ކޮރޯނާ ވަބާގެ ޒަމާނުގައި ޖަމާޢަތުގެ ނަމާދު

ކޮރޯނާ ވަބާ މުޅި ދުނިޔެއަށް ފެތުރެމުންދިޔުމާ ވިދިގެން ދުނިޔޭގެ އަށްޑިހަވަރަކަށް ޤައުމުން ދީނީ ޝިޢާރުތައް ފާޅުކުރުމާ ބެހޭގޮތުން ތަފާތު ފިޔަވަޅުތައް އަންނަނީ  އަޅަމުންނެވެ.ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިހާރު ވަނީ މި ބައްޔަކީ ޢާލަމީ ވަބާއެއް ކަމުގައި އިޢުލާންކޮށްފައެވެ. މިކަމާ ގުޅިގެން ދުނިޔޭގެ ބައެއް ޤައުމުތަކުން އަންނަނީ ޞިއްޙީ ނުރައްކަލުގެ ކުއްލި ޙާލަތު އިޢުލާން ކުރަމުންނެވެ. ބައިނަލް އަޤްވާމީ ފެންވަރަށް ބަލާއިރު މި ވަބާގެ ނުރައްކާތެރިކަން އެއް ތަރާދަކުން މިނެމުން ދިޔަސް އެކި ޤައުމުތަކުން ފިޔަވަޅު އަޅަމުން ދަނީ އެކި ގޮތަށެވެ.އަދި މި ވަބާމެދު މުޢާމަލާތު ކުރަމުންދަނީ ތަފާތު ގޮތްގޮތަށެވެ. އެ ޤައުމެއްގެ ނިޒާމާއި އެ ޤައުމެއްގެ ކެރިފޯރުންތެރިކަމާއި އެ ޤައުމުއްގެ އިޢުތިޤާދާއި އެ ޤައުމެއްގައި މި ވަބާ ފެތުރިފައިވާ މިންވަރާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ވަބާއާއެކު މުޢާމަލާތު ކުރަންވީ ގޮތާމެދު ކަމާބެހޭ ވުޒާރާތަކުގެ މަސައޫލުވެރީންނާއި ދީނީ ޢިލްމުވެރީންގެ މެދުގައި ރައުޔު ތަފާތުވަމުންދާ ތަން ވެސް ފެނެއެވެ. އިސްލާމީ ޤައުމުތަކުގައި ފަރްޟު ފަސް ނަމާދު ޖަމާޢަތުގައި ކުރުމާއި ހުކުރުނަމާދު ޤާއިމުކުރުމުގެ މަސްއަލައިގައި ޢިލްމުވެރީންގެ މެދުގައި އެއްބަސްވުމެއް ނެތްކަން ފާހަގަކުރެވެއެވެ.

އިސްލާމީ ބައެއް ޤައުމުތަކުގެ ކަމާބެހޭ ރަސްމީ މުއައްސަސާތަކުން ހުކުރުނަމާދު ޤާއިމު ކުރުމާއި ފަރްޟު ފަސް ނަމާދު މިސްކިތުގައި ޤާއިމުކުރުން ހުއްޓައިލުމަށް ގޮވައިލާ  ރަސްމީ ޤަރާރުތައް އަންނަނީ ނެރެމުންނެވެ.އެއީ މި ވަބާ ކޮންޓްރޯލް ކުރުމަށާއި  މި ވަބާ ފެތުރުން ހުއްޓުވޭތޯ މަސައްކަތް ކުރުމަށް ޓަކައެވެ.  އަނެއްބައި ޤައުމުތަކުގައި ޝައިޚުންނާއި ދީނީ ޢިލްމުވެރީންނާއި ކަމާބެހޭ ފަރާތްތަކުން މީސްތަކުންނަށް ނަސޭޙަތްތެރިވެވަޑައިގަންނަވަނީ މީސްތަކުން އެއްވެ ނޫޅުމަށާއި ގައިގޯޅިނުވުމަށާއި މިލުންތެރިނުވުމަށެވެ. ޖަމާޢަތުގައި ނަމާދު ކުރާއިރު ރައްކައުތެރިވުމަށެވެ. މި ވަބާއަށް ހާސާވެދާނެތީ އެކަމަށް ސަމާލުވުމަށެވެ. އެބޭކަލުން މީސްތަކުންނަށް ގޮވައިލަނީ ގޭގައި ނަމާދު ކުރުމަށެވެ.

