ރިސޯޓު ދަތުރު ކުރުން ހުއްޓާލުމަށް އެޗުޕީއޭއިން އަންގައިފި

މިރޭ 9:00 ގެ ފަހުން ރިސޯޓު ދަތުރުކުރުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އަންގައިފިއެވެ. އެތަނުން މިގޮތަށް އެންގެވީ ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތު އެގޮތަށް ކަނޑައެޅުއްވުމުންނެވެ.

މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ރީސޯޓުތަކުން ދަތުރު ކުރުމާއި، ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރު ކުރުމާއި، އެއްރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރން ވެސް ދިހަ ދުވަހަށް ހުއްޓާލުމަށް ޑީޖީ ވަނީ އަންގައިވައިފައެވެ. އެހެންނަމަވެސް ފަތުރުވެރިން ރާއްޖެއިން ފުރުމަށްޓަކައި އެއާޕޯޓަށް ދިޔުމާއި، ފަތުރުވެރިން ފުރުވަން އެއާޕޯޓަށްދާ މުވައްޒަފުން ދިއުމާއި، ރިސޯޓުތަކަށް މުދާއުފުލާ އުޅަނދު ފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިސޯޓުތަކަށް މުދާ ފޯރުވައި ދިނުމަށް ޖެޓީއާ ހިސާބަށް ދިއުން އިސްތިސްނާ ވާނެއެވެ. އެފަދަ މީހުން ރިސޯޓަށް އެތެރެ ވެއްޖެ ކަމަށްވާނަމަ އެރިސޯޓުން އެމީހުން ފައިބައިގެން ނުވާނެ ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ. އަދި ފަތުރުވެރިން ފުރުވަން އެއާ ޕޯޓަށްދާ މީހުންވެސް އެ މީހުން ފުރުވާލުމަށްފަހު ދާންޖެހޭނީ ސީދާ ރިސޯޓަށް ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.

މި އިސްތިސްނާގެ ޙާލަތުގެ އިތުރުން ވެސް ޑިރެކްޓަރޖެނެރަލް (ޑީޖީ) އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ޚާއްސަ ހާލަތްތަކުގައި ވެސް އެކަނޑައަޅާ ގޮތަކަށް ޢަމަލު ކުރެވޭނެ ކަމަށް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ. މިއީ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.