އަންހެނުން – ކޮންމެ ކަމެއްގައި ވެސް  "ފިސާރި" ކަންބަލުންތަކެއް!

މިއަދަކީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރަމުން އަންނަ އަންހެނުންގެ ދުވަހެވެ. ރާއްޖޭގައި އެންމެ ފުތަމަ އަންހެނުންގެ ދުވަސް ފާހަގަކޮށްފައި ވަނީ 1983 ވަނަ އަހަރުގައެވެ. އެހެންކަމުން ރާއްޖޭގައި އަންހެނުންގެ ދުވަސް ފާހަގަ ކުރާތާ މިވަނީ 40 އަހާރާ ގާތަށް އާދެވިފައެވެ. މިއީ ރާއްޖޭގައި ފާހަގަކުރާ 38 ވަނަ އަންހެނުންގެ ދުވަހެވެ. މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ "ޖީލުގެ ހަމަހަމަކަން އަހަރެން: އަންހެނުންގެ ޙައްޤުތައް ދެނެގަތުން" އެވެ.

އަންހެނުންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަންފެށުމާއި އެކު އަންހެނުންގެ ޙަރަކާތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަން ފެށިއެވެ. އަންހެނުންގެ ޙައްޤުގައި މީހުން ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އަންހެނުންގެ ޙައްޤަކަކީ މީގެ ސާދަ ސަތޭކަ އަހަރު ކުރިން އަޅުގަނޑުމެންނަށް އިސްލާމްދީނުގައި ލިބިދީފައިވާ ޙައްޤުތަކެއްކަން އަޅުގަނޑުމެން ހަދާން ކުރަންޖެހެއެވެ. އިސްލާމް ދީން އައުމާއެކު އިންސާނީވަންތަކަމުގައި އަންހެނުންނާއި ފިރިހެނުންނަކީ ހަމަ ހަމަ ޙައްޤުތަކެއް ލިބިގެންވާ ބައެއްކަން ކަނޑައެޅިގެން ދިޔައެވެ. ޝަރުޢީ ގޮތުން ބައެއް ކަންކަންމުގައި ފިރިހެންނަށް އިސްކަން ދެވިފައިވަނީ އެބައި މީހުންނަށް ޝަރުޢީ ގޮތުން އުފުލަންޖެހޭ ބުރައާވެސް އެކުގައިކަން އަޅުގަނޑުމެން ހަނދާން ކުރަންޖެހެއެވެ. އިސްލާމީ ތާރިޚުން ވެސް އެނގެން އޮތް ގޮތުގައި އަންހެނުންވަނީ ތަފާތު ދާއިރާތަކުން ކުރި ހޯދައިފައެވެ. ވިޔަފާރީ އާއި އަސްކަރީ ދާއިރާއާއި ސިޔާސަތު ކަނޑައޅުމުގައެވެ. އިސްލާމީ ތާރީޚް ދިރާސާ ކޮށްލުމުން މިފަދަ ކިތަންމެ މިސާލުތަކެއް އަޅުގަނޑުމެނަށް ފެންނާނެއެވެ.

ސިޔާސީ ދާއިރާގައި ވެސް ތަފާތު ދެއްކި!

ރާއްޖޭގައި ތަޢުލީމީ ގޮތުން ކުރިއެރުން ހޯދުމުގައި އަންހެނުން އުޅެނީ ފިރިހެނުންނަށް ވުރެކުރީގައެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކަށް ޓަކައި ބައެއް ދާއިރާތަކުގައި އަންހެނުން ބައިވެރިވުން ނުވަތަ ތަމްސީލްވުން ކުޑައެވެ. ނަމަވެސް ޓީޗަރުންނާއި ނަރުހުން ފަދަ އިޖްތިމާޢީ ދާއިރާތަކުގައި އަހެނުންގެ ޙިއްސާ އިތުރުކަން ފާހަކޮށްލެވެއެވެ.