ޑަކްޓަރުންނާއި ޞިއްޙީ ދާއިރާތަކުން މީސްތަކުންނަށް އެއް ތަނަކަށް އެއްވެނޫޅުމަށް ގޮވައިލުމާ ވިދިގެން މުސްލިމުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން  ފެތުރިފައެވެ. ފަރްޟު ފަސްނަމާދު ޖަމާޢަތުގައި ކުރުމަކީ ވަރަށް ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަށް މަގުފަހިވާނެ ކަމަކެވެ. ޖަމާޢަތް ބޮޑުވިވަރަކަށް ސަވާބު  އިތުރުވާނެތީއެވެ. އަދި އެކަހެރިކޮށް ކުރެވޭ ނަމާދުން ލިބޭ ސަވާބަށް ވުރެ ޖަމާޢަތުގައި ކުރެވޭ ނަމާދުގެ ސަވާބު 27 ގުނަ އިތުރުވާނެތީއެވެ.

ނަސޭޙަތާއި ރައުޔާއި ފަތުވާތައް

الاتحاد العالمي لعلماء المسلمين ( މުސްލިމުންގެ ޢިލްމުވެރީންގެ ބައިނަލްއަޤްވާމީ އިއްތިޙާދު) އިން  ނެރުއްވި ފަތުވާ ބުނާގޮތުގައި ، ޤައުމެއްގެ ސަރުކާރުން ނެރޭ އިތުބާރުހުރި  ޞިއްޙީ  ރިޕޯޓްތަކުގެ މައްޗަށް ބަލާއިރު ، ކޮރޯނާ ވަބާ އެ ޤައުމަކަށް ހުރި ބިރުވެރިކަމުގެ ޙަޤީޤީ މަޞްދަރަކަށް ވެއްޖެކަމަށް އެ ސަރުކަރަކަށް ފެނިއްޖެނަމަ އެ ވަބާ ކޮންޓްރޯލް ކުރެވެންދެން ނުވަތަ އޭގެ މައްޗަށް ބާރުފޯރުވެންދެން  އެ ޤައުމެއްގައި ހުކުރު ނަމާދު ޤާއިމުކުރުމާއި ފަރްޟު ފަސްނަމާދު ޖަމާޢާތުގައި ޤާއިމުކުރުން ހުއްޓައިލެވިދާނެއެވެ. ހަމަ އެފަދައިން ޢުމްރާއާއި ޙައްޖުގެ މަނާސިކުތައް އަދާކުރުން ވެސް ވަގުތީ ގޮތުން ހުއްޓުވައިލެވިދާނެއެވެ.

މި އިއްތިޙާދުން ނުވަތަ ޖަމްޢިއްޔާއިން ނެރުއްވި ފަތުވާ ބުނާގޮތުގައި (( ވަބާ ފެތުރި ވަލިއްޔުއް އަމްރު  އެކަމާ ބެހޭގޮތުން އަމުރު ނެރުމުން  މެނުވީ މިސްކިތްތައް ބަންދު ކުރުން ހުއްދަ ނުވާނެތެވެ. މި ކަމުގައި ބަލަން ޖެހޭ މިންގަނޑަކީ  އެ ސަރުކާރެއްގެ ނުވަތަ އެ ޤައުމެއްގެ ޞިއްޙަތާ ބެހޭ އިދާރާތަކުން އެ ޤައުމެއްގެ މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތައް ބަންދު ކުރުމަށް އަމުރު ނެރުމެވެ. މި ހިސާބަށް ދިޔުމުން އެ ރަށެއްގެ ނުވަތަ އެ ސަރަޙައްދެއްގެ މިސްކިތްތައް ބަންދު ކުރުން ހުއްދަވާނެއެވެ. އެއީ އެ ވަބާ އެ ރަށެއްގައި ނުވަތަ ސަރަޙައްދެއްގައި ފެތުރުނަ ނުދިނުމަށް ޓަކައވެ. ))

 ސަޢޫދީ ސަރުކާރުން މި ދިޔަ ބުދަދުވަހު  ވަނީ އެ ޤައުމުގެ މީހުންނާށާއި އެ ޤައުމުގައި ދިރިއުޅޭ ބޭރުމީހުންނަށް ޢުމްރާއަށް ދިޔުން ވަގުތީ ގޮތުން މަނާކޮށްފައެވެ. އެއީ މައްކާގައްޔާއި މަދީނާގައި މި ވަބާ ފެތުރިދާނެތީއެވެ. އޭގެ އެއްހަފުތާ ކުރިން ސަޢޫދީ ސަރުކާރުން ވަނީ ޢުމްރާ ވީސާ ދިނުން ހުއްޓައިލައިފައެވެ.

