އާމިނަތު ސީޒާ އީސީން ވަކިކުރި މައްސަލަ ބަލާނަން: އަކުރަމް

އާމިނަތު ޝީޒާ: ފޮޓޯ ފޭސްބުކް

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރަމުންއައި ހދ. ނޮޅިވަރަންފަރު، ނިރު، އާމިނަތު ސީޒާ ވަޒީފާއިން ވަކުރި މައްސަލާގައި އެއްވެސް ނަހަމަ ކަމެއް ހިނގާފައިވާނަމަ އެކަމެއް ބައްލަވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީގެ ނާއިބު ރައީސް އަޙުމަދު އަކުރަމް ވިދާޅުވީ މިހާތަނަށް އޭނާ ރަސްމީކޮށް އީސީއަށް އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށެވެ. އެހެންނަމަވެސް އޭނާގެ ހިތްހަމަނުޖެހުންތަކެއް އެމައްސަލާގައ ހުރިކަން ބައެއް ވަސީލަތްތަކުން އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މުވައްޒަފުންނާ ބެހޭ އެފަދަ މައްސަލަތައް އާންމެއްނުކުރަން އަޅުގަނޑުމެން. އެމައްސަލާގައި އެނާގެ ހިތްހަމަނުޖެހުންތައް ހުރިކަމަށްވާނަމަ އެކަމެއް ބަލައި އޭނާ ވަކިކުރުމުގައި އެއްވެސް ނޭއްގާނި ކަމެއް ހިނގާފައިވާނަމަ އެކަމެއް ރަނގަޅުކޮށްދޭނަން. އެކަމުގައި އޭނާއާ ވާހަކަ ދައްކާނަން،" އަކުރަމް ވިދާޅުވިއެވެ.

އީސީން އޭނާ ވަކިކޮށްފައިވަނީ ކޮމިޝަންގެ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވާފަދަ ޢަމަލެއް ހިނގާފައި ވުމުން ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ ކޮންކަމެއް ކަމެއް އަކުރަމް ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ސީޒާ ވިދާޅުވެފައިވާ ގޮތުގައި އޭނާ ވަކީކުރީ ސުލޫކީ މައްސަލައެއްގައި ނޫނެވެ. އެފަދަ ކަމަކަށް އޭނާކުރިކަމަކަށް އޮންނާނީ ވަޒީފާއިން ވަކިވާން ސިޓީލުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެފައިވެއެވެ. ވަޒީފާއިން ވަކިވާން އޭނާ ސިޓީލެއްވީ ރެއާއި ދުވާލު މަސައްކަތް ކުރަންޖެހުމުން ނިދިގެއްލި ކެއުންބުއިމާއި ދުރުވެ، ކިޔަވަން ކުލާސްތަކަށް ނުދެވެން ފެށުމުން ޕްރެޝަރ ބޮޑުވެގެންނެވެ.

ވަޒީފާއިން ވަކިވާން ސިޓީ ލުމަށްފަހު ވެސް އޭނާ ވަޒީފާއަށް ނުކުތެވެ. އެހެންނަމަވެސް އޮފީހަށް ނުވަތަ ސެކްޝަނަށް ވަނުމުގެ އެއްވެސް ހައްގެއް އޭނާއަށްނެތް ކަމަށް ސެކްޝަންގެ ވެރިޔާ ވިދާޅުވި ކަމަށް ސީޒާ ވިދާޅުވެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރީ ސީޒާ އަމިއްލައަށް ވަޒީފާއިން ވަކިވާން ސިޓީލުމަށްފަހު ދެން ހިނގި ކަންތައްތަކަކާ ގުޅިގެންނެވެ. އެހެންނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އެނގިފައެއް ނުވެއެވެ. އަކުރަމް ވިދާޅުވީ އެހުރިހާ ކަމެއް ވެސް ބައްލަމުން ގެންދަވާ ކަމަށެވެ.

ސީޒާގެ ކަންބޮޑުވުމަކީ ވަޒީފާއިން ވަކިވާން އަމިއްލައަށް އެދިފައި އޮއްވައި އޭނާއަށް ޗިޓް ދިނުމެވެ. އަދިވެސް އެކަން ރަނގަޅަށް ބައްލަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.