ރާއްޖެއަށް ސިޔާސީ ޕާޓީތައް ތާޢާރަފްވެ ކުރިއަށްދިޔަ އިންތިޚާބު ތަކުގައި އަންހެނުންނަށް މާގިނަ ގޮޑިތަކެއް ކާމިޔާބުވެފައި ނުވި ނަމަވެސް، ފިރިހެނުންނަށް ގޮޑިތައް ކާމިޔާބުކޮށްދިނުމުގައި އެންމެ ބުރަކޮށް މަސައްކަތްކޮށްފައިވާ ބަޔަކީ އަންހެނުން ކަމީ ދެބަސް ވެވެން ނެތް ހަޤީޤަތެކެވެ. މިކަން ސިޔާސީ ޕާޓީތަކުގެ ކެމްޕޭން ޙަރަކާތްތަކުން އަޅުގަނޑުމެންނަށް ވަނީ ފެނިގެން ގޮސްފައެވެ.

މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންހެނުންނަށް މާބޮޑު ކާމިޔާބެއް ނުލިބުނު ކަމުގައި ވިއަސް މަޖިލީހުގެ ނާއިބްރައީސާއަކަށް މެމްބަރުންގެ ޢިއްތިފާޤުން ހޮވިވަޑައިގެންފައި ވަނީ އަންހެން މެމްބަރެކެވެ. އެއީ މަޖިލީހަށް ރައްޔިތުން އިންތިޚާބުކުރި ހަތަރު އަންހެން މެމްބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ އެވެ. މަޖިލީހުގެ ނާއިބްރައީސާކަން، ކުރިން ޖެންޑަރ މިނިސްޓަރ ކަންވެސް ކުރެއްވި މ. އަތޮޅުގެ މެމްބަރ އަނީސާ އަޙްމަދުވެސް ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރައްވައިފައެވެ.

މިހާރު ރާއްޖޭގެ ހާލާތަށް ބަލާއިރު ބައެއް ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި އަންހެނުންނަށް ފިރިހެނުންނާއެއް ވަރުގެ ޚިއްސާއެއް ހޯދައި ދީފައިވާކަން ފާހަގަ ކޮށްލެވެއެވެ. ސިޔާސީ މައިދާނުގައި އަންހެނުންގެ ޙިއްޞާއަށް ބަލާއިރު މިސަރުކާރުގެ ކެބިނެޓުގެ ތިރީސް ފަސް އިންސައްތައަކީ އަންހެނުންނެވެ. އޭގެ ތެރޭގައި މިހާރު ދިފާޢީ ވަޒީރުކަން ފާހަގަ ކޮށްލެވެއެވެ. އަދި ސްޕްރީމް ކޯޓްގައި ދެ އަންހެން ފަނޑިޔާރުން ތިއްބެވުމާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް އަންހެނުންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.

" އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދެނީ، ކުރައްވާ ކޮންމެ ކަމެއްގައިވެސް، ޖެންޑަރ ބެލެންސް ކުރުމުގެ ވިސްނުން ގެންގުޅުއްވުން. އަޅުގަނޑު ނިންމާ ކޮންމެ ނިންމުމެއްގައިވެސް މި ވިސްނުން ގެންގުޅޭނަން. މިހާރުވެސް ކެބިނެޓުގެ ތިރީސް ފަސް ޕަސެންޓަކީ އަންހެނުން. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި، ދެ އަންހެން ފަނޑިޔާރުން ތިއްބެވުމަކީ، އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާކަމެއް. މީގެ އިތުރުންވެސް، މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް އަންހެނުން އިތުރުކަން އަޅުގަނޑު ފާހަގަކުރަން" އަންހެނުންނަށް ހޯދައިދެވިފައިވާ ހަމަހަމަ ފުރުޞަތުތަކާބެހޭ ގޮތުން ރައީސް ޞާލިޙް ވިދާޅުވިއެވެ.

އިންތިޚާބީ ޤާމުތަކުން ވެސް ކުރިއެރުން!

