އާއްމު ދަތުރުފަތުރުގެ ނިޒާމު ހިލޭކުރި ފުރަތަމަ ގައުމަކަށް ލަކްސެމްބާގް

ލަކްސެމްބާގުގައި ދަތުރުކުރާ ޓްރޭމެއް

އާއްމު ދަތުރުފަތުރުގެ ނިޒާމު (ޕަބްލިކް ޓްރާންސްޕޯޓް) ގައި ހިލޭ ދަތުރުކުރެވޭ ގޮތް ދުނިޔޭގައި ހެދި ފުރަތަމަ ގައުމަކަށް ލަކްސެމްބާގް ވެއްޖެއެވެ.

ޔޫރަޕްގެ މެދެތެރޭގައި ފްރާންސް، ޖަރުމަނު އަދި ބެލްޖިއަމާ އިންވެގެން އޮންނަ މި ކުޑަ ގައުމުން ވަނީ ރޭ މެންދަމު 12 އިން ފެށިގެން އެ ގައުމުގެ އެތެރޭގެ އާއްމު ދަތުރުފަތުރުގެ ނިޒާމުގެ ޚިދުމަތް މުޅިން ހިލޭ ދެވޭ ޚިދުމަތަކަށް ހަދާފައެވެ. އޭގެ ތެރޭގައި ރޭލާއި، ޓްރޭމާއި، ބަހުން ކުރެވޭ ދަތުރުތައް ހިމެނެއެވެ. މިކަމުން އިސްތިސްނާވާނީ ރޭލުގެ ފަސްޓް ކުލާހުގައި ކުރާ ދަތުރުތައް އެކަންޏެވެ. އެ ދަތުރުތަކަށް އަގު ނަގާނެއެވެ.

"ދެން ގައުމުގެ ތެރޭގައި ދަތުރުކުރާ ބަހަކަށް ނުވަތަ ރޭލަކަށް ނުވަތަ ޓްރޭމަކަށް އަރަން ޓިކެޓް ގަންނަން ނުޖެހޭނެ." ޕަބްލިކް ޓްރާންސްޕޯޓް ކޮންސޯޓިއަމް އިން ބުނެފައި ވެއެވެ. ލަކްސެމްބާގްގައި ދިރިއުޅޭ މީހުންގެ އިތުރަށް އެގައުމު ހުރަސްކޮށް ޔޫރަޕްގެ އެއްތަނުން އަނެއް ތަނަށްދާ ދަތުރުވެރިންނަށާއި، އެގަައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް އާއްމު ދަތުރުފަތުރުގެ ކޮޮންމެ ވަސީލަތަަކުންވެސް ހިލޭ ދަތުރުކުރެވޭނެއެވެ.

ބޮޑުވަޒީރު ސާވިޔާ ބެޓެލްގެ ސަރުކާރުން ބުނީ މި ފަޔަވަޅު އެޅީ އަމިއްލަ ކާރުގައި އޮފީހަށާއި، މަސައްކަތަށް ގިނަ ބަޔަކު ދަތުރުކުރުުގެ ސަބަބުން ދުއްވާ ތަކެތި ތޮއްޖެހުން ބޮޑުވެ، މަގުތަކުގައި އުޅަނދުފަހަރު ދުއްވުމަށް ދަތިވެފައިވާތީ، އަމިއްލަ އުޅަނދުގެ ބަދަލުގައި އާއްމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުުރުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.

ޔޫރަޕްގެ އެންމެ ކުޑ ގައުމުތަކުގެ ތެރޭގައި ހިމެނޭ ލަކްސެމްބާގް ބޮޑު މިނަކީ 2587 އަކަކިލޯމީޓަރެވެ. އެ ގައުމުގެ އާބާދީ 7 ލައްްކައަށްވުރެ މަދެވެ. ކުޑަ ގައުމަކަށް ވިޔަސް ލަކްސެމްބާގަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމެވެ. އެ ގައުމުގެ އާމްދަނީން އަހަރަކު ބޮލަކަށް ޖެހޭ އަދަދު 1 ލައްކަ 8 ހާސް އެމެރިކާ ޑޮލަރަށް އަރައެވެ.

ސަރުކާރުން ބުނެފައި ވަނީ އާއްމު ދަތުރުފަތުރުގެ ނިޒާމު ހިލޭކުރުމާ ގުޅިން އުނިވާ މިންވަރު ބަޖެޓުގެ ތެރެއިން ފޫބެއްދޭނެ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.