އަޒްހަރުގެ ބޮޑެތި ޢިލްމުވެރީންގެ އިދާރާ ( هًيئة كبار العلماء ) އިން 15  މާރިޗްގައި ވަނީ ހަމަ މި މޭރުމުން ބަޔާނެއް ނެރުއްވައިފައވެ.މި އިދާރާއިން ނެރުއްވި ބަޔާން ބުނާގޮތުގައި ބަލި މީހުންނާއި މުސްކުޅިންގެ މައްޗަށް ގޭގައި ތިބުން މިއަދު ވާޖިބުވާނެއެވެ.އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރާ އެންމެހާ އަމުރުތަކަށް ޢަމަލުކުރުން އެންމެހާ ރައްޔިތުންގެ މައްޗަށް ވާޖިބުވާނެއެވެ. ރަސްމީ ތަފާސްހިސާބުތަކުން މި ބަލި ޢާލަމީ ވަބާއަކަށް ވެފައިވާ ކަން އެނގޭތީ ހުކުރުނަމާދަށާއި ފަރްޟު ނަމާދުގެ ޖަމާޢަތްތަކަށް ޙާޟިރުވުމާ ދުރުހެލިވާން ޖެހޭނެއެވެ. މި ބަލީގެ ސަބަބުން މަރުވަމުންދާ މީހުންގެ ޢަދަދުންނާއި ބަލި ޖެހެމުންދާ މީހުންގެ ޢަދަދުންނާއި ބަލި ފެތުރެމުންދާލެއް ހަލުވިކަމުންނާއި މި ބައްޔަށް އަދި ފަރުވާއެއް ފެނިފައިނުވާނުވުމުން މި ވަބާގެ ނުރައްކާތެރިކަން އެނގެއެވެ.

އަޒްހަރުގެ ބޮޑެތި ޢިލްމުވެރީންގެ ބަޔާން ބުނާގޮތުގައި ކޮންމެ ދައުލަތަކުން ވެސް މި ވަބާއާ ދެކޮޅަށް އެޅެން އޮތް އެންމެހާ ފިޔަވަޅުތަކާއި ކުރެވެން އޮތް އެންމެހާ ކަންތައްތަކާއި އިޖްރާއާތުތައް އަޅަން ޖެހޭނެއެވެ. އިސްލާމީ އުއްމަތުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި ކަމެއް ވެދާނެކަމަށް ނިމުތު ކުރެވުމަކީ ކަމެއް ވުމާ އެއްފަދަ ކަމެކެވެ. ކަމެއް ހިނގައިފާނެކަމަށް ބެލެވޭނަމަ އެ ކަމުގެ ޙުކުން އެ ހިނގައިފާނެކަމަށް ބެލެވޭ ކަމަކަށް އޮންނާނެއެވެ. އިސްލާމީ ޝަރީޢަތުގެ އެންމެ މުހިއްމު ލަޑުދަނޑިތަކުގެ ތެރޭގައި ހަށިގަނޑު ރައްކައިތެރިކުރުން ވެއެވެ.

