2010 ގެ ފަހުން ރާއްޖެއިން ހިމަބިހީގެ މައްސަލައެއް ރިޕޯޓުކޮށްފައެއް ނެތް: ޑރ. އަރުވިންދު މާތުރު

2010 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން ހިމަބިހީގެ ކޭހެއް ރިޕޯޓްކޮށްފައިނުވާކަމަށް ދުނިޔޭގެ ޞިއްޚަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑޮކްޓަރ އަރުވިންދު މާތުރު ވިދާޅުވެއްޖެއެވެ. ޑޮކްޓަރ އަރުވިންދު މާތުރު މިހެން ވިދާޅުވީ ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުމުގެ ޤައުމީ ކެމްޕެއިން އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޑޮކްޓަރ އަރުވިންދު މާތުރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދުރު ވިސްނޭ ސިޔާސަތަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅަށް ތަޢުރީފުކުރައްވާ، ޞިއްޚީ ދާއިރާއިން ރާއްޖެ ހޯދަމުން އަންނަ ކާމިޔާބީތަކަށް މަރުޚަބާ ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ދުނިޔޭގެ ޞިއްޚަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑޮކްޓަރ އަރުވިންދު މާތުރުގެ އިތުރުން މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ސިއްޙީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.