ޙަޟާރީ ތަހުޒީބީ ބިދްޢަ (1)

އިސްލާމީ ފިކްރުގެ މައިދާނުގައި " ބިދްޢަ " އަކީ ވަރަށް އޮޅުންބޮޅުންކަން  ބޮޑު ލަފުޒެކެވެ. ނުވަތަ މުޞްޠަލަޙެކެވެ. ދުނިޔޭގެ މަސްރަޙަށް ބަލާއިރު " ބިދްޢަ " އާއި " ތަކްފީރު" އަކީ  މުސްލިމުންގެ މެދުގައި އެންމެ ބޮޑަށް ބައިބައިވުމާއި އަރާރުން އުފައްދާ ދެ މުޞްޠަލަޙެވެ. ބައެއް މީހުންނަކީ  ކޮންމެ ކަމެއް ވަރަށް އަވަހަށް ބިދްޢައަކަށް ހަދައި ބައެކެވެ. އެމީހުންގެ ގާތުގައި ބިދްޢަވެރީންނަކީ ފާސިޤުންނެވެ. އެފަދަ މީހުންނާއެކު މުޢާމަލާތުކުރުން ހުއްދަ ނުވާނެތެވެ.  އެފަދަ މީހުން ބޮއިކަޓްކޮށް މިއްލަތުން ބޭރަށް ނެރެ އެއްލައިލަން ޖެހޭނެއެވެ.

ބިދްޢައިގެ މަފްހޫމުގެ ނުރައްކާތެރިކަމާއި އޭގެ އަސަރު ފަރްދުންގެ ފުށުން ޖަމާޢާތަށް ، ޖަމާޢަތުގެ ފުށުން ދައުލަތަށް ،  ދައުލަތުގެ ފުށުން ޙަޟާރަތަށް ވެސް ވަނީ ކޮށްފައެވެ.

ބިދްޢައިގެ މަފްހޫމުގެ ނުރައްކާތެރިކަން

ބިދްޢައިގެ މަފްހޫމު ނޭނގުމުގެ ސަބަބުން އުއްމަތަށް ވަރަށް ނޭދެވޭ އަސަރުތައް ވަނީ ކޮށްފައެވެ. އެކަމުގެ ސަބަބުން އުއްމަތުގެ ޙަޟާރަތް ވަނީ ފަހަތަށް ސޮއްސާލައިފައެވެ.

ޢުޘްމާނީ ޚިލާފަތުގައި ޗާޕުކުރާ މެޝިނެއް އިސްތަންބޯލަށް ގެނައުމުން ޢުޘްމާނީ ސުލްޠާނު އެ މެޝިނާ ދެކޮޅު ހެއްދެވިއެވެ. އެ ކަމާ ބެހޭގޮތުން ނެރެވުނު ބައެއް ފަތުވާތަކުގައި އެއީ ބިދްޢައަކަށް ވާތީ ޗާޕު މެޝިން ބޭނުންކުރުން ޙަރާންވާނެ ކަމަށް ބުނެފައި ވެއެވެ. އޭގެ ސަބަބުން ޤުރްއާނާއި ސުންނަތާއި ޝަރްޢީ ޢިލްމުތަކާއި ޢަރަބިބަހުގެ ޢިލްމުތައް ގެއްލިގެން ހިނގައިދާނެތީއެވެ. އެއަށްފަހު ޤުރްއާނާއި ސުންނަތާއި ފިޤްހާއި ޝަރްޢީ ފޮތްތައް ނޫން ފޮތްތައް ޗާޕުކުރުމަށް އެ މެޝިން ބޭނުންކުރުން ހުއްދަވާނެ ކަމަށް ފަތުވާ ނެރެވުނެވެ. ނަތީޖާއަކަށް ވީ ޢިލްމީ ތަރައްޤީގެ މައިދާނުގައި ޗާޕު މެޝިން ބޭނުންކޮށްގެން ހުޅަނގު ކުރިއަރައި ދިޔުމެވެ. މުސްލިމުން އެތައް އަހަރުތަކަކަށް ފަހަތަށް ސޮއްސާލުމެވެ. މިއީ ބިދްޢައިގެ މަފްހޫމު ނުބައިކޮށް ވިސްނުމުގެ ސަބަބުން އަޅުގަނޑުމެންނާ ކުރިމަތިވި ވަބާއެކެވެ.