އަޒްހަރުގެ މި ބަޔާން ބުނާގޮތުގައި ވަބާއިން ސަލާމަތްވުމަށް ޓަކައި ހުކުރު ނަމާދު ޤާއިމުނުކުރުމާއި ޖަމާޢަތުގެ ނަމާދު ޤާއިމުނުކުރުމަށް އިސްލާމްދީން ގޮވައިލައެވެ. ބުޚާރީއާއި މުސްލިމުގައި ރިވާވެގެން ވެއެވެ. (( ވަރަށް ވިއްސާރަ ދުވަހަކު އިބްނު ޢައްބާސުގެފާނު ބަންގި ގޮވާ މުދިމަށް ވިދާޅުވިއެވެ. ތިބާ (( أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ)) ކިޔައިފާ ( حَيّ عَلَى الصَّلاَةِ ) ނުކިޔާށެވެ! އަދި ކިޔާށެވެ! ( صَلُّوا فِي بُيُوتِكُمْ – ތިޔަބައިމީހުން ތިޔަބައިމީހުންގެ ގޭގައި ނަމާދުކުރާށެވެ! )  މީސްތަކުން އެކަމާ ދެކޮޅުހެދުމުން އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. މަށަށްވުރެ ހެޔޮކަން ބޮޑު ބޭކަލަކު އެގޮތަށް ވަނީ ޢަމަލު ކުރައްވައިފައެވެ. ހަމަކަށަވަރުން ހުކުރުނަމާދަކީ ޢަޒީމާއެކެވެ. ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް ބުރައެއް ޖައްސުވާކަށް އެދިވަޑައެއް ނުގަންނަވަމެވެ. ތިޔަބައިމީހުން ޗަސްބިންތަކާއި ކިސަޑުތަކުގެ ތެރޭގައި އެ ނަމާދަށް ދިޔުމަށް އެދިވަޑައެއް ނުގަންނަވަމުއެވެ. )) މި ބަސްފުޅުން އެނގޭގޮތުގައި ވާރޭގެ ސަބަބުން ޖަމާޢަތަށް ނަމާދަށް ދިޔުމަށް ބުރަވާތީ ނުދިޔުމުގެ ހުއްދަ މި ވަނީ ދެއްވައިފައެވެ. ވާރޭގެ ނުރައްކާތެރިކަމަށްވުރެ ކޮރޯނާ ވަބާގެ ނުރައްކާތެރިކަން މާ ބޮޑެވެ. ހުކުރު ނަމާދުގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދެވެ. ގޭގައި ނުވަތަ ބައިބޯ ކަމެއްނެތް ކުޑަ ޖަމާޢަތެއްގައެވެ.

ޙައްޖަށް ނުވަތަ ޢުމްރާއަށް ދިޔުން މަނާކުރުން

( މުސްލިމުންގެ ޢިލްމުވެރީންގެ ބައިނަލްއަޤްވާމީ އިއްތިޙާދު)  ގެ އަމީން ޢާއްމު ޢަލިލް ޤުއްރަ ދާޣީ ވިދާޅުވާ ގޮތުގައި އެއްވެސް ޝައްކެއްނެތް މިންވަރަށް ކޮރޯނާ ވަބާ ފެތުރިއްޖެނަމަ އަދި މީސްބޯވުމުގެ ސަބަބުން ނުވަތަ މިލުންވެރިކަމުގެ ސަބަބުން ބައެއް ޙައްޖުވެރީންނަށް ނުވަތަ ޢުމްރާވެރީންނަށް މި ވަބާ ޖެހިދާނެކަމުގެ އިޙްތިމާލު އޮތްނަމަ ޢުމްރާއަށާއި ޙައްޖަށް މީހުން އައުން މަނާކުރުން ހުއްދަވާނެއެވެ. މިއީ ގެއްލުމެއް މަނާކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި މަގު އަމާންވެގެން ނުވާނަމަ ޙައްޖުވުން ދޫކޮށްލުން ހުއްދަވާނެކަމަށް ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. އަދި ކިއެއްހެއްޔެވެ. ޙައްޖަކީ ކުޅަދާނަވެގެންވާ މީހާއަށް ( من استطاع إليه سبيلا ގެ މައްޗަށް ) އަދާކުރަން ޖެހޭ އަޅުކަމެކެވެ. މި (( استطاعة - ކުދާނަވެގެންވުން )) ޙާޞިލުކުރެވޭނީ އަމްނާއި އަމާންކަމާ ލައިގެންނެވެ. މިހެންކަމުން ވަބާއީ އެއްވެސް ބައްޔެއް ފެތުރުމަކީ ޙައްޖުވުމާއި ޢުމްރާވުން ދޫކޮށްލުން ހުއްދަކުރާނެ ޝަރްޢީ ޢުޒްރެކެވެ.

