ޓިއުނިސްގައި ހުންނަ އެމެެރިކާ އެންބަސީ ކައިރީގައި ބޮމުގެ ހަމަލާއެެއް ދީފި

ޓިއުނިސްގައި މިއަދު ބޮމުގެ ހަމަލާދިން ތަން ސަލާމަތީ ބާރުތަކުބް ބަލަނީ

ޓިއުނީޝިޔާ (ތޫނިސް) ގެ ވެރިރަށް ޓިއުނިސް (ތޫނިސް) ގައި ހުންނަ އެމެރިިކާ އެންބަސީ ކައިރީގައި ދެ މީހަކު ޖާނުން ފިދާވެގެން ބޮމުގެ ހަމަލާއެއް ދީފިއެވެ.

ޓިއުނީޝިޔާގެ ދާޚިލީ ވުޒާރާއިން ބުނި ގޮތުގަައި އެެމެރިކާ އެންބަސީ ކުރިމަތީގަައި އޮތް ސަލަމަތީ ބާރުތަކުގެ އުޅަނދެއް ކައިރީގައި ދެ މީހަކު އަމިއްލަ ނުފުސު ގޮއްވާލައިގެން ހަމަލާއެއް ދީފައިވާ ކަމުގައެވެ. އަދި މި ހަމަލާގެ ސަބަބުން އެ ދެމީހުން މަރުވެ، ސަލާމަތީ ބާރުތަކުގެ ފަސް މީހުންނާއި އާއްމުންގެ މީހަކު ޒަޚަމްވެފައިވާ ކަމުގައެވެ.

ޓިއުނީޝިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކާ ހަވާލާދީ ބައެއް ނޫސަތަކުން ބުނެފައިވާ  ގޮތުގައި، ހަމަލާދީފައިވަނީ އެމެރިކާ އެންބަސީއަށް އަމާޒުކޮށެވެ. އަދި މިސްރުގެ އެންބަސީވެސް ހުންނަނީ ހަމަލާދިން ހިސާބާ ކައިރީގައެވެ.

އެމެރިކާ އާއި މިސްރުގެ އެންބަސީތައް ހުންނަ ބުޙައިރާ ސަރަހައްދަކީ ގިނަ އެންބަސީތަކެެއް ހުންނަ ސަރަހައްދެކެވެ.

އެމެރިކާ އެންބަސީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ "އެމެރިކާ ޓިއުނިސްގައި ހުންނަ އެމެރިކާ އެންބަސީ ކައިރީގައި އެެއްޗެއް ގޮއްވާލައިގެން އުޅޭތީ، ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ބަލަމުން އަންނަ" ކަމަށާއި. އެ ސަރަހައްދުގައި ނުތިިބުމަށާއި، ޚަބަރުފަތުރާ ވަސީލަތްތަކުން މައުލޫމާތު ހޯދުމަށާއި، ސަލަމަތީ އިރުޝާދުތަކަށް ބޯލެނބުމަށް" އެދޭ ކަމަށެވެ.

ދާޚިލާ ވުޒާރާއިން ބުނި ގޮތުގައި ޤިރްޠާޖު ރިޔާސީ ގަނޑުވަރުގައި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ކުރިއަށް ދާއިރު، ސަރުކާރުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ހަރުކަށި ހަނގުރާވެރި ޖަމާއަތްތަކުގެ އަމާޒަކަށް ޓިއުނީޝިޔާ ދޭތެރެ ދޭތެރެއިން ހަދާފައި ވެއެވެ. ފާއިތުވި އަހަރު ޓިއުނިސްގެ ތިން ސަރަހައްދެއްގައި ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިސިސް) އިންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.