އެމެރިކާއާއި ޠާލިބާން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރިތާ 48 ގަޑިއިރު ނުވަނީސް އަފްޣާނިސްތާނުގައި ބޮމެއް ގޮއްވާލައިފި

އެމެރިކާއާއި ޠާލިބާން ޖަމާއަތުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމުން އަފްޣާން މީހުން އުފާފާޅުކުރަނީ

އެމެރިކާ ސިފައިން އަަފްޣާނިިސްތާނުގެ ހަނގުރާމައިގެ ތެރޭގައި ހަރަކާތްެތެރިވާތާ 19 އަހަރު ފަހުން ޠާލިބާނުންނާއި އެމެރިިކާ ސަރުކާރާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރީ ފާއިތުވި ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ޤަތަރުގެ ވެރިރަށް ދޯހާއި އެ އެއްބަސްވުމުގައި ސޮއިކުރި ފަހުން ދެ ދުވަސް ނުވަނީސް އަފްޢާނިސްތާނުގެ ފުޓުބޯޅަ ދަނޑެއްގައި މިއަދު ބޮމެއް ގޮއްވާލައިފިއެވެ.

އިރު ދެކުނު ޕްރޮވިންސު ޚޯސްތުގައި ގޮއްވާލި ބޮމުގެ ސަބަބުން 3 މީހަކު މަރުވެ 11 މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، ޚޯސްތުގެ ގަވަރުނަރު ޙަލީމް ފިދާއީ ވިދާޅުވީ ބޮން ގޮއްވާލީ ކޮންބައެއްކަން ލަފާނުކުރެއްވޭ ކަމުގައެވެ.

އެމެރިކާއާއި ޠާލިބާން ސޮއިކުރި އެއްބަސްވުމުގައި ވާގޮތުން އަފްޣާނިސްތާނުގެ ސަރުކާރުން ބަންދުކޮށްފައިވާ ޠާލިބާންގެ 5000 ހަނގުރާމަވެރިން ސަރުކާރުން ދޫކޮށްލުުމުން އޭގެ ބަދަލުގައި ޠާލިބާންގެ އަތްދަށުގައި ތިބި ސަރުކާރު ސިފައިންގެ 1000 މީހުން ދޫކޮށްލުން ހިމެނެއެވެ.

އެހެންނަމަވެސް، އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީ ވަނީ، އަފްޣާން ސަރުކާރުގެ ފަރާތުން އެެއްވެސް ކަމެއް ނިންމުމުގެ އިޚްތިޔާރު އެމެރިކާއަށް ލިބިގެން ނުވާ ކަމަށް ވިދާޅުވެ، ޠާލިބާން ހަނގުރާމަވެރިން ދޫކޮށްލުމަށް ދެކޮޅުހައްދަވާފައެވެ.

ރައީސު ޣަނީގެ މިނިންމެވުމާއެކު ޠާލިބާން ޖަމާއަތުން ވަނީ ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް، ސަރުކާރު ސިފައިންނަށް ހަމަލާދޭން ފަށާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، ފުބުބޯޅަ ދަނޑަށް ދިން ހަމަލާގެ ފަހަތުގައި ޠާލިބާން ވާކަމުގެ އެއްވެސް އިޝާރާތެއް އަދި ލިބިފައި ނުވެއެވެ.

އެެމެރިކާ-ޠާލިބާން އެއްބަސްވުމުގައި ސުލްހަ ދަމަހަައްޓާނެކަމަށާ، އަފްޣާން ސަރުކާރާގެ ސުލްހައި ވާހަކަތައް ފަށާނެކަމަށް ޠާލިބާން އެއްބަސްވުމުން، އަފްޣާނިސްތާނުގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން 14 މަސްދުވަހުގެ ތެރޭގައި އެގައުމުން ބޭލުމަށް ވަނީ އެމެރިކާއިން ވަނީ އެއްބަސްވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.