އިދްލިބުގައި ހިނގާ ހަނގުރާމަ ހުއްޓާލަން ރަޝިޔާއާއި ތުރުކީން އެއްބަސްވެއްޖެ

ޕުޓިންއާއި އެރްދޮޣާން މޮސްކޯގައި ބައްދަލުކުރައްވަނީ

ސީރިޔާ (ސޫރިޔާ) ގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ޕްރޮވިންސު އިދްލިބު ހިފުމަށް ސޫރިޔާ ސަރުކާރު ސިފައިން ދެމުންދާ ހަމަލާތައް ހުއްޓާލައި ވަގުތީ ސުލްހައެއް ގާއިމުކުރުމަށް ރަޝިޔާއާއި ތުރުކީން އެއްބަސްވެއްޖެއެވެ.

ދެ ގަައުމުން މިފަދަ އެއްބަސްވުމަކަށް އައިސްފައި ވަނީ ރަޝިޔާރ ރައީސު ވްލާޑިމީރް ޕުޓިންއާއި ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން މޮސްކޯގައި ބޭއްވެވި ބައްދަލުވުމަކަށް ފަހުގައެވެ. މި ބައްދަލުވުން ހަ ގަޑިއިރަށް ދެމިގެން ގޮސްފައި ވެއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން މިއަދު، މާރިޗު މަހުގެ 6 ވަނަ ދުވަހު، 00:01 އިން ފެށިގެން އިދްލިބުގައި ދެމުންދާ ހަމަލާތައް ހުއްޓާލާނެއެވެ. ރަޝީޔާއާއި ތުރުކީގެ ސިފައިން ގުޅިގެން އިދްލިބުގައި އޮންނަ މައި މަގު، އެމް4 ހައިވޭގައި ފޯރިމަރަން ފަށާނެއެވެ. އެއީ، ސަރާޤިބުގެ ހުޅަނގުން 2 ކިލޯމީޓަރު ދުރުގައި އޮންނަ ޠުރުމްބާ އަވަށާއި، ޢައިނުލް ޙައުރު އަވަށާއި ދެމެދުގައެވެ.

މީގެ އިތުރަށް ހައިވޭގެ އުތުރަށް 6 ކިލޯމީޓަރު އަދި ދެކުނަށް 6 ކިލޯމީޓަރުގެ ސަލާމަތީ ސަރަހައްދެއް ގާއިމުކުރެވޭނެއެވެ. "މި ސަރަހައްދުގެ އިންތައް ރަޝިޔާއާއި ތުރުކީގެ ޑިފެންސް މިނިސްޓްރީތައް ގުޅިގެން 7 ދުވަހުގެ ތެރޭގައި ކަނޑައަޅާނެ" ކަމުގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ވާ އަނެއް ނުކުތާއަކީ ރަޝިޔާއާއި ތުރުކީ ގުޅިން އިދްލިބުގެ އިންސާނީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމެވެ.

ރައީސު ޕުޓިންއާ ބައްދަލުކުރެއްވުމަށް ފަހު މޮސްކޯގައި ވާހަކަފުޅުދައްކަވަމުން ރައީސު އެރްދޮޣާން ވިދާޅުވީ ތުރުކީ ސިފައިންގެ އެތައް ހާސް މީހުން އިދްލިބަށް ފޮނުވާފައިވާ ކަމަށާއި، ސީރިޔާ ސަރުކާރު ސިފައިން ހަމަލާތައް ހުއްޓާނުލައިފި ނަމަ ތުރުކީ މަޑުން ނޯންނާނެ ކަމަށާއި، ފުރިހަމަ ބާރާއެކު ބަދަލު ހިފާނެކަމަށެވެ.

މި ބައްދަލުވުމަށް ފަހު ރައީސު ޕުޓިން ވިދާޅުވީ ރަޝިޔާ ހުރިހާ ކަމެއްގައި ތުރުކީއާ އެއްބަސްް ނުވާކަމަށެވެ. އެހެންނަމަވެސް "މިއީ އިދްލިބުގެ 'ހަމަލާތައް ބަދަލުނުކުރާ' ސަރަހައްދުގައި ހަނގުރާމަ ފިނިކޮށް، އާއްމުން ތަހައްމަލްކުރަމުންދާ ވޭން ނިމުމަކަށް ގެނެސް، އިންސާނީ ހާލަތު ރަނގަޅުކުރުމަށް އެޅޭ ބިންގަލަކަށް ވާނެ" ކަމަށް އުއްުމީދުކުރައްވާ ކަމުގައެވެ.

އިދްލިބު ޕްރޮވިންްސް ހިފުމަށް ސީރިޔާ ސިފައިން ފާއިތުވި ޑިިސެންބަރު މަހު ފަށާފައިވާ ހަމަލާގައި މިހާތަނަށް 300 އަށް ވުރެ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 100 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ތުރުކީގެ ސަރަހައްދީ ރޮނގު ކައިރިއަށް ގޮސްފައެވެ.

ރަޝިޔާއާއި ތުރުކީގެ އެއްބަސްވުން ތަންފީޒުކުރަން ފެށިތާ ގިނަ އިރުތަކެއް ނުވެ، ސީރިޔާ ސިފައިން އިދްލިބުގައި ހަމަލާތަކެއް ދީފައިވާކަން ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްވަނީ ހާމަކޮށްފައެވެ. އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި ސީރިޔާ ސިފައިން ވަނީ އިދްލިބުގެ ދެކުނާއި، ޙަލަބުގެ ހުޅަނގުގައި ވާ ބައެއް އަވަށްތަކަށް ބޮޑުބަޑިން ހަމަލާދީފައެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.