އުރީދޫ މޯލްޑިވްސްގެ އަހަރީއާއްމު ޖަލްސާގައި ބައިވެރިވުމަށް އެދި ފޯމުހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރު އިތުރު ކޮށްފިއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗުމަހުގެ ދެވަނަ ދުވަހުގެރޭ 8:30 ގައި ކުރުނބާ މޯލްޑިވްސް ގެ ކޮންވެންޝަން ހޯލުގައެވެ. މިޖަލްސާގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއަދަތު މިހާރު އިތުރު ކޮށްފައިވަނީ ފެބުރުއަރީ 29 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 ގެ ނިޔަލަށް ކަމަށް އުރީދޫ މޯލްޑިވްސްއިން ވިދާޅުވިއެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ އެދިފައެވެ. ހުށަހަޅުއްވާފައިވާ ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުން ނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުމަށް ވެސް އެކުންފުނިން ވަނީ އެދިފައެވެ. މި ފޯމުތައް ހުށަހަޅުއްވާނީ ހ. ސަންލީޓުގެ، ފަސްވަނަ ފަންގިފިލާގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:30 ފޯމު ބަލައިގަންނާނެއެވެ. އަދި، އީމެއިލް ވެސް ކުރެވޭނެއެވެ.
ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުންނާއި އެތަނުގެ ވެބްސައިޓުން ލިބޭނެއެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބިވަޑައިގަންނަވާނެއެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށް ވެސް އުރީދޫއިން އެދިވަޑައިގަންނަވައެވެ. ރެޖިސްޓަރ ކުރައްވަން ވަޑައިގަންނަވާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންޖެހެއެވެ. އބިދޭސީއެއް ނަމަ ޕާސްޕޯޓު ގެންނަވަން ޖެހެއެވެ. ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވަޑައި ނުގެންނެވޭނެ ކަމަށް ވެސް އުރީދޫން ވަނީ ވިދާޅުވެފައެވެ.
މިޖަލްސާއަށް ކުރުނބާ މޯލްޑިވްއަށް ވަޑައިގެންނެވުމުގެ ކަންކަން އުރީދޫ މޯލްޑިވްސްއިން ވަނީ ހަމަޖައްސަވައިފައެވެ.