އަވާހަރަކޮށްލަން ދިން ހަމަލާއަކުން ސޫދާނުގެ ބޮޑުވަޒީރު ސަލާމަތްވެވަޑައިގެންފި

ޙަމްދޫކްގެ މޮޓޯކޭޑަށް ދިން ހަމަލާގައި ބައެއް އުޅަނދުތައް ހަލާކުވެފައި

ސޫދާނުގެ ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރުދޭގޮތުގައި، އެގައުމުގެ ބޮޑު ވަޒީރު ޢަބްދުﷲ ޙަމްދޫކް އަވަހާރަކޮށްލަން ދިން ހަމަލާއަކުން އޭނާ ސަލާމަތްވެޑައިގެންފިއެވެ.

"ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫގެ ކާރުކޮޅު ދުއްވާފައި ދަނިކޮށް އެއްޗެއް ގޮވާފައި ވަނީ. ނަސީބު ރަނގަޅު ކަމުން އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ." ބޮޑުވަޒީގެ އޮފީހުގެ ޑިރެކްޓަރު ޢަލީ ބަޚީތު ވިދާޅުވިއެވެ.

ޚަބަރުތައް ބުނާގޮތުގައި ބޮޑުވަޒީރު ޙަމްދޫކްގެ މޯޓޮކޭޑަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އޭނާ އޮފީހަށް ވަޑައިގަތް ވަގުތުގައެވެ.  މޮޓޯކޭޑް ވެރިރަށް ޚުރްޠޫމުގެ ކަބްރީ ކޫބްރީ ސަރަހައްދުން ދަނިކޮށް ގޮވާތަކެތި ބަރުކޮށްފައިވާ ކާރެއް ގޮއްވާލައިގެންނެވެ. މި ގޮވުމުގެ ސަބަބުން އެކަކު ޒަޚަމްވުމުގެ އިތުރަށް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

ބޮޑުވަޒީރުގެ އޮފީނުގެ ބައެއް މުވައްޒަފުން ބޭރުގެ ބައެއް ނޫސްތަކަށް ޔަގީންކޮށްދެއްވާފައިވާ ގޮތުގައި ބޮޑުވަޒީރު ޙަމްދޫކް މިހާރު ވަނީ ރައްކާތެރި ތަނަކަށް ގެންދެވިފައެވެ. އަދި އޭނާގެ ހުންނެވީ ހެޔޮ ހާލުކޮޅުގައެވެ.

އިގްތިސާދީ ތަޖުރިބާކާރެއް ކަމުގައިވާ ޙަމްދޫކް ފާއިތުވި އޮގަސްޓު މަހު ވެރިކަމާ ޙަވާލުވެޑައިގަތީ، ދިގު މުއްދަތަކަށް ދެމިގެން ދިޔަ އިހުތިޖާޖުތަކާ ގުޅިގެން ސިފައިން ނުކުމެ އޭރުގެ ރައީސު ޢުމަރުލް ބަޝީރު ވެރިކަމުން ދުރުކުރުމަށް ފަހު އިހްތިޖާޖުކުރި ފަރާތްތަކާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން އެކުލަވާލި ސަރުކާރުގެ ބޮޑުވަޒީރެއްގެ ގޮތުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.