ދިވެހިންގެ މަދަރީބަސް ހިމާޔަތް ކުރެވެނީ ކިހާވަރަކަށް؟

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުމަށް އދ. ގެ ޖެނެރަލް އެސެމްބްލީން ފާސްކޮށްފައި ވަނީ 1999 ވަނަ އަހަރުއެވެ. ފުރަތަމަ ފަހަރަށް މާދަރީ ބަހުގެ ދުވަސް ފާހަގަކުރީ ޖެހިގެން އައި ދެހާސްވަނަ އަހަރުގެ ފެބުރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ. ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހަކީ އަޅުގަނޑުމެންގެ އަވަށްޓެރި ބަނގްލަދޭޝްގެ ޒުވާނުންތަކެއް އެބައި މީހުންގެ މާދަރީ ބަސް ހިމާޔަތް ކުރުމަށް ކުރިމަސައްކަތުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި މަރުވެދިޔަ ދުވަހެވެ. މާދަރީ ބަހުގެ ދުވަސް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަން ފަށައިފައިވަނީ ބައެއް ބަސްތައް އުވިދާނެކަމުގެ ބިރުއޮތުމާއެކު މީހުން ބަސް މޮށި އުޅޭ ބަސްތައް ހިމާޔަތް ކުރުމުގެ ބޭނުމުގައެވެ. މިއަހަރުގެ މާދަރީ ބަހުގެ ދުވަހަށް ޔުނެސްކޯ އިން ކަނޑައަޅައިފައިވާ ސިޢާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ގިނަ ބައްސަ ތަޢުލީމު ކުރިއެރުވުމެވެ."

ދުނިޔޭގައި މީހުން ބަސްމޮށި އުޅުނު ބައެއް ބަސްތައް މިހާރު ވަނީ އުވި ގޮސްފައެވެ. މިހާރު ވެސް ދުނިޔޭގައި މީހުން ބަސްމޮށި އުޅޭ 6500 އެއްހާ ބަސް އޮތްއިރު އޭގެތެރެއިން ބައެއް ބަސްތައް މި ޤަރުނު ތެރޭގައިވެސް އުވިގޮސް ދާނެކަމުގެ ބިރުވަނީ އުފެދިފައެވެ. އެކަމުގެ ބިރު އެންމެ ބޮޑީ އެބަހަކުން ބަސްމޮށި އުޅޭ މީހުންގެ ނިސްބަތް މަދު ބަސްބަހެވެ. މިހާރު މީހުން ބަސްމޮށުމަށް ބޭނުންކުރަމުންދާ ބަސްތަކުގެ ތެރެއިން ދެހާހެެއްހާ ބަހަކީ ގާތްގަޑަކަށް ހާހެއްހާ މީހުން ވާހަކަ ދައްކާ އުޅޭ، އުވިގެން ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބަސްބަހެވެ. އަޅުގަނޑުމެން ދިވެހިން އެބަހަކަށް ޓަކައި ފަޚުރުވެރިވާ ދިވެހި ބަހަކީވެސް އެފަދަ ހާލަތެއްގައި އޮތް ބަހެކެވެ. އަޅުގަނޑުމެންގެ މާދަރީ ބަހުން ވާހަކަދައްކަނީ މިރާއްޖޭގައި އުޅޭ ތިންލައްކައެއްހާ މީހުންނާއި މިހާރު އިންޑިއާގެ ރަށެއްގޮތުގައި އޮތް މަލިކުގެ ރައްޔިތުންނެވެ. މިބަސް ހިމާޔަތް ކުރުމާއި ފަނާކުރުން ވަނީ އަޅުގަނޑުމެން، ދިވެހި ބަހުން ވާހަކަ ދައްކާ މީހުންގެ އަތްމަތީގައެވެ.