އިންތީޙާބީ މަޤާމުތަކުގައި އަންހެނުން މަދުކަން އެއި ޙަޤީޤަތެކެވެ. އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް މަޖިލީހުގައި ހިމެނޭ 85 ގޮޑީގެ ތެރެއިން އަންހެނުންނަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ހަތަރު ގޮޑިއެވެ. އިންތީޚާބުތަކުގައި ފިރިހެނުންނާ ވާދަކުރުމަށް އަންހެނުން ފަސް ޖެހޭކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ. ފިރިހެނުންނާ ވާދަކުރުމަށް އަންހެނުން ފަސް ޖެހޭ ސަބަބުތަކުގެ ތެރޭގައި އެފަދަ މަޤާމުތަކަށް ކުރިމަތިލާ ފިރިހެނުންގެ ނުފޫޒާއި ބާރުގަދަވުން ހިމެނެއެވެ. އަދި ކުރިމަތިލާ ފިރިހެނުން ފަދަ މާލީ ތަނަވަސްކަން އަންހެނުންގެ ނެތުން ވެސް އެފަދަ ސަބަބު ތަކުގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް އަންހެނުންނަށް ވަކި ގޮޑިތަކެއް ނުވަތަ ކޯޓާއެއް ކަނޑައެޅިފައި ވުމުން އެގޮނޑިތަކަށް ވާދަކުރާނީ ހަމައެކަނި އަންހެނުންނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހުން ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ވަނީ ކަނޑައަޅައިފައެވެ. އަންހެނުންނަށް ވަކި އިންސައްތައެއް ކަނޑައެޅިގެން ދިޔައީ އެކަމާމެދު ބައެއް ސިޔާސީ ލީޑަރުންވެސް ޚިޔާލު ތަފާތު ވެފައި ވަނިކޮށެވެ. އެފަދަ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކައުންސިލްތަކުގެ ވަކި ޢަދަދެއް އަންހެނުންނަށް ކަނޑައެޅުމަކީ އަންހެނުން ފުރުޞަތު ހަނިވެގެންދާކަމެކެވެ. ވަކި ޢަދަދެއް ކަނޑަ ނާޅާ އޮވެއްޖެނަމަ މުޅި ކައުންސިލްގެ ގޮޑިތައްވެސް ކާމިޔާބު ކުރުމުގެ ފުރުޞަތު އަންހެނުނަށްވެސް އަދި ފިރިހެނުނަށްވެސް އޮންނާނެއެވެ. ބައެއް ފަރާތްތަކުން ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނުންނަށް ވަކި ޚާއްޞަ ކޯޓާއެއް ނުވަތަ ގޮނޑިތަކެއް ކަނޑައެޅުމަކީ ޤާނޫނުއަސާސީއާ ވެސް ތަޢާރަޒްވާ ކަމެކެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙާއެކު ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑިތައް ރިޒާވްކުރެއްވުމަކީ އިންތިޚާބީ މަޤާމުތަކުގައި އަންހެނުންގެ ދައުރާއި ޙިއްސާ އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

"ކުރިއާ ޚިލާފަށް، ސިޔާސީ ސަފުތަކުގެ އެންމެ ކުރިން އަންހެނުން ފެންނަން ފަށައި، މި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގައި، ރަށާއި، ސިޓީ ކައުންސިލްތަކުގެ ކަންކަން ނިންމުމުގައި، އަންހެނުންގެ ދައުރު ބޮޑުތަނުން އިތުރުވެގެންދާނެ. އަދި މިކަމުގެ ހެޔޮ ބަދަލު، މުޅި ދިވެހިރާއްޖެއިންވެސް ފެންނާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު 13 ސަތޭކައަށްވުރެ ގިނަ އަންހެނުން އިންތިޚާބީ މަޤާމުތަކުގައި ތިބޭނެއެވެ. އެއީ ސީޓީގެ ކައުސިލްތަކާއި ރަށު ކައުންސިލް ތަކަށާއި އަންހެނުން ކޮމެޓީތަކަށް އިންތިޚާބުކުރާ މެމްބަރުންގެ ގޮތުގައެވެ. އަންހެނުން ކޮމެޓީތަކަށް 929 މެމްބަރަކު އިންތިޚާބު ކުރެވޭނެއެވެ. ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ ބައެއް ގޮޑިތައް ވޯޓަކާ ނުލައި ވަނީ ކަށަވަރުވެފައެވެ.

