ބޭރު ގައުމަކަށް ދިރިއުޅުން ބަދަލު ކުރާއިރު، އަނބިދަރިން ތިބި ނަމަ އެންމެ އިސްކަމެއް ދީގެން ކޮންމެ މީހަކުވެސް ވިސްނާނީ އެ މީހުންގެ ކުރިމަގާ މެދުގައެވެ. ވިސްނާ ކަންތައްތަކުގެ ތެރޭގައި ބަދަލުވާ ގައުމުގެ ތައުލީމީ ހާލަތާއި، ސިއްހީ ފަރުވާގެ ފެންވަރާއި، ދިރިއުޅުމުގެ ޚަރަދުބަރަދުގެ ބޮޑުކުޑަ ވަރަކާއި، ޖާނާއި މާލުގެ ރައްކާތެރިކަމާއި، ދަރިންގެ މުނިފޫހިފިލުވުމުގެ ކަންތައްތައް ހުންނާނޭ ގޮތް ހިމެނެއެވެ.
"އިނަޓްރނޭޝަންސް" އަކީ އުފަން ވަޒަން ދޫކޮށް ގޮސް އެހެން ގައުމެއްގައި ދިރިއުޅޭ މީހުން ބައިވެރިވާ އެންމެ ބޮޑު ވިއުގައެވެ. މި ވިއުގައިން ވަނީ މައިގަނޑު 43 ކަމެއްގެ މައްޗަށް ދިރާސާކޮށް ނަތީޖާތަކެއް ހޯދައިފައެވެ. ފާހަގަ ކުރި 43 ކަން ދަރަޖަ ކުރީ 1 އާއި 7 ދެމެދުގެ މާކުހެއް ދީގެންނެވެ.
ފާހަގަ ކުރި ކަންތައްތަކުގެ ތެރެއިން އެއް ކަމަކަށް "އާއިލީ ދިރިއުޅުން ދަރަޖަ ކުރުން" ހިމެނެއެވެ. މި މައިގަނޑުގެ މައްޗަށް ބަލާފައި ވަނީ 45 ގައުމެއްގެ ހާލަތެވެ. ބެލި ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންގެ ތައުލީމާއި، ސިއްހަތާއި، ރައްކާތެރިކަން ހިމެނެއެވެ. މި ދިރާސާގައި ބައިވެރި ކުރީ އެ ގައުމެއްގައި ދިރިއުޅޭ، އެހެން ގައުމަކުން ހިޖުރަ ކޮށްފައިވާ، މަދު ވެގެން 31 އާއިލާއާ ގުޅައި، މައުލޫމާތު ޖަމާ ކުރެވިފައިވާ ނަމައެވެ.
މި ދިރާސާއިން އެންމެ ކުރީގައި އޮތް ކަމަށް ފާހަގަ ކުރެވުނު 19 ގައުމުގެ ވާހަކަ "ބިޒްނަސް އިންސައިޑަރ" ގައި ވަނީ ޝާއިއު ކޮށްފައެވެ.
- ދެކުނު ކޮރެއާ – ލިސްޓުގެ އިސް ވަނައެއް ދެކުނު ކޮރެއާއަށް ލިބުނީ ތައުލީމގެ ފެންވަރު ރަނގަޅު ކުރާން އަޅާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުންނާއި، އެ ފިޔަވަޅުތަކުގެ ނަތީޖާ އެދެވޭ ގިތެއްގައި ފެންނަމުން ދާތީއެވެ. އެ ގައުމުގައި ދިރިއުޅޭ ބިދޭސިންގެ ތެރެއިން 47 އިންސައްތަ މީހުން ބުނެފައި ވަނީ ތައުލީމުގެ ފެންވަރާއި ނިޒާމު ވަރަށް ރަނގަޅު ކަމުގައެވެ. މި ދިޔަ އަހަރު މި ނިސްބަތް އޮތީ 22 އިންސައްތައިގައެވެ.