ދިވެހި ބަހަކީ ވަރަށް ދިގު ތާރީޚެެއް އޮތް މުއްސަދި ބަހެކެވެ. ދިވެހިބަހުން ލިޔެ ކިޔުމަށް ވަކި އަކުރެއް ލިބިފައިވާ ފަޚުރުވެރި ބަހެކެވެ. މިއީ ދުނިޔޭގެ މަދު ބަހަކަށް ނޫނީ ލިބިފައި ނުވާ ފަޚުރެކެވެ. ޒަމާނުއްސުރެ ދިވެހިން ދިރިއުޅުމުގައި ބޭނުން ކުރަމުން އައި އާލާތްތަކުގެ ނަންތައްވެސް ހުންނަނީ ދިވެހި ބަހުންނެވެ. ކުރާކަންކަމުގައިވެސް މުޅިންވެސް ބޭނުން ކުރަމުން އައީ ދިވެހި ބަހުން އުފެދިފައިވާ ނަންނަމެވެ. ނަމަވެސް ބަވަނަ ވަމުން އަންނަ ދުނިޔޭގެ އޮއިވަރުގައި ޖެހި އަޅުގަނޑުމެންގެ ދިވެހިން ދަނީ ދިވެހި ބަސް ފަޤީރުކުރަމުން ނިކަމެތިކުރަމުނެވެ. މިއީ ލަދުވެތިކަމާއެކު އަޅުގަނޑުމެން ޤަބޫލު ކުރަންޖެހޭ ހަޤީގަތެކެވެ. އަޅުގަނޑުމެން ދިވެހި ބަހުން ތަކެއްޗަށް ކިޔަމުން އައި ރީތި ނަންތައް މިހާރު ގިނަ ޒުވާނުންނަކަށް ނޭނގެއެވެ. ދިވެހި ބަހުން ހިސާބުގެ ޢަދަދުތަކަށް ކިޔާ ނަންތަކެެއް ނޭނގެއެވެ. އަޅުގަނޑުމެންގެ ޅަދަރިންގެ މިހާރު ތިބެނީ މަންމަ އާއި ބައްޕަ އެއް ނޫނެވެ. "މަންމި" އާއި "ޑެޑީ" އެވެ. ދައްތަ އާއި ކޮއްކޮ އެއް ނޫނެވެ. "ދައްތި" އާއި "ކޮއްކި"  ނުވަތަ "ކޮކީ"އެވެ. ދޮންބެ އާއި ބޭބެ މެން އަދި އެބަ އުޅެއެވެ. ދޮންތަމެން ވެސް މަދުވަމުން ގޮސް ހުސްވަނީ އެވެ. މިހާރު ތިބެނީ "ދޮންތި" މެންނެވެ. މާމަ އާއި ކާފަވެސް އޮޅޭ ހިސާބަށް ދަނީ އެވެ. މިހާރު އަޅުގަނޑުމެންގެ ދިވެހި ބައެއް އާއިލާތަކުގައި ޅަދަރިންގެެ މަންމަ މަންމި އަށް ވުމުން މާމަގެ ނަން "މަރުވެ" މާމަވީ މަންމައަށެެވެ. ބައްޕަ ބައްޕި އަށް ވުމުން  ކާފަގެ ނަން "މަރުވެ" ކާފަ ވީ ބައްޕައަށެވެ. ދިވެހި ބަހުން އާޢިލާގެ މެންބަރުންނަށް ކިޔަމުން އައި ރީތިނަންތައް އަޅުގަނޑުމެން އަމިއްލަށް އޮޅުވާލާ މަސްހުނިކޮށް އެގޮތް މިގޮތް ހަދަމުން ދަނީ އަޅުގަނޑުމެން އަމިއްލައަށެވެ. މިއީ ވެސް ތަރައްޤީ ތޯއެވެ؟