އަންހެންގެކޮމެޓީތައް މާޒީގައި ތަފާތު ދެއްކި!

އަންހެނުން ކޮމެޓީތަކަކީ ކުރިން ރާއްޖޭގައި ވަރަށް ހިންގުންތެރި ޖަމާޢަތްތަކެކެވެ. ރާއްޖޭގައި އިޖުތިމާޢީ ޙަރަކާތްތަކާއި ރަށްރަށުގައި ތަރައްޤީގައި މަސައްކަތްކުރާނެ މާގިނަ ޖަމާޢަތްތަކެއް ނެތް ދުވަސް ވަރެއްގައި އެކޮމެޓީތަކުން ވަނީ ލާމަސީލު މަސައްކަތް ތަކެއް ރަށްރަށުގެ އިޖްތިމާޢީ ޢަދި ޢުމްރާނީ ތަރައްޤީއަށް ވެސް ކޮށްފައެވެ. ރަށްރަށުގައި ކިޔަވައިދޭނެ  ފެންވަރު ރަނގަޅު ޓީޗަރުންނާއި ޞިއްޙީ ޚިދުމަތްދޭނެ ޑޮކްޓަރުން ނެތް ޙާލަތުގައި އަދި ދައުލަތުގައި ވެސް އެފަދަ ވަޞީލަތްތައް ފޯރުކޮށް ދިނުމުގެ ޤާބީލްކަން ނެތް އިރު ދިވެހި އަންހެނުންގެ ބުރަ މަސައްކަތުން ހޯދި ފައިސާއިން އުޖޫރަ ދޭގޮތަށް ރަށްރަށުގައި ވަނީ ޑޮކްޓަރުންގެ ޚިދުމަތަކާއި ޓީޗަރުންގެ ޚިދުމަތް ދީފައެވެ. އޭރު އެއަންހެނުން އާއްމުދަނީ ހޯދައިފައި ވަނީ ހިލޭ ސާބަހަށް އިޤްތިޞާދީ މަސައްކަތްތައް ކޮށްގެނެވެ. އެފަދަ މަސައްކަތްތަކުގެ ތެރޭގައި ހޮޓާ ހިންގުމާއި އެނޫންވެސް ބައެއް ކަހަލަ އާމްދަނީ ލިބޭ މަސައްކަތްތައް ހިމެނެއެވެ. އަންހެނުން ކޮމެޓީތައް އުވި ދިޔަ އިރު އެކޮމެޓީތަކުގެ އެކައުންޓްތަކުގައި ގިނަ ޢަދަދެއްގެ ފައިސާ ހުންނާނެކަމަށް އޭރު އެފަދަ ކޮމެޓީތަކުގައި މަސައްކަތް ކުރި ބައެއް އަންހެނުން ބުނެއެވެ. ފަހުން އެފައިސާއެއް ވީ ކިހިނެއް ކަމެއް އަދި އަދަށް ދާންދެންވެސް ނޭނގޭ ކަމަށް އެފަދަ އަންހެނުން ބުނެއެވެ.

ކުރިއާ ޚިލާފަށް އަލަށް އިންތިޚާބު ކުރެވޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ކައުންސިލްތަކުގެ ބަޖެޓުގެ ފަސް ޕަސެންޓް އަންހެނުން ކޮމެޓީތަކަށް ދޭންޖެހެއެވެ. އަދި އޮފިސްހިންގާނެ ތަނެއް ހަމަޖައްސައިދިނުންފަދަ އިންތިޒާމުތައް ކައުންސިލްތަކުން އަންހެނުންގެ ކޮމެޓީތަކަށް ފޯރުކޮށްދޭން ޖެހެއެވެ. މިކަމުގެ ސަބަބުން އަލަށް އިންތިޚާބުވާ އަންހެނުންގެ ކޮމިޓީތަކަށް ބޭނުންވާ ވަސީލަތްތަކާއެކު ހިންގުން ހަރުދަނާވެގެންދާނެއެވެ. ހަމަ އެހެންމެ މުޖުތަމައުގެ އިޖްތިމާޢީ މައްސަލަތައް ޙައްލު ކުރުމަށް މުހިންމު ދައުރެއް އަންހެނުންގެ ކޮމެޓީތަކަށް އަދާކުރެވޭނެއެވެ.