ޝައިޚު ޢަލީ އަލްޤުއްރާ ދާޣީ ވިދާޅުވާ ގޮތުގައި ހުކުރު ނަމާދާއި ޖަމާޢަތުގެ ނަމާދު ދޫކޮށްލުން ހުއްދަ ވާނީ ބަލިޖެހިދާނެކަމުގެ ބިރު ކަށަވަރުވާނަމައެވެ. ހަމައެކަނި ބަލި ޖެހިދާނެކަމަށް ބަލައިގެން ޖަމާއަތުގައި ނަމާދު ކުރުން ދޫކޮށެއް ނުލެވޭނެއެވެ. އޭނާ ވިދާޅުވާ ގޮތުގައި މިސްކިތްތައް ބަންދު ކުރެވޭނީ ސަރުކާރުން މަދްރަސާތަކާއި ޔުނިވަރސިޓީތައް ބަންދުކުރުމަށް އަމުރުކުރާ ހިސާބުންނެވެ.އޭނާ ވިދާޅުވި ގޮތުގައި ޤައުމުގެ ޞިއްޙަތާބެހޭ ރަސްމީ އިދާރާތަކުން ނެރޭ އަމުރުތަކާ އެއްގޮތަށް ބަލިބަލިން ރައްކައުތެރިވުމަށް ފިޔަވަޅު އަޅަންޖެހޭނެއެވެ. އިސްލާމްދީނުގައި ވަނީ ކަރަންޓީނުގެ އުޞޫލުތައް ކަނޑައަޅުއްވައިފައެވެ. ބައްޔެއް ޖެހިއްޖެނަމަ  ބޭސްކުރަން އަންގަވައިފައެވެ.

ޖަމާޢަތުގެ ނަމާދުގެ ޙުކުން

  • ޙަންބަލީ މަޒްހަބާއި ޡާހިރީ މަޒްހަބާއި، އިބްނު ތައިމިއްޔާއާއި، ޢަޠާއާއި އަލްއައުޒާޢީ ވިދާޅުވާ ގޮތުގައި ޖަމާޢާތުގެ ނަމާދަކީ ޢައިނިއްޔަ ފަރްޟެކެވެ. މި ބޭކަލުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި އައިސްފައިވާ ކޮންމެ އަމުރަކީ ވާޖިބެކެވެ.
  • ނަމަވެސް ޙަނަފީންނާއި ، މާލިކީންނާއި، ޝާފިޢީން ވިދާޅުވާ ގޮތުގައި އެއީ ޢައިނިއްޔަ ވޖިބެއްނޫނެވެ. އައްޝާފިޢީ ވިދާޅުވާ ގޮތުގައި އެއީ ކިފާއީ ވާޖިބެކެވެ. މިތާނގައި ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ޝާފިޢީގެފާނުގެ ރައުޔަށެވެ.[1] މާނައަކީ އެއީ ކިފާޔަތުގެ ވާޖިބެކެވެ.

ޙުކުރު ނަމާދުގެ ޙުކުން

     ހުކުރު ނަމާދަކީ އެއްވެސް ދެބަސްވުމެއްނެތް ގޮތުގައި ވާޖިބު ނަމާދެކެވެ. ޞައްޙަ ބަސްފުޅުތައް ބުނާގޮތުގައި އެއީ ޢައިނިއްޔަ  ވާޖިބެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ [2]- އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ!))