އަޅުގަނޑުމެންގެ ރާއްޖެއަކީ މިހާރު ނިސްބަތުން ބިދޭސީ މަސައްކަތްތެރިން ގިނަ ޤައުމެކެވެ. އޭގެތެރެއިން ގިނައީ އިނގިރޭސި ބަހުން މުއާމަލާތު ކުރަން ނުދަންނަ މީހުންނެވެ. އެމީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅެ ދިވެހި ބަސް ދަސްކުރެއެވެ. އެހެންކަމުން އެމީހުންނަށް ދަސްވާ ބަސްތައް ވަރަށް ކޮށިކޮށް ބޭނުންކޮށްގެން އެމީހުން ދިވެހިންނާ މުޢާމަލާތުކޮށް ހަދައެވެ. އެމީހުންނަށް ދިވެހި ބަހުން ބުނެވޭ ގޯސް ބަސްތައް އަޅުގަނޑުމެން ރަނގަޅުކޮށް ބުނެދިނުމުގެ ބަދަލުގައި އަޅުގަނޑުމެންވެސް އެމީހުންގެ ޙާލަތައް ވެއްޓޭތަން މިދަނީ މުޖުތަމަޢުން ފެންނަމުންނެވެ. އަޅުގަނޑުމެން ދެވަނަ ފަހަރަށް އެބައިމީހުންނާ ވާހަކަ ދައްކާއިރު އެމީހުން އެބޭނުންކުރި ގޯސް ބަސް އަޅުގަނޑުމެން ބޭނުން ކުރަނީ އެގޮތަށެވެ. އެހެންކަންތައް ވުމުން އެމީހުންނަށް ވެސް ދިވެހި ބަހުން ރީތިކޮށް ބަސްެތައް ކިޔާކަށް ނޭނގެއެވެ. އެންމެ ދެރަކަމަކީ އެމީހުންނާ އަޅުގަނޑުމެން އެގޮތަށް މުޢާމަލާތުކުރާ އަޑު އިވޭ ކުޑަކުއްޖާ އެބަސް އެގޮތަށް ނަކަލު ކުރުމެވެ. ކުޑަކުދިންނަށް އެންމެ ފަސޭައިން ކަންކަން ދަސްވާނީ އެކުދިން އުޅޭ މާހައުލުންނާއި އިވޭ އަޑުތަކުންނާއި މަންޒަރުތަކުންކަމަށްވާއިރު މިއީ އަޅުގަނޑުމެން ވިސްނަންޖެހޭނެ ކަމެކެވެ. ގޭގައި ބިދޭސީއެއް ގެންގުޅުނު ކަމުގައިވިއަސް އެމީހާއާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކަންވީ ރީތި ދިވެހި ބަހުންނެވެ. އެމީހުންނަށް ގޯސްކޮށް ބުނެވޭ ބަސްތައް އެއީ ބޭނުންކުރަންޖެހޭގޮތް ނޫންކަށް ބުނެދޭންވީއެެވެ. އެހެންކަންތައްކޮށްފިނަމަ އެމީހުންގެ ފަރާތުން އެބަސް ކިޔަންވީ ގޮތް އެމީހުންގެ ރަޙްމަތްތެރިންނަށްވެސް އެނގިގެން ދިއުމުގެ ފުރުޞަތު ބޮޑުވާނެވެ. ދިވެހިންކަމުގައި ނުވިއަސް ދިވެހި ބަހުން ރީތިކޮށް ވާހަކަދައްކާ މީހުންގެ ޢަދަދު އިތުރުވުމަކީ ހަމަ ގައިމުވެސް އަޅުގަނޑުމެންގެ މާދަރީ ބަހަށް ލިބޭނެ ކުރިއެރުމެކެވެ. އަޅުގަނޑުމެންނަކީ ދިވެހި ބަހުން ވާހަކަދައްކާ ދިވެހިންކަމުގައިވިއަސް ތަފާތު ބަސަބަހުން ރީތިކޮށް ވާހަކަ ދައްކާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ.

ބައިނަލްއަޤްވާމީ ގޮތުން މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އެބައެއްގެ މާދަރީ ބަސް ހިމާޔަތްކޮށް ރައްކާތެރިކުުރުމުގެ މުހިއްމުކަން އެންމެންގެ ސަމާލުކަމަށް ގެނައުމެވެ. މާދަރީ ބަސް ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހެނީ އެއީ ހަމައެކަނި ބަސްމޮށުމަށް ބޭނުންކުރާ ވަޞީލަތަކަށް ވާތީއެެއްނޫނެވެ. މުޢާމަލާތް ކުރުމަށް ބޭނުންކުރާ ވަޞީލަތަކަށް ވާތީއެއްވެސް ނޫނެވެ. މާދަރީ ބަހަކީ އެބައެއްގެ އާދަކާދައާއި ވިސްނުމާއި ފިކުރާއި ދިރިއުޅެމުންދާ ވެއްޓާވެސް ލާމެހި ފައިވާ އަގުހުރި ތަރިކައަކަށްވާތީއެެވެ. އެެހެންކަމުން އުވިދާ ކޮންމެ ބަހަކާއެކު ދުނިޔެއިން ގެއްލިގެން އެދަނީ ސަގާފީ ތަރިކައިގެ މުހިންމު ބައެކެވެ.

