ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެކިއެކި ބޭނުންތަކުގައި ދޫނިދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އަޅުކަން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ދޫނިދޫގައި އަލަށް އިމާރާތްކުރެވޭ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިއަދު ހެނދުނު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެމިސްކިތުގެ ބިންގާ ރަސްމީކޮށް އަޅުއްވާ ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް އަޒުލީން އަޙުމަދާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އަލްފާޟިލް އަޙުމަދު ޒިޔާދު ބާގިރު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފުއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ދެއްކެވި ވާހަކަފުޅުގައި ފުލުހުން ދީނީ އަޅުކަންތަކަށް ފަރުވާ ބެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުން ދީނީ ކަންކަމުގައި ފަރުވާ ބެހެއްޓުމަކީ އޯގާތެރި އިޚްލާސްތެރި ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ކޮންމެހެންވެސް މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ. އަދި ދޫނިދޫގައި އިމާރާތްކުރެވޭ މިސްކިތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި ހުރިހާ ފުލުހުންނާއި މުވައްޒަފުންވެސް ދީނީ ކަންކަމުގައި މަޝްޢޫލެވެ އުޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންނެވިއެވެ.
ދޫނިދޫގައި އިމާރާތްކުރެވޭ މިސްކިތުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު އެތަނުގައި ބިނާކުރެވޭ މިމިސްކިތުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުން އަމިއްލައަށެވެ.
ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުން ނަމާދުކުރުމަށް މިހާރު ބޭނުންކުރަމުންދަނީ ކުރިން ފުލުހުންގެ ބެރެކްސްއެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. އަލަށް އިމާރާތްކުރެވޭ މިމިސްކިތުގެ ސަބަބުން ގިނަ މުވައްޒަފުންނަށް އެކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
ދޫނިދޫ މިސްކިތުގެ ބިންގާ އެޅުމަށް މިއަދު އޮތް ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އިންޓެގްރޭޓެޑް ސަރވިސަސްގެ އިސްވެރިންނާއި އެ ކޮމާންޑުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.