ރައީސް ނަޝީދު ކެނެޑާގެ ސަފީރާ ބައްދަލު ކުރައްވައިފި

ރައީސް ނަޝީދު، ސްރީލަންކާގައި ހުންނަވާ ކެނެޑާގެ ސަފީރު ޝެލީ ވައިޓިންގ އާ ބައްދަލު ކުރައްވައިފިއެވެ. މިއަދުގެ ވަގުތެއްގައި ޝެލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދެއްކެވި އެއް ކަމަކީ ދިވެހިރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމެވެ.

މީގެ އިތުރަށް ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާ ކުރެއްވުމަށްޓަކައި އެކަމަނާ ކުރައްވާ މަސައްކަތްޕުޅުގެ މަޢުލޫމާތު ރައީސް ނަޝީދަށް އެރުއްވި ކަމަށްވެސް ޝެލީ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި ކެނެޑާއާ ދެމެދު އޮންނަ ސިޔާސީ ގުޅުމުގެ ކަންތައްތައް ބެލެހެއްޓެވުމަކީ ސްރީލަންކާގައި ހުންނަ ކެނެޑާގެ އެމްބަސީގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން އިސްތުޢުފާ ދެއްވި ދުވަހުން ފެށިގެން ކެނެޑާ އިން ރާއްޖެއާމެދު އަމަލު ކުރަމުން އައިސްފައި ވަނީ ވަރަށް ހަރުކަށިކޮށެވެ. ރައީސް ވަޙީދުގެ ވެރިކަމުގައި އޭރުގެ ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި މަރިޔަމް ޝަކީލާ އަކީ ކެނެޑާގެ ހަރުކަށިކަމާ ކުރިމަތިވެ ވަޑައިގަތް އެއް ބޭފުޅެކެވެ. ސީމެގް ގެ ބައްދަލުވުމެއްގައި ކެނެޑާގެ މަންދޫބު އެކަމަނާއާ ހުތުރު ބަހުން މުޚާޠަބު ކުރެއްވި ވާހަކައަކީ އެ ދުވަސްވަރު ވަރަށް ބޮޑަށް ދެކެވުނު ވާހަކައެވެ.

ރައީސް ނަޝީދުގެ މައްޗަށް ނިރުބަވެރިކަމުގެ ދަޢުވާއެއް އުފުލި، އެމަނިކުފާނުގެ މައްޗަށް ޙުކުމް ކުރެވުމާ ގުޅިގެން ކެނެޑާގެ ޚާރިޖީ ވުޒާރާއިން ވަނީ އެކަން ކުށްވެރިކޮށް 2015 ވަނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު ބަޔާނެއްވެސް ނެރެފައެވެ.

ރައީސް ނަޝީދު ސްރީލަންކާއަށް ވަޑައިގެން އުޅުއްވަނީ އެމްޑީޕީގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވައި ޕާޓީގެ ސިޔާސީ ކުރިމަގާމެދު މަޝްވަރާ ކުރެއްވުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.