ކޮވިޑް- 19 އާ ދެކޮޅަށް "މަސައްކަތްކުރާނެ ކަމުގެ އުއްމީދު ބޮޑު" ބޭހެއްގެ އެތައް މިލިއަން ޑޯޒެއް ފްރާންސްގެ ސަރުކާރަށް ދޭން ތައްޔާރަށް އޮތް ކަމުގައި އެގައުމުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމުގައިވާ ސަނޯފީން ބުނެފިއެވެ.
ސަނޯފީމް ބުނީ އެ ކުންފުނިން މެލޭރިޔާގެ ބޭހެއްގެ ގޮތުގައި އުފައްދާ 'ޕްލާކުއެނިލް'ގެ ކްލިނިކަލް ތަޖުރިބާތަކުން "އުއްމީދީ" ނަތީޖާތަކެއް ލިބިފައިވާތީ، އެ ވެކްސިން ކޮރޯނާ ވައިރަސް (ކޮވިޑް- 19) އާ ދެކޮޅަށް މަސައްކުުރާނެކަމަށް ބެލެވޭ ކަމުގައެވެ.
"ސަނޯފީގެ ފަރުވާ ފްރާންސަށް ދިނުމަށް ކުންފުނިން ނިންމައިފިން. އެެތައް މިލިއަން ޑޯޒެއްގެ ވެކްސިން ދޭން ކުންފުނި އޮތީ ތައްޔާރަށް. އޭގެ ސަބަބުން 3 ލައްކައެއްހާ މީހުންނަށް ފަރުވާ ދެވިދާނެ." ސަނޯފީގެ ތަރުޖަމާނު ބުންޏެވެ. އަދިވެސް އެކުންފުނިން ބުނީ ކްލިނިކަލް ތަޖުރިބާތަކުގެ ނަތީޖާތައް "ކަށަވަރުކުރުމަށް" ފްރާންސް ސަރުކާރާއެކު މަސައްކަތްކުރުމަށް އެ ކުންފުނި އޮތީ ތައްޔާރަށްކަމުގައެވެ.
ސަނޯފީން އުފައްދާ 'ޕްލާކުއެނިލް' އަކީ ހައިޑްރޮކްސީކްލޮރޮކުއިން އެކުލެވޭ ބޭހެކެެވެ. އެ ބޭހަކީ މެލޭރިޔާގެ އިތުރަށް ރިއުމަޓޮއިޑްގެ ފަރުވާއަކަށްވެސް ބޭނުންކުރެވޭ ބޭހެެކެވެ.
މާސޭ ޔުނިވަސިޓީގެ މައިކްރޯބަޔޮލޮޖީ ސައިންޓިސްޓު ޕްރޮފެސާ ޑީޑިއާ ރާއުލް ވަނީ ޕްލާކިއެނިލް ބޭނުންކޮށްގެން ކްލިނިކަލް ތަޖުރިބާތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ގޮތުގައި ކޮވިޑް- 19 ޖެހިފައިވާ 24 މީހަކަށް އެ ބޭސް ދެއްވައިގެން އޭނާ ކުރެއްވި ތަޖުރިބާގައި، 6 ދުވަހުގެ ތެރޭގައި ތިންބައިކުޅަ ދެމީހުންގެ ގައިން ކޮވިޑް- 19 ގެ އަސަރު ވަނީ ފިލާފައެވެ.
ފްރާންސްގެ ސަރުކާރުގެ ތަރުޖަމާނު ބުނިގޮތުގައި މި ކުރެވުނު ތަޖުރިބާތައް "އުއްމީދީ" ކަމުގައެވެ އަދި އެ ބޭހުގެ އިތުރު ތަޖުރިބާތައް ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.
ފްރާންސުގައި މައި މަރުކަޒު ހުންނަ ސަނޯފީއަކީ 32 ގައުމެއްގެ 73 މަރުކަޒެއްގައި ބޭސް އުފެއްދުމުގެ މަސައްކަތްކުރާ ކުންފުންޏެކެވެ.