'ސްޕްރިންގް ޝީލްޑް' ގެ ނަމުގައި ތުރުކީން އިދްލިބުގައި އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

މަސްރަހު ފިނިކުރުމަށް ރައީސު އެރްދޮޣާންއާއި ރައީސު ޕުޓިން މިމަހު 5 ގައި މޮސްކޯގައި ބައްދަލުކުރައްވަނީ

ތުރުކީ ސިފައިންގެ އުޅަނދުތަކެއް އިދްލިބުގައި

ސީރިޔާ (ސޫރިޔާ) ގެ ހުޅަނގު އުތުރުގައި ތުރުކީއާއި އިންވެގެން އޮންނަ އިދްލިބް ޕްރޮވިންސު ހިފަން ސީރިޔާ ސިފައިން ކުރަމުންދާ މަސައްކަތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ތުރުކީ ސިފައިންނަށް ހަމަލާދީ، ސިފައިންގެ ގިނަ ބަޔަކު މަރާލުމާ ގުޅިގެން ތުރުކީން ސިރިޔާ  ސަރުކާރުގެ ސިފައިންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފިއެވެ.

'ސްޕްރިންގް ޝީލްޑް" ގެ ނަމުގައި ތުރުކީން ފެށި އަސްކަރީ އޮޕަރޭޝަނުގައި މިއަދު ވަނީ ސީރިޔާ ސިފައިންގެ ހަނގުރާމަމަތީ ދެ މަތިންދާބޯޓު ވައްޓާލާފައެވެ. ސީރިޔާ ސަރުކާރުން ވަނީ ރަޝިޔާގައި އުފައްދާފައިވާ ސުޚޯއި އެސްޔޫ-24 މަރުކާގެ ދެ ބޯޓު ވައްޓާލާފައިވާ ކަމަށް އެއްބަސްވެފައެވެ. އަދި ބުނެފައި ވަނީ ދެ ބޯޓުގެ ޕައިލެޓުންވެސް ސަލާމަތުން ފުންމާލައިވާ ކަމުގައެވެ.

ތުރުކީން ބުނެފައި ވަނީ ދެ މަތިންދާބޯޓު ވައްޓާލުމުގެ އިތުރަށް، ސީރިޔާ ސިފައިންގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީ، 8 ހެލިކޮޕްޓަރު ވައްޓާލައި، ވައިގެ ދިފާއީ ނިޒާމުގެ ދެ ނިޒާމު ހަލާކުކޮށްލައި، 103 ޓޭންކާއި، 72 ރޮކެޓް ލޯންޗަރ ހަލާކުކޮށްލާފައިވާ ކަމުގައެވެ. މި އަދަދުތަކާމެދު ސީރިޔާ ސަރުކާރުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވެފައި ވަނީ ސޯޗީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ހިސާބަށް ސީރިޔާ ސިފައިން ފަހަތަށް ޖެހެންދެން އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމުގައެވެ. ސީރިޔާގައި ހަރަކާތްތެރިވާ ބާރުތައް ކަމުގައިވާ ރަޝިޔާއާއި އީރާނާއި ތުރުކީގެ އިސް ވެރިން ވަނީ 2028 ސޯޗީގައި ބޭއްވި ބައްދަލުވުމަށް ފަހު، ސީރިޔާގެ އިދްލިބަކީ ރައްކާތެރި ސަރަހައްދެއް ކަމުގައި ކަނޑައަޅަން ނިންމާފައެވެ.

'ސްޕްރިންގް ޝީލްޑް' އޮޕަރޭޝަން ފެށުމާއެކު ތުރުކީން ބުނެފައި ވަނީ، މި އޮޕަރޭޝަނުގައި ރަޝިޔާ ސިފައިންނާ ކުރިމަތިލާން ބޭނުން ނުވާކަމުގައެވެ. ރަޝިޔާ ސިފައިން ގެންދަނީ އިދްލިބުގައި ސީރިޔާ ސިފައިން ދެމުންދާ ހަމަލާތަކުގައި ވައިގެ އަސްކަރިއްޔާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"ރަޝިޔާއާއި ކުރިމަތިލުމުގެ ނިޔަތެއް އަހަރުމެންގެ ނެތް. އަހަރުމެން ބޭނުމަކީ ސީރިޔާ ސަރުކާރުން ހިންގާ ގަތުލު އާއްމު ހުއްޓުވުމާއި، ހައްދުފަހަަނަޅައި ދިއުން އަދި ހިޖުރަކުރުން ހުއްޓުމަކަަށް ގެނައުން. ތުރުކީގެ ދިފާއީ ވަޒީރު ހުލޫސީ އަކާރް ވިދާޅުވިއެވެ.

ސީރިޔާ ސިފައިން އިދްލިިބް ޕްރޮވިންސް އަލުން ހިފަން ދޭން ފެށި ހަމަލާތަކުގެ ސަބަބުން މިލިއަނަކަށް ވުރެ އާއްމުން ގެދޮރު ދޫކޮށްދާން ވަނީ މަޖުބޫރުވެފައެވެ. މީގެ ތެރެއިން އެެތައް ހާސް ބަޔަކު ތުރުކީގެ ސަރަހައްދީ ރޮނގާ ދިމާއަށް މިސްރާބު ޖަހާފައިވާ އިރު، ތުރުކީން ވަނީ ޔޫރަޕްގެ ގައުމުތަކާ ގުޅޭ އެގައުމުގެ ސަރަހައްދީ ރޮނގު ހުޅުވާލައި، ސީރިޔާ ރެފިއުޖީން ޔޫރަޕަށް ވަނުމުގެ މަގު ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް، ތުރުކީއާ އިންވެގެން އޮންނަ ޔޫރަޕްގެ ގައުމުތަކުން، ޚާއްސަކޮށް ގްރީކުން ދަނީ ސަރަހައްދީ ރޮނގުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ސީރިޔާގެ އެެއްވެސް މީހަކު އެތެރެވުމަށް ހުރަސް އަޅަމުންނެވެ. ރެފިއުޖީން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ގްރީކުގެ ސަލާމަތީ ބާރުތަކުން މިއަދު ވަނީ ސީރިޔާ ރެފިއުޖީންގެ ތެރެއަށް ކަރުނަ ގޭސް ވެސް ޖަހާފައެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ޔޫރަޕަށް އެތެރެވުމުގެ އުއްމީދުގައި ތުރުކީއާއި ގްރީކާ ދެމެދު އޮންނަ ބަފަރ ޒޯނަށް ސީރިޔާގެ 80 ހާހަށްވުރެ ގިނަ ރެފިއުޖީން ވަނީ ޖަމާވެފައެވެ.

މިއަދު ތުރުކީގެ ބައެއް ނޫސްތަކުން ޚަބަރުދީފައި ވާގޮތުގައި ތުރުކީގެ ރައީސު ރަޖަބް ޠައްޔިބު އެރްދޮޣާންއާއި ރަޝީޔާގެ ރައީސު ޕުޓިން ފޯނުން ދެއްކެވި ވާހަކަފުޅަށް ފަހު، ދެބޭފުޅުން ވަނީ މި މާރިޗު މަހުގެ 5 ވަނަ މޮސްކޯގައި ބައްދަލުކުރެއްވުމަށް ނިންމަވާަފެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.