ކަޝްމީރުގެ މުސްލިމް ޒައީމު ފާރޫޤު ޢަބްދުﷲ މިނިވަންކޮށްފި

ކަޝްމީރުގެ އިންޑިޔާ ފަޅީގެ ކުރީގެ ޗީފް މިނިސްޓަރު އަދި އެންެމެ މަގުބޫލު އެއް ސިޔާސީ ޒައީމު، ފާރޫޤު ޢަބްދުﷲ ގޭބަންދުން މިނިވަންކޮށްފިއެވެ. އެހެން ސިޔާސީ ޒައީމުންނާއެކު އިންޑިޔާ ސަރުކާރުން އޭނާ ބަންދުކުރީ ފާއިތުވި އޮގަސްޓު މަހުގެ  5 ވަނަ ދުވަހުއެވެ. އެއީ އިންޑިޔާގެ ގާނޫނޫ އަސާސީން ކަޝްމީރަށް ދީފައި އޮތް އިމްތިޔާޒުތައް އުވާލަން އިންޑިޔާ ސަރުކާރުން ނިންމުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައެވެ.

ކަޝްމީރުގެ ނޭޝަނަލް ކޮންފަރެންސް (އެންސީ) ޕާޓީގެ ޒައީމު ހަތް މަހަށް ފަހު ގޭބަންދުން ދޫކޮށްލުމާއެކު އޭނާ ވަނީ ބަންދުކޮށް އެހެން ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ގޮވައިލައްވާފައެވެ.

"މި މިނިވަންކަން ފުރިހަމަ ވާނީ ބަންދުގައި ތިއްބެވި އެހެން ހުރިހާ ސިޔާސީ ޒައީމުންވެސް (އޭގެ ތެރޭގައި ކުރީގެ ޗީފް މިނިސްޓަރުންކަމުގައިވާ މަޙްބޫބާ މުފްތީ އާއި ޢުމަރު ޢަބްދުﷲ ހިމެނިވަޑައިގަންނަވާ) މިނިވަންކުރުުމުން. އަހަރެން އުއްމީދުކުރަން އިންޑިޔާ ސަރުކާރުން މި ފިޔަވަޅު އަޅައި އެންމެން ދުކޮށްލާނެ ކަމަށް." ފާރޫޤު ޢަބްދުﷲ ވިދާޅުވިއެވެ. ޢުމަރު ޢަބްދުﷲ އަކީ ފާރޫޤު ޢަބްދުﷲގެ ދަރިކަލެކެވެ.

ފާރޫޤު ޢަބްދުﷲ ދޫކޮށްލި ވާހަކަ ހާމަކުރި ބަޔާނުގައި އިންޑިޔާ ސަރުކާރުން އޭނާ ދޫކޮށްލި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.

އުމުރުފުޅުން 82 އަހަރުގެ ފާރޫޤު ޢަބްދުﷲ އަކީ ކަޝްމީރުގެ އެންމެ ވަރުގަދަ ސިޔާސީ އެއް ޒައީމެވެ. ތިން ފަހަރު މަތިން ކަޝްމީރުގެ ޗީފް މިނިސްޓަރުކަން ކުރައްވާފައިވާ ފާރޫޤު ޢަބްދުﷲ އަކީ މިހާރު އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކްސަބާގައި ސްރީނަގަރް ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.