ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) ހަލުވިކަމާއެކު ފެތުރެމުން ދާތީ، ދަތުރުކުރާ މީހުން މާ ބޮޑަށް މަދުވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ސަރަހައްދީ އެއާލައިން، ފްލައިބީ ބަނގުރޫޓުވެއްޖެއެެވެ. އެ އެއާލައިން ވެފައި ވަނީ ކޮރޯނާ ވައިރސްގެ ސަބަބުން ބަނގުރޫޓުވި ފުރަތަމަ އެއާލައިނަށެވެ.
ޔޫރަޕްގެ އެންމެ ބޮޑު ސަރަހައްދީ އެއާލައިން، ފްލައިބީ ބަނގުރޫޓުވުމުން 2300 މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އޮތް ކަމަށް އިނގިރޭސި ނޫސްތަކުން ބުނެފައި ވާއިރު، އެތައް ލައްކަ ބައެއްގެ ދަތުރުތައް ކެންސަލްކުރަން ވަނީ ޖެހިފައެވެ. ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ފްލަޓްތައް ކެންސަލްވިކަން އަންގާފައި ވަނީ ރޭ ދަންވަރު 2:00 ޖެހިއިރުއެވެ.
އިނގިރޭސިވިލާތުގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ %40 ހިއްސާކުރާ ފްލައިބީއަށް މާލީ މައްސަލަތައް ކުރިމަތިވެ އިނގިރޭސި ސަރުކާރުން އެ އެއާލައިން ސަލާމަތްކުރަން 100 މިލިއަން ޕައުންޑުގެ ޕެކޭޖެއް ދޭން އިނގިރޭސި ސަރުކާރުން އެއްބަސްވިތާ ދެ މަސްދުވަސް ފަހު، ކޮރޯނާވައިރަސްގެ މައްސަލަކުރިމަތިވުން ވެގެން ދިޔައީ ފްލައިބީއަށް ހިފަހައްޓާލެވޭވަރަށް ވުރެ ބޮޑު ލޮޅުމަކަށެވެ.
"ހުރިހާ ފްލައިޓެއް ވަނީ އުދުހުން ހުއްޓާލާފައި. އަދި އިނގިރޭސިވިލާތުގައި ކުރާ ވިޔަފާރި ވަނީ މި ވަގުތުން ފެށިގެން ހުއްޓާލާފައި." ޔޫރަޕްގެ 56 މަންޒިލަކަށް ދަތުރުކުރާ ފްލައިބީން ނެރުނު ބަޔާނެއްގައި ވެއެވެ. އެ އެއާލައިނުން ވަނީ ޓިކެޓު ނަގާފައިވާ މީހުން ފުރަން އެއަޕޯޓުތަކަށް ނުދިއުމަށް އަންގާފައެވެ.
ފްލައިބީ އެއާލައިން ބަނގުރޫޓުވުން މިސާލެއްގެ ގޮތުގައި ދައްކަމުން، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރާ ބެހެޭ ޖަމްއިއްޔާ، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއެޝަން (އަޔާޓާ) އިން ބުނެފައި ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން މިއަހަރު އެއާލައިންތަކަށް 113 ބިލިއަން އެމެރިކާ ޑޮލަރު ގެއްލުންވާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. މިއީ އެ ޖަމްއިއްޔާއިން މީގެ 13 ދުވަސްކުރިން ލަފާކުރި ވަރަށްވުރެ ހަަތަރު ގުނަ ބޮޑު އަދަދެކެވެ.
ފްލައިބީއަކީ ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ބަނގުރޫޓި އިނގިރޭސި ހަތަރުވަނަ އެއާލައިނަށެވެ. އޮކްޓޯބަރު 2017 ގައި މޮނާކް އެއާލައިން ބަނގުރޫޓުވެފައި ވާއިރު، ފެބްރުއަރީ 2019 ގައި ފްލައިބީއެމްއި ވަނީ ބަނގުރޫޓުވެފައެވެ. އަދި ފާއިތުވި ސެޕްޓެންބަރު މަހު ތޯމަސްކުކް އެއާލައިން ވެސް ބަނގުރޫޓުވެފައެވެ.
1 ނޮވެންބަރު 1979 ގައި އުފެދުނު ފްލައިބީ އެއާލައިން ބަނގުރޫޓުވި އިރު، އެ އެއާލައިނުގައި 63 މަތިންދާބޯޓު އޮވެއެވެ.