- މެކްސިކޯ – މި ގައުމުގައި ދިރިއުޅޭ ބިދޭސީން ބުނާ ގޮތުގައި މަސައްކަތުގައި ހޭދަ ކުރާ ވަގުތާއި، އަނބިދަރިންނާ އެކު ހޭދަ ކުރާ ވަގުތު އެކަށީގެންވާ މިންވަރަކަށް ހަމަހަމަ ކުރެވިފައި ވާތީ، އަނބިދަރިންނާ އެކު ހިތްހަމަޖެހޭ މިންވަރަކަށް ވަގުތު ހޭދަ ކުރެވެއެވެ. ކުޑަކުދިން ހިމެނޭ އާއިލާތަކާާއެކު ރަހުމަތްތެރި ގުޅުމެއް މެކްސިކޯގެ ރައްޔިތުން ބާއްވަމުން ގެންދާ ކަމަށް ގިނަ މީހުން ބުނާތީ، އެ މިންގަނޑުން ގުނޭ ގައުމުތަކުގެ ލިސްޓުގެ އަށް ވަނައިގައި މިހާރުވެސް އޮތީ މެކްސިކޯއެވެ.
- ފިލިޕީންސް – މިއީ ދުނިޔޭގައި، ކުޑަކުދިންގެ ތައުލީމީ ނިޒާމު އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މީގެ އިތުރަށް އާއިލާގެ ދުޅަހެއުކަމަށް ސަމާލުކަން ދިނުމާއި، ކުޑަކުދިން ހިމެނޭ އާއިލާތަކާ ގުޅުން ބަދަހި ކުރުމުގައިވެސް އެންމެ ކުރީގައި އޮތް އެއް ގައުމެވެ.
- ސިންގަޕޫރު – ބިދޭސީން ބުނާ ގޮތުގައި އާއިލާގެ ދުޅަހެއުކަމަށް ސަމާލުކަން ދިނުމާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަން ދިނުމުގައި ދުނިޔޭގައި އެންމެ ކުރީގައި އޮތް އެއް ގައުމުގެ ގޮތުގައި ސިންގަޕޫރު ގުނެއެވެ. އެކަމަކު ކުޑަކުދިންނަށް ކިޔަވައި ދިނުމުގެ ޚަރަދާއި، ބެލެހެއްޓުމުގެ ޚަރަދު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި މި ގައުމުގެ ހިމެނެއެވެ.
- ދެކުނު އެފްރިކާ -–މިއީ ކުޑަކުދިންގެ މުނިފޫހި ފިލުވުމަށްޓަކައި ހުންނަ ވަސީލަތްތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ގައުމެކެވެ. އެކަމަކު އާއިލީ ދުޅަހެއުކަމުގެ ފެންވަރަށް ބަލާއިރު އޮތީ ތަންކޮޅެއް ދަށު ފަންތިއެއްގައެވެ.
- ލަކްސަމްބާރގް – މިއީ ކުޑަކުދިންގެ ދުޅަހެއުކަމާއި، ތައުލީމަށް ބަލާއިރު މާ ކުރީގައި އޮތް ގައުމަކަށް ނުވި ނަމަވެސް، އާއިލީ ދުޅަހެއުކަމާއި، ކުޑަކުދިންގެ ރައްކާތެރި ކަމަށް ބަލާއިރު ދުނިޔޭގެ އެންމެ ކުރީގައި އޮތް އެއް ގައުމެވެ.
- ނެދަރލެންޑްސް – ކުޑަކުދިންނަށް ލިބޭ ތައުލީމާއި ރައްކާތެރިކަމުގެ ފެންވަރާއި، ފަސޭހަކަމަށް ބަލާއިރު މި ގައުމު ވަނީ މި ދިޔަ އަހަރާ އަޅާއި ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފައެވެ.
