ސުކޫލުގައި ކިޔަވައިދޭ މާއްދާތައް އުވާލާ ފުރަތަމަ ގައުމަކަށް ވާން ފިންލެންޑުން ފައި ނަގައިފި

ސުކޫލުގައި ކިޔަވައިދޭ މާއްދާތައް އުވާލާ ފުރަތަމަ ގައުމަކަށް ވާން ފިންލެންޑުން ފައި ނަގައިފިއެވެ.

ފިންލެންޑްގެ ތައުލީމީ ނިޒާމަކީ ދުނިޔޭގެ އެއް ނަންބަރު ތައުލީމީ ނިޒާމެވެ. ބައިނަލްއަގުވާމީ ދިރާސާތަކުގެ އެންމެ މޮޅު ދިހަ ގައުމުގެ ތެރޭގައި އަބަދުވެސް ފިންލެންޑް އޮވެއެވެ. އެކަމަކު އެވަރަކުން އެތާނގެ ސަރުކާރަކަށް ނުފުދެއެވެ. އެހެންވީމާ މިހާރު މަސައްކަތް ފަށާފައި ވަނީ ސުކޫލުގެ ކިޔަވައި ދިނުމުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެންނާށެވެ.

ސަރުކާރުން ބޭނުން ވަނީ ސުކޫލުގައި ކިޔަވައިދޭ ވަކިވަކި މާއްދާތައް އުވައިލާށެވެ. އެ މާއްދާތައް އުވައިލީމާ މިހާރު ކިޔަވައިދޭ ގޮތަށް ފިޒިކްސް އާއި، ހިސާބާއި، އަދަބިއްޔާތާއި، ތާރީޚާއި، ޖޯގުރަފީ ފަދަ މާއްދާތައް ކިޔަވައެއް ނުދޭނެއެވެ.

ހެލްސިންކީގައި ހުންނަ ޑިޕާޓްމަންްޓް އޮފް އެޑުކޭޝަންގެ ވެރިޔާ މާޔޯ ކައިލޮނެން ވިދާޅުވިއެވެ. "މުސްކުޅި އާދައިގެ މަތީން ކިޔަވައި ދިނީމާ 1900 ގެ އަހަރުތަކުގެ ކުރީކޮޅު ކުރީ ފައިދާ ކަމުގައި ބެލެވިދާނެއެވެ. އެކަމަކު މިހާރުގެ ބޭނުންތައް އޭރާ ތަފާތެވެ. މިހާރު ބަލަން ވާނީ 21 ވަނަ ގަރުނަށް ފެތޭ ކަމެއް ކުރެވޭތޯއެވެ."

ވަކިވަކި މާއްދާތައް ކިޔެވުމުގެ ބަދަލުގައި ދަރިވަރުން ދަސްކުރާނީ ވާގިއާތަކާއި ނަތީޖާތަކެވެ. ދަސްކުރާނީ ވަކި ސުލޫކެއްގެ މަތީގައި ގާއިމު ކުރެވޭ އުސޫލުތަކެއްގެ ތެރެއިންނެވެ. މިސާލަކަށް ދެވަނަ ބޮޑު ހަނގުރާމަ ކިޔަވައިދޭއިރު، އެ ވާގިއާތަކުގެ ތެރެއިން ތާރީޚާއި، ޖީގުރަފީއާއި ހިސާބު އުނގެނެމުން ދާނީއެވެ. ވަކި ކޯހެއްގެ ގޮތުގައި "ސައި ހޮޓާލެއްގައި މަސައްކަތް ކުރުން" ކިޔަވައިދޭއިރު، ކިޔެވުމުގެ ތެރެއިން ބަހާއި، އިގްތިސާދާއި، މުވާސަލާތުގެ ހުނަރު ދަސްވަމުން ދާނެއެވެ.

މި ނިޒާމު ފުރަތަމަ ތައާރަފު ކުރާނީ ބޮޑެތި ކުދިންނަށެވެ. އުމުރުން 16 އަހަރުން ދޮށީ ކުދިންނަށެވެ. އެ ކުއްޖަކު ދަސްކުރާނޭ ހާލަތެއް ނުވަތަ ވާގިއާއެއް ކަނޑައަޅާނީ އެ ކުއްޖަކު އަމިއްލަ އަށެވެ. އެއީ އެ ކުއްޖަކު ކުރިމަގު ބައްޓަން ކުރާން ބޭނުންވާ ގޮތަކާއި، ކުރިއަށް ދާން ބޭނުންވާ ދާއިރާއަކާއި، އެ ކުއްޖެއްގެ ގާބިލިއްޔަތުގެ މައްޗަށް ބަލައި ނިންމާ ނިންމުމެކެވެ. މިހެން ހެދީމާ ފިޒިކްސް ނުވަތަ ކެމިސްޓްރީ ފަދަ މާއްދާތައް އެކީގައި ކިޔެވުން ލާޒިމެއް ނުވާނެއެވެ. އެފަދަ މާއްދާތައް ކިޔެވެމުން ދާނީ އެ ކުއްޖަކު އިޚުތިޔާރު ކުރާ ޕްރޮގްރާމެއްގެ ތެރެއިންނެވެ. ކުދިން ދަސްކުރާ އެއްޗެއް ދަސް ކުރަނީ ކީއްކުރަންކަން އެ ކުދިންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

މިހާރު މި އޮންނަ މުދައްރިސާއި ދަރިވަރު ވާހަކަ ދެއްކުމުގެ އުސޫލުވެސް މި ނިޒާމުގެ ތެރެއިން ބަދަލު ވެގެން ދާނެއެވެ. މުދައްރިސު ކުރާ ސުވާލަކަށް ގޮނޑިއެއްގައި އިށީނދެގެން އިނދެ ޖަވާބު ދިނުމުގެ އާދަވެސް އެހެން ގޮތަކަށް ފުރޮޅައިލާނެއެވެ. މި ނިޒާމުގައި އޮންނާނީ ކުދި ގުރޫޕުތައް ހަދައިގެން މަޝްވަރާކޮށް ހައްލު ހޯދައި، ދަސް ކުރުމުގެ އުސޫލެވެ.

ފިންލެންޑްގެ ތައުލީމީ ނިޒާމު ބާރު އަޅަނީ މުދައްރިސުންނާއި ދަރިވަރުން ގުޅިގެން ކުރާ މަސައްކަތުން ނަތީޖާ ނެރޭށެވެ. އެހެންވީމާ މި ނިޒާމު ތައާރަފު ކުރުމުން މުދައްރިސުންގެ މަސައްކަތަށްވެސް ބަދަލު އަންނާނެއެވެ. ވަކިވަަކިން އެކި މާއްދާތައް ކިޔަވައިދޭ މުދައްރިސުންނަށް ޖެހޭނީ ދަރިވަރުންނާ ގުޅިގެން އެކީގައި މަސައްކަތް ކުރާށެވެ. މި ނިޒާމު އެކުލަވައިލުމަށް ކުރަމުން ގެންދާ މަސައްކަތުގައި މިހާރު ފިންލެންޑްގެ ވެރިރަށް ހެލްސިންކީގައި މަސައްކަތް ކުރާ މުދައްރިސުންގެ 70 އިންސައްތަ ބައިވެރިވެއްޖެއެވެ. ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި މި މަސައްކަތުގައި ބައިވެރިވާ މުދައްރިސުންގެ މުސާރަ ބޮޑު ކުރާނެއެވެ.

މުޅި ނިޒާމު ގާއިމުކޮށް ނިމޭނޭ ކަމަށް ލަފާ ކުރަނީ 2020 ވަނަ އަހަރުއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.