މާދަރީ ބަހަކީ އެމީހަކު އުޅެބޮޑުވާ މާހައުލުގައި ބަސްމޮށުމަށް ބޭނުންކޮށްއުޅޭ ބަހެވެ. ނުވަތަ އުޅޭމާހައުލުން ދަސްވާބަހެވެ. ދިވެހިންގެ ތެރޭގައި ވާހަކަ ދައްކައި އުޅޭ އާއްމު ބަހަކީ ދިވެހި ބަހެވެ. އެހެންކަމުން ދިވެހިންގެ މާދަރީ ބަހަކީ ދިވެހި ބަސްކަމާމެދު ޝައްކެއްނެތެވެ. މާދަރީ ބަހަށް ކުއްޖާ ޅަފަތުގައި އަހުލުވެެރިކުުރުވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ބަހާބެހޭ ޢިލްމުވެރިން ފާހަގަކުރައްެވައެވެ. އެންމެ ޅަފަތުއްސުރެ ކުއްޖާގެ ހިތުގައި ޚިޔާލާއި ޝުޢޫރުތައް އުފެދިގެން އަންނަނީ އެކުއްޖެއްގެ މާދަރީ ބަހުންނެވެ. ކުއްޖާގެ ޚިޔާލާއި ވިސްނުން ތަރައްޤީ ވާނީ މާދަރީ ބަހަށް ކުއްޖާ އަހުލުވެރިވިވަރަކަށް ކަމަށް ބަހާބެހޭ ޢިލްމުވެރިން ނުވަތަ ބަސްވާރުން ވިދާޅުވެއެވެ. މާދަރީބަހަށް މޮޅުވުމުން އެހެންބަސްތައްވެސް ދަސްކުރަން ކުއްޖާއަށް ފަސޭހަވެގެން ދެއެވެ. ޢިލްމީ ގޮތުން ކުރިއަރައި ދިއުމަށްވެސް އެންމެ މުހިންމު ކަމަކީ މާދަރީ ބަހަށް ރަނގަޅަށް އަހުލުވެރި ވުމެވެ. އެެހެންކަމުން އަޅުގަނޑުމެންގެ ޅަދަރިން އެންމެ ތުއްތު އިރުންފެށިގެން މާދަރީ ބަހަށް އަހުލު ވެރިކުރުން މުހިންމެވެ. މަންމި، ބައްޕިގެ ބަދަލުގައި މަންމަ ބައްޕަ ކިޔައި ދީގެންނެވެ. ފުރަތަމަ "ވަން، ޓޫ، ތްރީ" ގެ ބަދަލުގައި އެކެއް ދޭއް ތިނަކުން ފަށަންވީއެވެ. އެއްޗެތީގެ ނަންތައްވެސް ފުރަަތަމަ ދަސްކޮށްދޭންވީ ދިވެހިި ބަހުންނެވެ. އަޅުގަނޑުމެންގެ މާދަރީ ބަސް ކުރިއެރުވޭނީ އެ ބަސް އެއީ ފަޚުރެއް ކަމުގައި ދެކި އެބަސް ދެކެ ލޯބިވެގެންނެވެ. ޅަދަރިންގެ ހިތުގައި އެބަހަށް ލޯބި އުފައްދައި އެބަހާމެދު ފަޚުރުވެރިވާން ދަސްކޮށްދީގެންނެވެ.

ބައިނަލް އަޤްވާމީ ގޮތުން ދުވަހެއް ފާހަގަކުރުމަކުން ބަސްތައް ހިމާޔަތެއް ނުކުރެވޭނެވެ. ބަސް ހިމާޔަތް ކުރެވޭނީ އެބަހަކުން ބަސްމޮށި އުޅޭ މީހުންގެ އަޅާލުމާއި ލޯބި އެބަހަކަށް ލިބިގެންނެެވެ. އެބަހަކުން ވާހަކަ ދައްކާމީހުންގެ ލޯތްބާއި އަޅާލުން ބަހަށް ލިބޭނަމަ އެބަހެއްދާނީ ކުރިލާހެދޭ ގަހެއްފަދައިން ހެދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.