ޖޭޕީގެ ވެރިކަމެއްގައި އެންމެންނަށް ބޯހިޔާވަހިކަން ލިބޭނެ

ޖުމްހޫރީޕާޓީގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ބޭނުންވެފައި ނުލިބޭނެ އެކަކު ވެސް ނުހުންނާނެ ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.

ޖޭޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ކައުންސިލް މެމްބަރ އަދި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އެޑުވައިޒަރ  އިލްހާމް އަހުމަދު ވިދާޅުވީ އެކަން ކުރައްވަން މިސަރުކާރުން ވެސް ބޭނުންވާނަމަ އެކަން ކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް އަދި ވެސް ބޭނުންވަނީ ކުރިއެކޭ އެއްގޮތަށް އާދޭސް ކުރުވައިގެން ކަންކަން ކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ ބުރިޖެއް އަޅަން އެ ޚަރަދުކުރި ވަރަށް ފައިސާ ޚަރަދުކޮށްގެން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ކަމަށެވެ. އޭނާ އިގްތިސާދީ ކޮމިޓީގެ ޗެއާއަކަށް އިންނެވި ދުވަސްވަރު އެކަން ކަށަވަރުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެންޑީޑޭޓު ވެރިކަމަށް ހޮވައިދީފިނަމަ ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުންގެ ތެރެއިން އެންމެންނަށް އެޕާޓީން ކޮށްދޭނެ ކަމަށެވެ. އެކަން ކުރުމުގެ ގާބިލްކަން ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ މިހާރު ޕީޕީއެމް ވެސް ޓެސްޓް ކުރެއްވިއްޖެ ކަމަށެވެ. އަދި އެމްޑީޕީ ވަނީ ދެ ފަހަރަށް ޓެސްޓު ކުރެވިފައި ކަމަށެވެ. އެހެންނަމަވެސް އެއްވެސް ބަޔަކަށް އެދެވޭ ނަތީޖާއެއް ނުދެއްކުނުކަމަށާއި ޖޭޕީއަށް ފުރުސަތު ދީފިނަމަ އެއީ ނަތީޖާ ދައްކާނެ ޕާޓީކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. އަޅުގަނޑުމެން ބޯހިޔާ ވަހިކަން ބޭނުންވެއެވެ. ޝައްކުއުފެދެނީ ޖޭޕީއަށް ވެރިކަން ކުރާނެ ފުރުސަތު ﷲ ރަޙްމަތްފުޅުން ލިބިއްޖެނަމަ، ވެވަޑައިގެންފައިވާ ވައުދު ފުއްދާނެކަމާއި މެދުއެވެ. މިވަހުން އުފެދެނީ ޕާޓީގައި ތިއްބެވީ އަމިއްލަ އެދުމުން ނުލާހިކު ބޮޑަށް ފެންކަޅިވެފައިވާ ފަރާތްތަކެއް ޕާޓީގެ މަތީފަޑީގައި ހަރަކާތްތެރިވާތީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.