ކޮވިޑް- 19: އުތުރު އިޓަލީ ކަރަންޓީނުކުރަން ނިންމައިފި

މިލާންގެ ޕިއާއްޒާ ޑުއޮމޯ: އާއްމު ގޮތެއްގައި ގިނަ ބަޔަކު ޒިޔާރަތްކުރާ މި ސަރަހައްދު މިހާރު ފެންނަނީ ފަޅުކޮށް

ޔޫރަޕުގައި އެންމެ ހަލުވިކޮށް ކޮވިޑް- 19  (ކޮރޯނާ ވައިރަސް) ފެތުރެމުންދާ ގައުމަށް އިޓަލީ ވެފައިވާއިރު، އެ ގައުމުގެ އުތުރު ސަރަހައްދު އެކުގައި ކަރަންޓީނުކުރަން އެގަައުމުން ނިންމައިފިއެވެ.

އިޓަލީގެ މާލީ މަރުކަޒު، މިލާން ހިމެނޭ ސަރަހައްދު ކަމުުގައިވާ ލޮމްބާރްޑީއާއި، ވެނިސްގެ ވަށައިގެންވާ ސަރަހައްދާއި، ޕާރްމާ އަދި ރިމިނީ ކަރަންޓީނު ކުރުގެ ގަރާރު މިހާރު ތައްޔާރުކޮށްފައިވާ ކަމަށް އިޓަލީގެ ނޫސްތަކުން ބުނެއެވެ. އެ ގަަރާރުގައި ވާގޮތުން އަންނަ އެޕްރީލު މަހުގެ 3 ވަނަ ދުވަހާ ހަމައަށް އެ ސަރަހައްދުތަކަށް ވަދެ ނުކުމެ އުޅުން ކޮންޓުރޯލުކުރެވޭނެއެވެ. ލޮމްބާރްޑީ އަކީ 10 މިލިއަން މީހުން ދިރިއުޅޭ ސަރަހައްދެކެވެ.

ގަރާރުގައި ވާ ސަރަހައްދުތައް ކަރަންޓީނު ކުރުމަށް އަމަލީ ގޮތުން ފަށާނީ ކޮން އިރަކު ކަން ނޫސްތަކުން ހާމަކޮށްފައި ނުވެއެވެ.

ކަަރަންޓީނުކުރަން ނިންމި ޚަަބަރުތައް ލިބެމުން ދިޔައިރު، ފާއިތުވި 24 ގަޑިއިރު އިޓަލީގައި ކޮވިޑް- 19 ޖެހުނު މީހުން 1200 އަށްވުރެ ގިނައެވެ. މި ބަލި ޖެހިގެން އެ ގައުމުގައި މަރުވި މީހުން ވަނީ 233 އަށް އަރާފައެވެ.

ސިއްހީ ދާއިރާގެ ބޭފުޅުން މައުލޫމާތު ދެއްވާ ގޮތުގައި އިޓަލީގައި ކޮވިޑް- 19 ޖެހިގެން މަރުވި ގިނަ މީހުންނަކީ 81 އަހަރުން މަތީގެ މީހުންނެވެ.

ކޮވިޑް- 19  ނުވަދިހައަށް ވުރެ ގިނަ ގައުމުގެ 1 ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައި ވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3000 އަށް އަރާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.