އެންމެ ދަށް އުޖޫރަ ކަނޑައެޅުމާ ބެހޭ ޚިޔާލު ހޯދުމުގެ ފުރަތަމަ ފޯރަމް އަންނަ ބުދަދުވަހުގެރޭ ބާއްވަނީ

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފުރަތަމަ ފޯރަމް، އަންނަ ބުދަދުވަހުގެ ރޭ ބާއްވަން ރައްޔިތުންގެ މަޖިލީހުގެ  އިދާރާއިން ހަމަޖައްސަވައިފިއެވެ. މި ފޯރަމްގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ހަމަޖައްސަވައިފައި ވަނީ މިނިމަމް ވޭޖް ނުވަތަ އެންމެ ދަށް އުޖޫރަ ކަނޑައެޅުމާ ބެހޭގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާއި މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުން ބޭއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިޢުލާން ކުރައްވައިފައެވެ. މި ފޯރަމް ތަކަކީ މިހާރު ވެސް ބިލްތަކާއި މައްސަލަތަކަށް ލިޔުމުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އިތުރުން ބިލްތަކާއި މައްސަލަތަކާ ގުޅޭ މަޢުލޫމާތު، ރައްޔިތުންނާ ޚިއްސާ ކުރައްވައި އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ފޯރަމްތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މި ފޯރަމްތައް ވެސް ބާއްވާނީ ބިލްތަކާއި މައްސަލަތަކުގެ މަސައްކަތް ކޮމެޓީ މަރުޙަލާ ފެށުމަށްފަހުގައެވެ. ބިލްތަކާއި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމުގައި ބިލް ނުވަތަ މައްސަލަތައް ހުށަހަޅުއްވާ މެމަބަރުގެ އިތުރުން ކަމާބެގުޅޭ ފަންނީ ބޭފުޅުންވެސް ބައިވެރި ވަޑައިގަންނަވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވިގޮތުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމުގެ ފުރަތަމަ ބައްދަލުވުމުގައި މިނިމަމް ވޭޖް ކަނޑައަޅުމާ ބެހޭގޮތުން މަޢުލޫމާތު ދެއްވުމަށް ފަންނީ ބޭފުޅުންނާއި އަދި މިނިމަމް ވޭޖް ބޯރޑް މެމްބަރުންވެސް ބައިވެރިވަޑައިގެން އާންމުންނަށް ފަންނީ މަޢުލޫމާތު ދެއްވާނެއެވެ. އަދި އެބައްދަލުވުމުގައި އާންމުނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަޑު އެހުމަށް ވަންނަ އުޞޫލުން ޖާގަ ފުރެންދެން އާންމުނަށް ފޯރަމަށް ވަނުމުގެ ފުރުޞަތު ވަނީ ހުޅުވާލައްވައިފައެވެ. ފުރަތަމަ ބައްދަލުވުން ބާއްވަން ހަމަޖައްސަވައިފައި ވަނީ އަންނަ ބުދަދުވަހުގެ ރޭ  8:15 އިން 10:30 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އައު އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.