މުޖުމަޢު ބިނާކުރުމުގެ މޭސްތިރިން:

އަންހެނުންނަކީ މުޖުމަޢުގެ އެއްބައެވެ. ހަމަ އެހެންމެ މުޖުމަޢު ބިނާ ކުރުމުގެ އެންމެ އިސް މޭސްތިރިންނަކީ އަންހެނުންނެވެ. ޤައުމުގެ އިޖުތިމާޢީ ފޭރާމުގައި އަޅަމުންދާ ބާތައް ނައްތާ ލުމުގައި އެންމެ މުހިން ދައުރެއް އަދާ ކުރެވޭނެ ބަޔަކީ ވެސް އަޅުގަނޑުމެން އަންހެނުންނެވެ. އަންހެނަކަށް ހޯދައި ދެވޭނެ ފުރުޞަތަކީ ގެއްލިގެންދާނެ އެއްޗަކަށް ނުވާނެއެވެ. މުޖުތަމަޢުގެ ޙައްޤުގައި އަންހެނުންނަށް ބަސް ބުނުމުގެ ފުރުޞަތު ހޯދައި ދެވެން ޖެހެއެވެ.  މުޖުމަޢުގެ އިޙްސާސްތައް އެންމެ ރަނގަޅަށް ބުނެދެވޭނީ އަންހެނުންނަށް ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެހެން ކަމުން މުޖުތަމައުގެ ކަންކަން ނިންމުގައި ބަސް ބުނުމުގެ ފުރުޞަތު އަންހެނުންނަށް ހޯދައި ދޭންޖެހެއެވެ. "ފިސާރި" ރަނގަޅު ދުޅަހެޔޮ މުޖުމަޢެއް ބިނާ ކުރުމަށް "ފިސާރި" ކަނބަލުންތަކަކަށް އަޅުގަނޑުމެން އަންހެނުން ވާން އެބަ ޖެހެއެވެ.

ހަރުދަނާ އާޢިލާތަކަކަކުން ނޫނީ ރަނގަޅު ހަރުދަނާ ދުޅަ ހެޔޮ މުޖަތަމަޢެއް ބިނައެއް ނުކުރެވޭނެއެވެ. އާއިލާ ބިނާ ކުރުމުގައި ދެމަފިރިންގެ ރޯލްވެސް މުހިންމެވެ. އެއީ ހަމައެކަނި އަންހެން މީހާގެ ޒިންމާއަކަށް ހަދާލައިގެންވާކަށް ނެތެވެ. ތިމާގެ ދަރިންނަށް ރަނގަޅު މައެއް ހޯދައި ދިނުމަކީ އިސްލާމް ދީނުގައި ފިރިހެނުންނަށް އަންގައިފައިވާ ކަމެކެވެ. ހަމަ އެހެން އަންހެން މީހާއަށް އޭނާ ބޭނުން މީހަކާއި ކައިވެނި ކުރުމުގެ އިޚްތިޔާރު ދެވިފައި ވީނަމަވެސް ދުޅަހެޔޮ އާޢިލާއަކަށް ޓަކައި އިޚްތިޔާރު ކުރަންޖެހޭނީ ހަރުދަނާ ސިފަތަކެއް ލިބިގެންވާ ޒިންމާދަރު ބައްޕައަކަށް އަދި ފިރިއަކަށް ވެވޭނެ ހަޔާތުގެ ބައިވެރިއެކެވެ. ޤައުމުގެ ދުޅަހެޔޮކަން ދެމި އޮންނާނީ ރަނގަޅު މުޖުތަމައެއް ބިނާ ކުރެވިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.