އިސްލާމީ ޝަރީޢަތަށް ބަލާއިރު

  • މި ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ނަފްސު ރައްކައުތެރިކުރުން ވެއެވެ. ދީން ރައްކައުތެރިކުރުމަށްފަހު ދެން އެންމެ އިސްކަންދޭން ޖެހޭ މަޤްޞަދަކީ ނަފްސު ރައްކައުތެރިކުރުމެވެ. މި ނަފްސު ރައްކައުތެރިކުރަން ގޮވައިލައްވައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَلَا تَقْتُلُوٓا۟ أَنفُسَكُمْ إِنَّ ٱللَّـهَ كَانَ بِكُمْ رَحِيمًا[3] - އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. )) އެހެން ބަސްފުޅެއްގައި ވަޙީ ކުރެއްވިއެވެ. ((وَلَا تُلْقُوا بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ [4]-އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!  ))
  • އިސްލާމީ ޝަރީއަތް  ޤާއިމުވެފައިވަނީ ލުއި ފަސޭހަކަމުގެ މަތީގައެވެ. ދަތި އުދަނގޫ ކުރުމެއް އެ ޝަރީޢަތުގައި ނުވެއެވެ. ބުރަކުރުމެއް ވެސް ނެތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((  يُرِيدُ ٱللَّـهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ[5] - اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.))
  • އަޅުކަމެއް އަދާކުރުމުގައި ގެއްލުމެއް ނުވަތަ ބުރައެއް ތަޙައްމުލު ކުރަން ޖެހިއްޖެނަމަ މާތް ﷲ މީސްތަކުންނަށް އެކަމުގައި ވަނީ ( ރުޚްޞާ[6] )) ދެއްވައިފައެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. (( إِنَّ اللهَ يُحِبُّ أَنْ تُؤْتَى رُخَصُهُ كَمَا يَكْرَهُ أَنْ تُؤْتَى مَعْصِيَتُهُ[7] – ހަމަކަށަވަރުން ﷲ ލޯބިވެވޮޑިގަންނަވަނީ އެކަލާނގެ ދެއްވި ރުޚްޞާގައި ހިފުމަށެވެ. އެކަލާނގެ އަށް އުރެދުމަކަށްވާ ކަންތައްތައް ގެނެސްގަތުމަށް ﷲ  ރުހިވވޮޑިނުގަންނަވާ ފަދައިންނެވެ. ))
  • ގެއްލުމެއް އޮވެއްޖެނަމަ އެކަމެއް ދުރަށްލުން ވާޖިބުވާނެތެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. (( لَا ضَرَرَ وَلَا ضِرَار[8] – ގެއްލުމެއް ލިބިގަތުމެއް އަދި ގެއްލުމެއް ދިނުމެއް ނެތެވެ. )) މިއީ ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގެންފައިވާ އިސްލާމީ ފިޤްހުގެ މަޝްހޫރު ޤަވާޢިދެކެވެ.
  • ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޖަމާޢަތުގައި ނަމާދުކުރުން ދޫކޮށްލުން ހުއްދަކުރާ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ތިމާގެ ނަފްސަށް ނުވަތަ އަނބިދަރީންނަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރެއް އޮތުން ވެއެވެ. ކޮރޯނާ ވަބާގައި މި ބިރުވެރިކަން އެބަ އޮތެވެ. އެހެންވީމާ އޭނާ މީސްތަކުންނާ ގައިގޯޅިވެ އުޅުމާއި މިލިގެން އުޅުމާ އެކަހެރިވާން ޖެހޭނެއެވެ.އޭނާއަށް މި ގޮތުން އެ ވަބާ ޖެހިދާނެތީއެވެ. ވީމާ އޭނާއަށް ޖަމާޢަތަށް ނަމާދަށް ދިޔުން ދޫކޮށްލުން ހުއްދަވާނެއެވެ.
  • ފިޔައާއި ލޮނުމެދުފަދަ އޭގެ ވަހުގެ ސަބަބުން މީސްތަކުންނަށް އުދަނގޫވާ އެއްޗެއް ކައިގެން މިސްކިތަށް ނުދިޔުމަށް ރަސޫލާ r ވަނީ އަމުރުކުރައްވައިފައެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. ((مَنْ أَكَلَ الْبَصَلَ وَالثّومَ وَالْكُرَّاثَ فَلَا يَقْرَبَنَّ مَسْجِدَنَا، فَإِنَّ الْمَلَائِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ بَنُو آدَمَ[9] - ފިޔައާއި ލޮނުމެދާއި ލީކް ކޭމީހާ ފަހެ އަހުރެމެންގެ މިސްކިތާ ކައިރި ނުވާށެވެ! ފަހެ ހަމަކަށަވަރުން މީސްތަކުންނަށް ތުރާ ފޯރާ ކަންތައްތަކުން މަލާއިކަތް ބޭކަލުންނަށް ވެސް ތުރާ ލިބިވަޑައިގަންނަވައެވެ.)) އެހެންވީމާ ގައިންގަޔަށް އަރާ ބާވަތުގެ  ބައްޔެއް ޖެހިފައިވާ މީހާ މިސްކިތާ އެކަހެރިވުން ވާޖިބުވާނެކަން ކަށަވަރެވެ.