ބިދްޢައިގެ މަފްހޫމު ނުބައިކޮށް ވިސްނުމުގެ ސަބަބުން ދައުލަތެއް ވެއްޓި އެހެން ދައުލަތެއް ވަނީ ޤާއިމުވެފައެވެ.ޢުޘްމާނީ ދައުލަތުގެ ވެރިޔާ ސުލްޠާނު ސަލީމު ( އެއްވަނަ ) މިޞްރަށް ޙަމަލާ ދެއްވައި މިޞްރުގެ ވެރިކަމުގައި ތިބި މަމާލިކުންނާ ހަނގުރާމަ ކުރެއްވިއިރު އެމީހުންނާ ދެކޮޅަށް ބާރޫދު ބޭނުން ކުރެއްވިއެވެ.މަމާލިކުން ޢުޘްމާނީންނާ ދެކޮޅަށް ބާރޫދު ބޭނުންކުރުމާ ދެކޮޅު ހެދިއެވެ. އެއީ ބިދްޢައަކަށް ވާތީއެވެ. ރަސޫލާ r އާއި އެކަލޭގެފާނުގެ ޞަޙާބީން ބާރޫދު ބޭނުން ކުރައްވައިފައި ނުވާތީއެވެ. މަމާލިކުން ބަލިވެ މަމްލޫކީ ރަސްގެފާނު ދަންޖެއްސުމަށް ގެންދެވުނު ހިނދު ސުލްޠާން ސަލީމާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. " ރަސޫލާ r އާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި ސަލަފުން ދެނެވަޑައިނުގަންނަވާ ބިދްޢައަކުން ތިޔަބައިމީހުން އަހުރެމެންނާ ހަނގުރާމަކޮށްފީމުއެވެ. އަހުރެމެންނާ ހަނގުރާމަ ކުރީ އެ ބިދްޢައިންނެވެ.އަހުރެމެން އެ ބިދްޢަ ބޭނުންކުރިނަމަ ތިޔަބައިމީހުންނަށް އަހުރެމެން ބަލި ނުކުރެވޭނެތެވެ. އެހެނަސް އަހުރެމެންނަކީ ރަސޫލާގެ ސުންނަތާ ދެކޮޅުހަދާ ބައެއް ނޫނެވެ. އެކަލޭގެފާނު އަންގަވައިފައި ވަނީ ކަނޑިން ޖިހާދު ކުރުމަށެވެ.ﷲގެ އެއްކައުވަންތަކަން ޤަބޫލު ކުރާ ބަޔަކާ ދެކޮޅަށް މި ބިދްޢައިން ތިޔަބައިމީހުން ހަނގުރާމަ ކުރާނީ ކިހިނެއް ހެއްޔެވެ؟

ބިދްޢައިގެ މަފްހޫމު

ބިދްޢަޔާ ބެހޭގޮތުން ޢިލްމުވެރީންގެ މެދުގައި އުފެދިފައިވާ ދެބަސްވުމަކީ ވަރަށް ޤަދީމީ ކަމެކެވެ. އެހެންކަމުން ބިދްޢައިގެ ބަހަވީ މާނައަށާއި އިޞްޠިލާޙި މާނައަށް ބަލާލުން ރަނގަޅުވާނެ ކަމަށް ދެކެމެވެ.

ބަހަވީ މާނަ :   بِدْعَة   އައިސްފައި ވަނީ  بدَعَ يَبْدَعُ بَدْعاً އިންނެވެ.  އުފައްދައިފި ނުވަތަ ފަށައިފި އެވެ.  އެއްޗެއް  إِبْدَاع   ކުރުމަކީ އަލަށް އެއްޗެއް އުފެއްދުމެވެ. ނުވަތަ އަލަށް ކަމެއް ފެށުމެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ[1] - ކަލޭގެފާނު ވިދާޅުވާށެވެ! ރަސޫލުންގެ ތެރެއިން ފުރަތަމަ (ފޮނުއްވި)  ރަސޫލަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ.)

