އިންތިޚާބުގެ ކުރީން އެމްޑީޕީން ތޭރަ ގޮނޑި ކަށަވަރު ކޮށްފި

އެޕްރީލްމަހު 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގެ ކުރިން އެމްޑީޕީން 13 ގޮނޑި ކަށަވަރު ކޮށްފިއެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލައިފައިވާ ފަރާތްތަކުން ވަނީ ދެ ގޮނޑި ކަށަވަރު ކޮށްފައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އިންތިހާބަކާ ނުލައި އެގޮނޑިތައް ކާމިޔާބުކުރި ދާއިރާތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ ގޮނޑިތައް ހިމެނެއެވެ. އޭގެ އެއްވެސް ތަފްސީލެއް އީސީ އަކުން ނުދެއްވައެވެ.

އީސީގެ ރައީސް އަޙުމަދު ޝަރީފް އާދަމް ރޭ ވިދާޅުވީ އަންހެނުންގެ ކޮމިޓީއަށް 22 ރަށަކުން ސީދާ ގާނޫނީ އަދަދަށް، ބޭފުޅުން ކުރިމަތިލާފައިވާ ކަމަށެވެ. އޭގެ އިތުރުން ވ. ރަކީދުއާއ،  މ. ރަތްމަންދޫ އިން އެއްވެސް ޢަދަދަކަށް ކުރިމަތިލައިފައެއް ނުވެއެވެ.

ކައުންސިލްތަކަށް ވާދަ ކުރުމަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ޖުލްމަ ޢަދަދަކީ 2،400 އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 1،817 ކެންޑިޑޭޓުންވަނީ ކުރިމަތި ލައްވައިފައި ކަމަށް އީސީގެ ރައީސް އަޙުމަދު ޝަރީފް ރޭ ވިދާޅުވިއެވެ.

މީގެ ތެރެއިން ކައުންސިލްތަކަށް އިންތިޚާބުކުރާނީ ޖުމްލަ 980 ބޭފުޅުންނެވެ. އަންހެނުންގެ ކޮމިޓީތަކަށް، އިންތިޚާބުކުރާނީ 369 މެންބަރުން ކަމަށް އީސީން ވިދާޅުވިއެވެ. މި އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑެޓުން ވާދަކުރަނީ އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ.  ޕީޕީއެމުން ވާދަކުރަނީ 679 ކެންޑިޑޭޓުންނެވެ. ޖުމްހޫރީ ޕާޓީން 127 ކެންޑިޑޭޓުން  ވާދަކުރެއެވެ. އަދާލަތު ޕާޓީން 30 ކެންޑިޑޭޓުން ވާދަކުރެއެވެ. އެމްޑީއޭއިން ވާދަކުރަނީ 22 ކެންޑިޑޭޓުންނެވެ. އެމްއާރުއެމް އިން 16 ކެޑިޑޭޓުން ވާދަކުރެއެވެ. އެމްއެލްއެސްޑީޕީން ވާދަކުރަނީ 4 ކެންޑިޑޭޓުންނެވެ. ޑީއާރުޕީން ވާދަކުރަނީ އެންމެ ކެންޑިޑޭޓެޖެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.