  • އިސްލާމީ ޝަރީޢަތުގައި  ޞިއްޙީ އެކަހެރި ކުރުމަކީ އެކަމަށް އަމުރުކުރައްވައިފައިވާ ކަމެކެވެ. އަބޫ ހުރައިރަތުގެފާނު އަރިހުން ބުޚާރީއާއި މުސްލިމު ރިވާކުރެއްވިއެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ (( لاَ يُورِدَنَّ مُمْرِضٌ عَلَى مُصِحٍّ – ބަލިޖެހިވާ މީހަކު  ދުޅަހެޔޮ މީހެއްގެ ގާތަށް ނުދާހުށިކަމެވެ. )) ވީމާ ކޮރޯނާ ވައިރަހަށް ފައްސިވެފައިވާ މީހަކު އެ ބަލި އަދި ނުޖެހޭ މީހެއްގެ ގާތަށް ގޮސް އުޅުން ޙަރާންވާނެއެވެ. ކޮރޯނާ ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ޢަލާމަތެއް ( ކެއްސުން، ކިބިހިއެޅުން ކަރުގައި ރިއްސުން، ހުން އައުން ފަދަ ކަމެއް )  ހުރި މީހާ އެއްވެސް ބައްދަލުވުމަކަށް އަދި އެއްވެއުޅުމަކަށް ގޮސްގެން ނުވާނެއެވެ. އޭނާ ހުކުރަށާއި ފަރްޟު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވެގެން ނުވާނެއެވެ. މީހެއްގެ ޖަނާޒާގައި ވެސް ބައިވެރިވެގެން ނުވާނެއެވެ.
  • ކަރަންޓީނުގެ ނިޒާމަކީ އިސްލާންދީން ތަޢާރުފުކޮށްފައިވާ ނިޒާމެކެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުއްރަޙްމާނު ބިން ޢައުފުގެ އަރިހުން ބުޚާރީއާއި މުސްލިމު ރިވާކުރެއްވިއެވެ. رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. (( إِذَا سَمِعْتُمْ بِهِ بِأَرْضٍ فَلاَ تَقْدَمُوا عَلَيْهِ، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا، فَلاَ تَخْرُجُوا فِرَارًا مِنْهُ – ރަށެއްގައި ޠާޢޫން ބަލި އުޅޭކަމުގެ ޚަބަރު ތިޔަބައިމީހުންނަށް ލިބިއްޖެނަމަ ތިޔަބައިމީހުން އެ ބިމަކަށް ނުދާށެވެ! އަދި ތިޔަބައިމީހުން އެ ބިމެއްގައި ތިއްބާ އެ ރަށުގައި ޠާޢޫން ބަލި ފެތުރިއްޖެނަމަ އެ ބަލިން ފިލުމަށް ޓަކައި  ތިޔަބައިމީހުން އެ ރަށަކުން ބޭރަށް ނުނުކުންނާށެވެ! )).
  • އަޒްހަރުގެ ބަޔާނުގައި ހަނދާންކޮށް ދެއްވައިފައިވާ 4 ކަމެއް ވެއެވެ.އެއީ

ހ – ޖަމާޢަތުގައި ނަމާދު ނުކުރިޔަސް ކޮންމެ ވަގުތަކަށް ބަންގި ގޮވުން

ށ- ގޭގައި އުޅޭ މީހުން  ގޭގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުން

ނ- ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ކިޔަމަންގަތުމާއި ދޭ އިރްޝާދުތަކަށް ތަބާވުން

ރ- މި ވަބާއިން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲއަށް ދުޢާދެންނެވުން އިތުރު ކުރުމާއި ހެޔޮފޯރުވުން ގިނަކުރުން

[1]  - انظر: البدائع (1/ 155)، والخرشي (2/ 16)، والمجموع (4/ 184).

[2]  - الجمعة: 9

[3]  -  النساء :29

[4]  -  البقرة : 195

[5]  -  البقرة : 185

[6]  - ރުޚްޞާއަކީ : ޢުޒުރަކަށް ޓަކައި ދަލީލާ ޚިލާފަށް  ސާބިތުވެފައިވާ ޙުކުމެވެ.

[7] -  رواه أحمد في المسند (5866 )

[8]  - رواه أحمد (2865)

[9]  - رواه البخاري في الطب (5770) ومسلم في السلام (2221).

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.