ޖީސީއެފްގެ އެހީހޯދުމަށް ތައްޔާރުކުރި ފުރޭމްވޯކް މިއަދު އިފްތިތާހުކޮށްފި

ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް 5 އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައަޅައި ތައްޔާރުކުރި "ޤައުމީ އިސްތިރާޖީ ފްރޭމްވާރކް" މިއަދު އިފްތިތާހުކޮށްފިއެވެ.

"ޤައުމީ އިސްތިރާޖީ ފްރޭމްވާރކް" ނުވަތަ "ނޭޝަނަލް ސްޓްރެޓީޖިކް ފްރޭމްވާރކް ޓު މޮބިލައިޒް އިންޓަރނޭޝަނަލް ކްލައިމެޓް ފައިނޭންސް އިން ދަ މޯލްޑިވްސް" އިފްތިތާހު ކޮށްދެއްވީ ތިމާވެއްޓާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަނެވެ.

މި ފްރޭމްވާރކަކީ، ޖީ.ސީ.އެފް އާއި އދ. ގެ ތިމާވެށްޓާބެހޭ ޖަމިއްޔާގެ އެހީލިބިގެން ކުރިއަށްގެންދާ މަޝްރޫޢެއްގެ ދަށުން އެކުލަވާލެވުނު ފްރޭމްވޯކެއް ކަމަށް އެވުޒާރާއިން ވިދާޅުވޮއެވެ.މި ފްރޭމްވަރކް ތައްޔާރުކުރުމުގެ މަސައްކަތް އިފްތިތާޙްކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި އޭގެ ފަހުން ގިނަ މަޝްވަރާ ބައްދަލުވުންތައް ބޭއްވި، މި ފްރޭމްވޯކަކީ ގާތްގަނޑަކަށް 1 އަހަރު ދުވަހުގެ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ފްރޭމްވޯކުގައި ޖީސީއެފް އަށް 2020 އިން ފެށިގެން ކުރިއަށް އޮތް 5 އަހަރު ދުވަހު ރާއްޖެއިން ތައްޔާރުކުރާ ޕައިޕްލައިންގެ ގޮތުގައި ވަނީ ޖުމަލް 438 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް 31 ޕްރޮޖެކްޓް ކޮންސެޕްޓް ވަނީ ހިމަނާފައެވެ. މި ޕައިޕްލައިން އެކުލަވާލެވިފައިވަނީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި، ކައުންސިލްތަކާއި، މަދަނީ ޖަމާއަތްތަކާއި، އަދި މިދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ޚިޔާލާ މަޝްވަރާވެސް ފުޅާދާއިރާއެއްގައި ހޯދައިގެން ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޖީ.ސީ.އެފް. އިން އެހީދޭ ހުރިހާ ދާއިރާތަކެއްގެ މަޝްރޫޢު މި ޕައިޕްލައިންގައި ވަނީ ހިމެނިފައެވެ. މީގެ ތެރޭގައި ގޮނޑުދޮށް ޙިމާޔަތްކުރުން، ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުން، ދަނޑުވެރިކަން، މަސްވެރިކަން، ފަތުރުވެރިކަން، އިޔާދަކުރަނިވި ހަކަތަ އަދި ދަތުރުފަތުރު ފަދަ ދާއިރާތައް ހިމެނެއެވެ. މި ޕައިޕްލައިންގައި ހިމެނޭ މަޝްރޫޢުތަކަކީ ސަރުކާރުން މިހާރު ތަންފީޒުކުރަމުން ގެންދާ ސްޓްރޭޓިޖިކް އެކްޝަން ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވެސް އެހީތެރިވެދޭ މަޝްރޫޢުތަކަކަށް ވެގެންދާނެއެވެ. މިގޮތުން ޖަޒީރާ ދިރިއުޅުމާއި ނޫ އިޤްތިސާދުކުރިއެރުން ފަދަ ލަނޑުދަނޑިތަކަށް ވަކިން ޚާއްޞަކޮށް މި މަޝްރޫޢުތަކުން ބާރުއަޅާނެ ކަމަށް ވެސް ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މި ސަރުކާރުން ތިމާވެށީގެ ކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި އެކަނިވެސް، ތިމާވެށި ރައްކާތެރި ކުރުމަށް 1.8 ބިލިއަން ރުފިޔާއާއި، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް 247 މިލިއަން ރުފިޔާ ސަރުކާރުން ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގްރީން ލޯނާއި، އިޔާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް ލުއިލޯނު ދޫކުރާ ދެ ފަންޑެއް ވަނީ ޤާއިމްކޮށްފައިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑަކީ ސަރުކާރާއި ފަތުރުވެރިކަން ފަދަ އަމިއްލަ ވިޔަފާރިތައް ގުޅިގެން މިފަދަ މަޝްރޫޢުތަކަށް އެހީދޭ ފަންޑެއް ކަމަށެވެ. އަދި މިފަންޑުގެ ތަޖްރިބާގެ އަލީގައި މިފަދަ އެހެނިހެން ފަންޑުތައް ރާއްޖޭގެ އެހެނިހެން ދިމަދިމާގައި ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

2014 ވަނަ އަހަރު ޤާއިމްކުރެވުނު ޖީ.ސީ.އެފް އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލުހޯދުމަށް ހިންގޭ މަޝްރޫޢުތަކަށް އެހީދޭ ބައިނަލްއަޤުވާމީ އެންމެ ބޮޑު ފަންޑެވެ. މިފަންޑުގެ ފުރަތަމަ ރިސޯސް މޮބިލައިޒޭޝަން ޕީރިއަޑްގައި 10 ބިލިއަން ޔޫ.އެސް. ޑޮލަރުން ފަންޑު ކެޕިޓަލައިޒްކުރެވުނެވެ. އަދި މިފަންޑުގެ ދެވަނަ ރިސޯސް މޮބިލައިޒޭޝަންގެ މަސައްކަތް އެފަރާތުން މިދިޔަ އަހަރު ފަށާ، އެހީދޭ ޤައުމުތަކުން ޖުމްލަ 9.8 ބިލިއަން ޑޮލަރު ކުރިއަށް އޮތް 4 އަހަރުތެރޭ ފޯރުކޮށްދިނުމަށް ވެސް މިހާތަނަށް ވަނީ އެއްބަސްވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.