ބިދްޢާގެ އިޞްޠިލާޙީ މާނަ

ފިޤްހު ޢިލްމުވެރިން ބިދްޢަ މާނަ ކުރައްވާފައި ވަނީ މި އަންނަ ގޮތަށެވެ.

އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތުމަށްފަހު ހެޔޮ ކަމަކަށް ވިޔަސް ނުބައި ކަމަކަށްވިޔަސް، އަޅުކަމަކަށްވިޔަސް އާދަކާދައަކަށްވިޔަސް އުފެއްދޭ ކޮންމެ އައު ކަމެކެވެ. ޝާފިޢީގެފާނާއި ، އައްޢިއްޒު ބުނު ޢަބްދުއްސަލާމާއި ، ޤަރާފީއާއި، ޣަޒާލީއާއި، އިބްނުލްއަޘީރާއި ، ނަވަވީ ވިދާޅުވާ ގޮތުގައި ބިދްޢައަކީ ، ރަނގަޅު ކަމަކަށް ވިޔަސް ،  ނުބައި ކަމަކަށްވިޔަސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  އަށްފަހު އަލަށް އުފެއްދޭ ކޮންމެ ކަމެކެވެ.

މި ބޭކަލުންގެ އަރިހުގައި ބިދްޢަ ބެހިގެން ވަނީ  ( بدعة محمودة - ސުންނަތާ އެއްގޮތް ރަނގަޅު ބިދްޢަ) އާއި ( بدعة مذمومة  - ނުރަނގަޅު ބިދްޢަ ) އަށެވެ. ޝާފިޢީގެފާނު ވިދާޅުވާ ގޮތުގައި ރަނގަޅު ބިދްޢައަކީ ސުންނަތާ އެއްފަސްވާ ކަންތައްތަކެވެ. ނުރަނގަޅު ބިދްޢައަކީ ސުންނަތާ ޚިލާފުވާ ކަންތައްތަކެވެ.[2] އެކަލޭގެފާނު ވިދާޅުވާ ގޮތުގައި މުޙްދަޘާތުތައް ( އަލަށް އުފެއްދޭ ކަންތައްތައް ) ދެ ބަޔަކަށް ބެހިގެން ވެއެވެ.

ފުރަތަމަ ބަޔަކީ ކީރިތި ޤުރްއާނާ ނުވަތަ ސުންނަތާ ނުވަތަ އަޘަރާ ނުވަތަ އިޖްމާޢާ ޚިލާފަށް އުފެއްދޭ ކަންތައްތަކެވެ.

ދެވަނަ ބަޔަކީ ހެޔޮ ކަމެއް ކަމާމެދު ދެބަސްވުމެއްނެތް ކަމެއްގެ ތެރެއިން އުފެއްދޭ ކަންތައްތަކެވެ. ރަމަޟާން މަހުގެ ތަރާވީޙާ ބެހޭގޮތުން ޢުމަރުގެފާނު ވިދާޅުވަނީ ( نعمت البدعة – ބިދްޢާގެ ރަނގަޅުކަމާއެވެ!)

އިބްނުލް އަޘީރު ވިދާޅުވާ ގޮތުގައި ބިދްޢަ ބެހެނީ  ( بدعة هُدَى – ހިދާޔަތުގެ ބިދްޢަ ) އަށާއި  (بدعة ضلال - ފުރެދުމުގެ ބިދްޢަ) އަށެވެ.

މުޙްދަޘާތުތައް ބެހިގެންވާ ބައިތައް

އިމާމުއް ޝާފިޢީ ވިދާޅުވާ ގޮތުގައި މުޙްދަޘާތުތައް ބެހެނީ ދެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ ކީރިތި ޤުރްއާނާ ނުވަތަ ސުންނަތާ ނުވަތަ އަޘަރާ ނުވަތަ އިޖްމާޢާ ޚިލާފަށް އުފެއްދޭ ކަންތައްތަކެވެ. ދެވަނަ ބަޔަކީ ހެޔޮ ކަމެއް ކަމާމެދު ދެބަސްވުމެއްނެތް ކަމެއްގެ ތެރެއިން އުފެއްދޭ ކަންތައްތަކެވެ.