- ޕޮލަންޑް – ޕޮލަންޑް ލިސްޓުގެ މިހައި ކުރިއަށް އެރީ ކުޑަކުދިންނަށް ތައުލީމު ދިނުމަށާއި، ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ ޚަރަދު ކުޑަ ވުމާއި، ތައުލީމުގެ ފެންވަރު ރަނގަޅު ވުމުގެ ސަބަބުންނެވެ.
- ފްރާންސް – ބިދޭސީންނަށް އެންމެ ފަސޭހަ އެއް ކަމަކަށް ފާހަގަ ކުރީ ފަރަންސޭސި ބަހުން ވާހަކަ ދައްކަން އެނގޭ ކަމެވެ. ދިރާސާއިން އެނގުނު ގޮތުގައި ހުރިހައި ގައުމުތަކަށް ބަލާއިރު ބިދޭސީ ކުޑަކުދިންގެ 36 އިންސައްތަ ކުދިން އެކުދިން ދިރިއުޅޭ ގައުމެއްގެ މާދަރީ ބަހުން ވާހަކަ ދައްކައެވެ. އެކަމަކު ފްރާންސަށް ބަލާއިރު މި އިންސައްތަ އޮތީ 60 ގައެވެ.
- ޖަރމަނީ – ޖަރުމަަނުގައި ބިދޭސީ ކުދިންނަށްވެސް މުޅީން ހިލޭ ކިޔަވައި ދެއެވެ. އެކަމަކު ގިނަ މީހުން ބޭނުން ވަނީ އަގު ދީގެން ނަމަވެސް ޖަރުމަނުގައި ހުންނަ ބައިނަލްއަގުވާމީ އިސްކޫލު ތަކަށް ކުދިން ފޮނުވާށެވެ. ސަރުކާރުގެ އިސްކޫލުތަކަށް ކުދިން ފޮނުވަނީ އެންމެ 7 އިންސައްތަ މީހުންނެވެ.
- ބެލްޖިއަމް – 2014 ވަނަ އަހަރު ބެލްޖިއަމް އޮތް ދަރަޖައަށް ބަލާއިރު މި އަހަރު ވަނީ ހުރިހައި ދާއިރާއަކުންވެސް ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ތައުލީމާއި، ކުޑަކުދިން ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފަސޭހަ ކަމަށް އެ ގައުމުން ގެނެސްފައިވާ ކުރިއެރުމެވެ.
- ތައިވާން – ތައިވާނުން ވަނީ ކުޑަކުދިންގެ ރައްކާތެރިކަމާއި، އާއިލާތަކަށާއި، ކުޑަކުދިންނަށް ރަހުމަތްތެރި މާހައުލެއް ބިނާ ކުރުމުގެ ރޮނގުން ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފައެވެ.
- އޮސްޓްރޭލިއާ – މި ގައުމުން ވަނީ ބެލި ހުރިހައި ދާއިރާއަކުނެސް ކުރިއެރުން ހޯދައިފައެވެ. އެހެންނަމަވެސް އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފައި ވަނީ ކުޑަކުދިންގެ މުނިފޫހި ފިލުވުމަށްޓަކައި ގާއިމު ކޮށްފައިވާ ވަސީލަތްތަކުގެ ދާއިރާއިންނެވެ. އެ ދާއިރާއަށް ބަލާއިރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު 10 ގައުމުގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެއެވެ.
- ނޯރވޭ – މި ގައުމު މިދިޔަ އަހަރު އޮތީ 17 ވަނައިގައެވެ. މި އަހަރު މިވަނީ 6 ވަނައަށް އަރައިފައެވެ. މިހައި ބޮޑު ކުރިއެރުމެއް ލިބުނީ ކުޑަކުދިން ބެލެހެއްޓުމުގެ ދާއިރާއިން ހޯދި ބޮޑު ކުރިއެރުމުގެ ސަބަބުންނެވެ.
