އައްޑޫ ސިޓީ ހިތަދޫ މީހަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކު ވިދާޅުވީ އެމީހާއަކީ އިންޑިއާގެ ކޮޗިނުން އައްޑުއަށް އައި މީހެއް ކަމަށެވެ. މިކަންކަން ބެލުމަށް ކުރައްވާ މަސައްކަތް މިހާރުވަނީ ކުރިއަށްވުރެ ބޮޑަށް ފުޅާކޮށްފައި ކަމަށާއި، ކިރިޔާ އަލާމަތެއް ފެނުނަސް އެމީއެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރަމުން ގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. "ކިރިޔާ އަލާމާތެއް ފެނުނަސް މިހާރުވާނީ ޓެސްޓް ކުރަން ނިންމާފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކަރަންޓީން ނުވަތަ އައިސޮލޭޝަންގައި ތިބޭ މީހުން އެއްވެސް ތަނަކަށް ނުގޮސް ތިބުން މުހިންމު ކަމަށެވެ. އެއީ އެމީހާއާއި އެހެން އެންމެންގެ ސަލާމަތަށް ކުރާ ކަމަކަށްވާތީ އެއީ ޚިލާފުވާ މީހުންނާ މެދު ފިޔަވަޅު ވެސް އަޅާނެ ކަމަށް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗުޕީއޭގެ މެޑިކަލް އޮފިސަރ، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މީހެއް ނުވަތަ ބައެއްގެ ގައިން ސާމްޕަލްތައް ނެގުމުން އެހިސާބުގަނޑުގައި އުޅޭ އެންމެން ބިރުން އުޅެމުންދާ ތަން ފެންނަމުންދާ ކަމަށެވެ. އެގޮތަށް ސާމްޕަލް ނަގައި ހޯމް އައިސޮލޭޝަންގައި މީހަކު ހުރުމަކީ އެމީހާ ހުންނަ ސަރަހައްދުގެ އެންމެން ބިރުން އުޅެންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ޑޮކްޓަރ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު ހުރިހާ ނިންމެވުމެއް ނިންމަވަނީ ޑޮކްޓަރުންނައި ފަންނީ ބޭފުޅުންގެ އިރުޝާދާއި ލަފާފުޅުގެ މަތީންކަމަށެވެ. އެގޮތުން ރާއްޖެއަށް ރާއްޖެއަށް ދަތުރު ނުކުރެވޭނެ ގައުމުތައް ކަނޑައަޅަނީ ވެސް އެފަދަ ބޭފުޅުންގެ ލަފާގެ މަތިން ކަމަށް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މެލޭޝިއާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ރާއްޖެއަށް އަންނަ ދިވެހީންގެ ގައިން އެއްވެސް އަލާމާތެއް ނުފެނުނަސް އެމީހުން 14 ދުވަހު ކަރަންޓީނުގައި ތިބެންޖެހޭނެ ކަމަށެވެ.