވެ.