ޗައިނާގައި ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހުން ކަރަންޓީނުކޮށްފައިވާ ހޮޓަލެއް ވެއްޓިއްޖެ

ޗައިނާގައި މިރޭ ވެއްޓުނު ޒިންޖިއާ ހޮޓެލް

ޗައިނާގެ ފުޖިއާން ޕްރޮވިންސުގެ ކުއާންޒޫގައި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޝައްކުކުރެވޭ މީހުން ކަރަންޓީނުކުރަން ބޭނުންކުރަމުން އައި ހޮޓަލެއް ވެއްޓި އެ އިމާރާތުގެ ދަށުގައި 70 އަށްވުރެ ގިނަ މީހުން ތާށިވެއްޖެއެވެ.

ޒިންޖިއާ ހޮޓެލް ވެއްޓިފައި ވަނީ ޗައިނާ ގަޑިން މިރޭ 7:30 ގައެވެ. ޚަބަރު ލިބޭގޮތުގައި 9:30 އާއި ހަމައަށް 34 މީހުން ވަނީ އިމާރަތުގެ ދަށުން ސަލާމަތްކުރެވިފައެވެ.

ހޮޓަލް ވެއްޓުނު ސަބަބު އަދި ސާފުވެފައި ނުވެއެވެ. މި ހޮޓަލަކީ 2108 ވަނަ އަަހަރު ހުޅުވުނު، 80 ކޮޓަރީގެ ހޮޓަލެކެވެ.

"އަހަރެން ޕެޓްރޯލް ސްޓޭޝަނެއްގައި ހުއްޓާ ގަދަ އަޑުފަށްގަނޑެއް އިވުނީ. އަހަރެން ބަލާލިއިރު މުޅި އިމާރާތް ވެއްޓެނީ. މުޅި ހިސާބުގައި އޮތީ ހިރަފުސް. ތެޅިފައިވާ ބިއްލޫރި އެތިކޮޅުތައް މުޅި ސަރައްދުގައި އުދުހެމުން ދިޔަ." މަންޒަރު ދުށް މީހަކު ކިޔައިދީފައި ވެއެވެ.

ޗައިނާގެ ނޫސްތަކުން ޚަބަރުދީފައިިވާ ގޮތުގައި، ވެއްޓުނު ހޮޓަލް ބޭނުންކުރަމުން ދިޔައީ ކޮރޯނާ ވައިރަސް ޖެހިފައި ތިބި މީހުންނާއެކު އުޅެފައިވާ މީހުން ކަމުގައެވެ.

ކުއާންޒޫ އަކީ ތައިވާނު ކަނޑުއޮޅީގައި އޮންނަ، 8 މިލިއަން މީހުން ދިރިއުޅޭ، ބަނދަރުމަތީ ރަށެެކެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.