ކޮވިޑް- 19 އާ ގުޅިގެން ފަތުރުވެރިކަން ދަށަށްދާ ނިސްބަތަށް ބަލާއިރު މިއަހަރު ދައުލަތުގެ އާމްދަނީ 135.9 މިލިއަން ޑޮލަރާއި 446.6 މިލިއަން ޑޮލަރާ ދެމެދުގެ ނިސްބަތަކަށް ދަށަށް ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސާކް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އިސްނެންގެވުމަކަށް، ސާކްގެ އަށް ގައުމުގެ އިސް ވެރިންގެ މެދުގައި މިއަދު ފެއްޓެވި ވީޑިއޯ ކޮންފަރެންސްގައި ރައީސް ޞާލިޙް ވަނީ ކޮވިޑް- 19 އާ ގުޅިގެން ރާއްޖެ ކުރިމަތިވެފައިވާ ގޮންޖެހުންތައް ހާމަކުރައްވައިފައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރާއްޖެ އަށް ފަތުރުވެރިން އަންނަ ނިސްބަތް، ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމު މާކުރިން ފެށިގެން ދަށަށް ދާން ފަށައިފައިވާ ކަމަށެވެ. މިދިޔަ ފެބުރުއަރީ މަހު 14.3 ފަތުރުވެރިކަން ދަށަށް ދިޔަކަން ފާހަގަ ކުރެއްވި އެވެ. އަދި މިމަހު ފުރަތަމަ 10 ދުވަހުގެ ތެރޭގައި 22.8 އިންސައްތައަށް ފަތުރުވެރިކަން ދަށަށް ގޮސްފައިވާ ކަން ވެސް ވަނީ ފާހަގަ ކުރައްވައި ފައެވެ. މިނިސްބަތުގައި ފަތުރިވެރިކަން ދަށަށް ދާނަމަ އަހަރު ނިމޭއިރު 35 އިންސައްތައަށް ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް އަންނަ ކޮންމެ ލޮޅުމަކީ ރާއްޖޭގެ އިޤްތިޞާދަށް އެކަމުން ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އިންސައްތައެއް ފަތުވެރިކަމަށް ބަރޯސާވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ވެސް ފަތުރުވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއަކީ އިމްޕޯރޓް މުދަލަށް ބަރޯސާވާ ޤައުމަކަށް ވުމުން، ލިބޭ ބޭރު ފައިސާގެ އަދަދު މަދުވެއްޖެ ނަމަ ރާއްޖެއަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި ލިބޭ އާމްދަނީ ދަށްވުމުން ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް ވެސް ހުރަސްތައް ކުރިމަތި ވާނެކަން ފާހަގަ ކުރެއްވިއެވެ
ސަރަޙައްދީ ޤައުމުތަކުގެ މެދުގައި އެކުލަވާލާ ސްޓްރެޓެޖީއަށް ތާއީދުކުރައްވައި އެ ސްޓްރެޓެޖީގައ މައިގަނޑު ތިން ކަމެއް ހިމަނަން ދިވެހި ސަރުކާރުން ވެސް ހުށަހެޅުއްވިއެވެ. އޭގެތެރޭގައި ހިމެނެނީ ސަރަހައްދީ ޤައުމުތަކުގެ ހެލްތް އެޖެންސީތައް ގުޅިގެން މަސައްކަތްކޮށް، މައުލޫމާތު ބަދަލުކުރުމުގައި ހުރަހެއް ނެތްކަން ކަށަވަރުކުރުމާއި އިގުތިސާދީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް ލުޔެއް ދިނުމުގެ ޕެކޭޖެއް އެކުލަވައިލުމާއި ދިގުމުއްދަތުގެ ރިކަވަރީ ޕެކޭޖެއް އެކުލަވައިލުމެވެ.
ކޮވިޑް 19 ގެ ރާއްޖޭގެ އެންމެ ފަހުގެ ޙާލަތުވެސް ރައީސް ޞާލިޙް ވަނީ ސާކް ޤައުމުތަކުގެ އިސް ވެރިނާ ޙިއްސާ ކުރައްވައިފައެވެ.
Thi meehunge Modi laari ossadheyne.e heyo amilla gaumu ga an'gayaa athaa dhimaanuve kithamme gina meehun thibbas