މިހާރު ދުނިޔޭގެ ޤައުމު ތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން 12 ބިލިއަން ޑޮލަރުގެ އެހީ ތަރައްޤީ ވަމުން އަންނަ ޤައުމުގެ ތަކަށް ދޭން ކަނޑައެޅިފައިވާ ކަމަށް ވޯލްޑުބޭންކުން ބުނެފިއެވެ.
އެބޭންކުން މިގޮތަށް ނިންމާފައިވަނީ، ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމު ތަކުގެ އިޤްތިސާދަށް އަރާ ބުރުލަކުންވާ، ގެއްލުން ދަށް ކުރުމަށް ކަމަށް އެޖަމާއަތުން ބުނެއެވެ. މިނިންމުން އައިސްފައި މިވަނީ ދުނިޔޭގެ ޤައުމު ތަކުގެ ލީޑަރުން، އެޤައުމުތަކުގެ އިޤްތިސާދު ރައްކާ ކުރާނެ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ވޯލްޑް ބޭންކުން ދޭ މިއެހީތެރިކަމުގެ ބޭނުމަކީ އެޤައުމު ތަކުގެ އިޤްތިސާދު ހިފަހައްޓައި، ގައުމު ތަކުގެ ސިއްޙީ ވަސީލަތްތައް ތަރައްޤީކޮށް ދިމާވެދާނެ ބަލިމަޑު ކަމަކަށް ތައްޔާރު ކުރުމުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން އެގައުމެއްގެ އިޤްތިސާދީ ހާލަތު ހިފެހެއްޓުން ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކާއި ވާހަކަ ދައްކަވަމުން ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވީ، މީގެ ބޭނުމަކީ މިބަލި ފެތުރުން މަދު ކުރުން ކަމަށެވެ.
ދުނިޔޭގެ 70 ގައުމަކަށް މިވައިރަސް ފެތުރިފައިވާއިރު، މިއެހީ އެންމެ ބޮޑަށް ލިބިގެންދާނީ އިޤްތިސާދީ ގޮތުން ބަލިކަށި އަދި ވަސީލަތް މަދު ފަޤީރު ގައުމުތަކަށް ކަމަށް އެއިދާރާއިން ބުނެއެވެ. މިއެހީ ތެރިކަމުގެ ދެބައިކުޅަ އެއްބައި އަންނަނީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ. އަދި މީގެ ތެރެއިން 4 ބިލިއަން ޑޮލަރަކީ އެހެން ދިމާއަކުން ޚަރަދު ކުރަން ހުރި ލާރި ކަމަށް އެއިދާރާއިން ބުނެއެވެ.
މިވައިރަސްއަށް މިހާތަނަށް 92000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 3000 އަށް ވުރެ ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ މަރުވެފައެވެ. މިހާރު މިބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ ޗައިނާގައެވެ. އެގައުމުގެ 80000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަން ޔަޤީން ކުރެވިފައިވާއިރު ދެން އެންމެ ބޮޑަށް މިބަލި ފެތުރެމުން ދަނީ ދެކުނު ކޮރެއާގައެވެ. އެގައުމުގައި 32 މީހުން މިބަލީގެ ޝިކާރައަށްވެ މަރުވެފައެވެ. އެގައުމުން 5300 އަށް ވުރެ ގިނަ ކޭސް މިހާތަނަށް ފެނިފައި ވެއެވެ.