އައްޝާޠުބީއާއި ، އިބްނު ޙަޖަރުލް ޢަސްޤަލާނީއާއި ، އިބްނު ޙަޖަރުލް ހައިޘަމީއާއި އިބްނު ރަޖަބާއި،  އިބްނު ތައިމިއްޔާއާއި ، ޒަރްކަޝީ ވިދާޅުވާ ގޮތުގައި ސުންނަތާ ޚިލާފުނުވާ ކަމަކަށް ބިދްޢައެކޭ ނުކިޔޭނެއެވެ. އެހެންކަމުން ރަނގަޅު ބިދްޢައެއް ނޯންނާނެއެވެ. އޮންނާނީ ނުރަނގަޅު ބިދްޢައެވެ. ނުވަތަ މަޛްމޫމު ބިދްޢައެވެ. މި ބޭކަލުން ވިދާޅުވާ ގޮތުގައި ބިދްޢާގެ ތެރެއަށް އާދަކާދައެއް ނުވަންނާނެއެވެ. ބިދްޢަ ޚާއްޞަވެގެން ވަނީ ޢިބާދާތުގެ ޢަމަލުތަކަށެވެ.

އަލަށް ވުޖޫދުވާ ނުވަތަ އުފުދޭ ނުވަތަ އުފެއްދޭ ކޮންމެ ކަމަކީ ބިދްޢައަކަށް ވިޔަސް ކޮންމެ ބިދްޢައަކީ ޙަރާން ބިދްޢައެއްނޫނެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ބައެއް ފަހަރަށް ބިދްޢަ ވާޖިބު ބިދްޢައަކަށް ވެދާނެއެވެ. މިސާލަކަށް ކީރިތި ޤުރްއާން ރައްކައުތެރިކުރުމަށް ޓަކައި މުޞްޙަފެއްގެ ޤުރްއާން ޖަމާކުރެވުނުކުރެވުމަކީ ވާޖިބު ބިދްޢައެކެވެ. ކީރިތި ޤުރްއާން ޤުރްއާން ފޮތެއްގެ ސިފައިގައި ޖަމާނުކުރައްވާތީއޭ ކިޔައިފައި އަބޫބަކްރުގެފާނު ކީރިތި ޤުރްއާން ޖަމާކުރެއްވިކުރެއްވުމަކީ ބިދްޢައެކޭ އެއްވެސް ޞަޙާބީއަކު ވިދާޅެއްނުވެއެވެ. ވާޖިބެއް އަދާކުރުމަށް ޓަކައި ކޮންމެ ކަމަކީ ވާޖިބު ކަމެކެވެ.

ރަނގަޅު ބިދްޢައިގެ މައިދާންތައް

އިސްވެ ދެންނެވި ފަދައިން ބައެއް ބޭކަލުން ބިދްޢަ ދެ ބަޔަކަށް ބައްސަވައެވެ. އެއީ ރަނގަޅު ބިދްޢަ ( ޙަސަނު ބިދްޢަ ) އަށާއި ނުރަނގަޅު ބިދްޢަ ( ބިދްޢަ މަޛްމޫމު ) އަށެވެ. ޙަސަނު ބިދްޢައިގެ މުޞްޠަލަޙު އެންމެ ފުރަތަމަ ފަހަރަށް ފާޅުވެފައިވަނީ ޢުމަރުގެފާނުގެ ދޫފުޅުންނެވެ. ރަމަޟާން މަހު ޖަމާޢަތުގައި އެއް އިމާމެއްގެ ފަހަތުގައި ތަރާވީޙު ނަމާދު ކުރާގޮތަށް ހަމަޖެއްސެވުމަށް ފަހު ޢުމަރުގެފާނު ވިދާޅުވަނީ ( نعمت البدعة – ބިދްޢާގެ ރަނގަޅުކަމާއެވެ!)

[1]  - الأحقاف : 9

[2]  - فتح البارى شرح صحيح البخارى  13 / 253  ، حلية الأولياء لأبى نعيم : 9 / 113

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.