ސައޫދީ ޝާހީ އާއިލާގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފި

އަމީރު އަޙްމަދު ބިން ޢަބްދުޢަޒީޒު (ކ) އަދި ކުރީގެ ވަލީއަހުދު މުޙައްމަދު ބިން ނާޔިފު ބިން ޢަބްދުލްޢަޒީޒު

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އަމުރުފުޅަށް އެގައުމުގައި ވެރިކަންކުރާ އާލުސުޢޫދު ޢާއިލާގެ އިސް އަމީރުންތަކެއް ހައްޔަރުކޮށްފިއެވެ.

އިތުބާރުހުރި މަސްދަރުތަކާ ހަވާލާދީ ބައެއް ނޫސްތަކުން ޚަބަރުދީފައިވާ ގޮތުގައި ހައްޔަރުކުރި ތިން ބޭފުޅުންނަކީ ސަލްމާނު ރަސްގެފާނުގެ ކޮއްކޯފުޅު އަދި ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ބޮޑުބޭފުޅު އަޙްމަދު ބިން ޢަބްދުލްޢަޒީޒާއި، ކުރީގެ ވަލީއަހުދު މުޙައްމަދު ބިން ނާޔިފު ބިން ޢަބްދުލްޢަޒީޒާއި، އޭނާގެ ކޮއްކޯފުޅު ނައްވާފު ބިން ނާޔިފު ބިން ޢަބްދުލްޢަޒީޒެވެ.

ހައްޔަރުކުރި ތިން ބޭފުޅުންނަކީ ސަލްމާނު ރަސްގެފާނު އަވަހާރަވެއްޖެ ހާލަތެއްގައި ރަސްކަން ހޯއްދެވުމަށް މަސައްކަތްޕުޅުކުރެއްވުން އެންމެ ގާތްކަމަށް ބެލެވޭ ތިން އަމީރުންމެވެ. މިކަން ހިނގާފައި މިވަނީ ސަލްމާނު ރަސްގެފާނުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާ ކަމުގެ ޚަބަރު ލިބެމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން، ތިން އަމީރުން ހައްޔަރުކުރުން ގުޅިވައިވަނީ އެކަމާ ކަމަށް ބެލެވެއެވެ. ސަލްމާނު ރަސްގެފާނުގެ އާލާސްކަންފުޅަކީ އަލްޒޭމަސްޑިޒީޒްކަމަށާއި، އެބަލީގެ ސަބަބުން ވެރިކަމުގެ މަސްއޫލިއްޔަތު އެއްވެސްވަަރަކަށް މިހާރު ނުއުފުއްލެވޭ ކަމަށް ވެއެވެ.

އަމީރު އަޙްމަދު ބިން ޢަބްދުލްޢަޒީޒު މޮރޮކޯ (މަޣްރިބު) ގައި ދުވަސްކޮޅެއް ހޭދަކުރެއްވުމަށް ފަހު ގައުމަށް އެނބުރި ވަޑައިގަތީ ދާދި ފަހުންނެވެ. އޭނާގެ ފޯނަށް ނުގުޅޭތާ ދެދުވަސްވެފައިވާ ކަމަށްވެސް ބައެއް ނޫސްތަކުން ޚަބަރުދީފައި ވެއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ތިން އަމީރުން ހައްޔަރުކުރީ އެންމެ ބޮޑު ޚިޔާނާތުގެ ކުށުގައެވެ. މި ކުށުގައި އެެބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގައިފިނަމަ މަރުގެ ހުކުމް އައުންވެސް އެކަށީގެން ވެއެެވެ.

އަޙްމަދު ބިން ޢަބްދުލްޢަޒީޒަކީ ، ޝަހީ އާއިލާގެ ގިނަ ބޭފުުންގެ މެދުގައި މަގުބޫލު، މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ލަންޑަނުގައި އުޅުއްވުމަށް ފަހު ފާއިތުވި އަހަރު އޭނާ ގައުމަށް އެނބުރިވަޑައިގަތުން، ސަލްމާނު ރަސްގެފާނަށް ފަހު އޭނާ ރަސްކަމަށް އިސްކުރަން ޝާހީ އާއިލާގެ ތެރެއިން މަސައްކަތްކުރާ ކަމުގެ ޚަަބަރުވެސް ފެތުރުނެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އަޙްމަދު ބިން ޢަބްދުލްޢަޒީޒު ހައްޔަރު ކުރައްވައިގެން ވަލީއަހުދު މުޙައްމަދު އެވަނީ ރަތް ރޮނގެއް ހުރަސްކުރައްވާފައެވެ. ޝާހީ އާއިލާގެ ތެރޭގައި ވަރަށް ބޮޑަށް އިހުތިރާމު ލިބިވަޑައިގެން ހުންނެވި އެފަދަ ބޭފުޅަކު އެގޮތަށް ހައްޔަރުކުރެއްވުމުން އޭގެ ނަތީޖާ ގޯސްވެދާނެ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

މުޙައްމަދު ބިން ސަލްމާން ވަނީ 2017 ވަނަ އަހަރުވެސް ޝާހީ އާއިލާގެ ގިނަ ބޭފުޅުންތަކެއް ބަންދުކުރައްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ރަސްގެފާނު ޢަބްދުﷲގެ ދެ ދަރިކަލުންވެސް ހިމެނިވަޑައިގަތެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.