- ސްވިޑްން – މި ދިޔަ އަހަރު މި ގައުމު އޮތީ 3 ވަނައިގައެވެ. މި އަހަރު މި ވަނީ 3 ވަނައަށް ވެއްޓިފައެވެ. އެއީ ކުޑަކުދިންނަށް ދެވޭ ތައުލީމުގެ ފެންވަރުގެ ދާއިރާއިން ދަށަށް ޖެހިލުމުގެ ސަބަބުންނެވެ. މިއީ ސްވިޑްންގެ ސްކޫލްތަކަށް ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި ދިމާވެފައިވާ ބައެއް މައްސަލަތަކުގ ސަބަބުން ނުކުތް ނަތީޖާއެއް ކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.
- އޮސްޓްރިއާ – މިއީ މި ދިޔަ އަހަރު 1 ވަނައިގައި އޮތް ގައުމެވެ. މި އަހަރު މި އޮތީ 4 ވަނައިގައެވެ. މިއީ އާއިލާގެ ދުޅަހެއުކަމާއި، ތައުލީމުގެ ފެންވަރުގެ ދާއިރާއިން ދަށަށް ޖެހިލުމުގެ ސަބަބުން ވެއްޓުނު ވެއްޓުމެކެވެ. ބިދޭސީންނާ އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަށް ބަލާއިރު އޮސްޓްރިއާ އޮންނަނީ ވަރަށް ދަށުގައެވެ. މި އަހަރުވެސް އޮތީ 45 ގައުމުގެ ތެރެއިން 43 ވަނައިގައެވެ.
- އިޒުރޭލު – މި ދިޔަ އަހަރު އިޒުރޭލު އޮތީ 4 ވަނައިގައެވެ. މި އަހަރު 3 ވަނައިގައެވެ. ސުވާލު ކުރި ބިދޭސީންގެ 81 އިންސައްތަ މީހުން ބުނެފައި ވަނީ އިޒުރޭލުގެ ތައުލީމީ ނިޒާމާ މެދު ހިތްހަމަ ޖެހޭ ކަމުގައެވެ. އަދި ތަޢުލީމަށް ހުޅުވިފައިވާ ފުރުސަތުތަކާ މެދުވެސް ހިތްހަމަ ޖެހޭ ކަމަށް 84 އިންސައްތަ މީހުން ބުނެއެވެ.
- ޗެކް ރިޕަބްލިކް – މި ގައުމު މިދިޔަ އަހަރު އޮތީ 14 ވަނައިގައެވެ. މި އަހަރު މި ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައި 2 ވަނައަށް އަރައިފައެވެ. 74 އިންސައްތަ ބިދޭސީން ބުނެފައި ވަނީ ތައުލީމު ހޯދުމަށް ކުރާ ޚަރަދު ހެޔޮ ކަމަށެވެ. ޗެކް ރިޕަބްލިކް އެއް ވަނައަށް ނޭރީ ތައުލީމުގެ ފެންވަރުގެ މިންގަނޑުން ލިބުނު މާކުސް ތަންކޮޅެއް މަދު ވީމައެވެ.
- ފިންލަންޑް – ފިންލަންޑް އެއް ވަނައަށް އައީ ކުޑަކުދިންގެ ސިއްހީ ފަރުވާއާއި، ރައްކާތެރިކަމާއި، ބެލެހެއްޓުމުގެ ކަންތައްތަކާ ގުޅޭ ގޮތުން އެންމެ މީހަކުވެސް ހިތްހަމަ ނުޖެހޭކަން ފައުޅު ކޮށްފައި ނުވާތީއެވެ. 70 އިންސައްތަ މީހުން ބުނެފައި ވަނީ ތައުލީމުގެ ފެންވަރު ވަރަށް ރަނގަޅު ކަމުގައެވެ. މިއީ ދުނިޔޭގެ އެވަރެޖު ނިސްބަތް ކަމަށް ވާ 21 އިންސައްތައަށް ނިސްބަތް ކުރާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.