ވަޓްސްއެޕް އަދި ވައިބަރ ވީޑިއޯ ކޯލް ހިލޭ ކުރެވޭ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް އުރީދޫން ތައާރަފްކޮށްފި

 ރާއްޖޭގެ ޑެފް ކޮމިއުނިޓީއަށް ޚާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް، "މަށާއެކު" ގެ ނަމުގައި އުރީދޫމޯލްޑިވްސްއިން މިއަދު ތަޢާރަފް ކޮށްފިއެވެ. މި ޕެކޭޖުތައް ތަޢާރަފް ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ހަފްލާގައި، މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރ، އަޙުސަން ޢަބްދުއް ރަޙުމާނާއި  އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާރޝަލް އޮފިސަރ، ޙުސައިން ނިޔާޒެވެ.

އިންޓަނެޓް މެދުވެރިކޮށް އެކަކު އަނެކަކާ މުއާމަލާތް ކުރުމަށް ޑެފް ކޮމިއުނިޓީ ތެރޭގައި އެންމެ ގިނައިން ބޭނުންކުރެވެނީ ވީޑިއޯ މެސެޖާއި ވީޑިއޯ ކޯލްސް ކަމުން، އަޑު އިވުމުން މަހްރޫމް ވެފައިވާ ބޭފުޅުންނަށް އިތުރު ޑޭޓާ ބޭނުންކުރަންޖެހޭ ކަމަށް އުރީދޫން ވިދާޅުވިއެވެ. "މަށާއެކު" ޕެކޭޖަކީ އެ ގޮންޖެހުންތައް ދެނެގަނެ ފަސޭހަ ކަމާއެކު މުޢާމަލާތު ކުރުމަށް އުފެއްދި ޕެކޭޖެއް ކަމަށް ވެސް އުރީދޫން ވަނީ ވިދާޅުވެފައެވެ. މި ޕެކޭޖްގެ ތެރެއިން ކަސްޓަމަރުންނަށް، އެކު ޕޯސްޓްޕެއިޑް ގެ އެކުލެވިފައި ފައިދާތަކުގެ އިތުރުން ވައިބަރ އަދި ވަޓްސްއަޕް މެދުވެރިކޮށް ވިޑިއޯ ކޯލް މުޅިން ހިލޭކުރެވޭނެއެވެ. އެކު ޕޯސްޓްޕެއިޑަކީ މާކެޓުގައި މިހާރު އެންމެ ބޮޑު އެލަވަންސެއް ލިބޭ ޕޯސްޓްޕެއިޑް ޕެކޭޖްތަކެވެ.

މީގެ އިތުރުން، އުރީދޫ މޯލްޑިވްސްއިން މޯލްޑިވްސް ޑެފް އެސޯސިއޭޝަން އާއި ގުޅިގެން އަޑުއެހުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް އުރީދޫގެ ޚިދުމަތްތަކުގެ މައުލޫމާތު ހޯދަން ފަސޭހަކޮށްދީ، އުރީދޫ އާއި ކަސްޓަމަރުންގެ ގުޅުން އިތުރަށް ދެމެހެއްޓުމަށްޓަކައި އުރީދޫ ކަސްޓަމަރ ސާރވިސްގެ 15 މުވައްޒަފުން ބޭސިކް ސައިން ލޭންގުއޭޖުން ވަނީ ތަމްރީނު ކުރެވިފައެވެ. އަދި ސައިން ލެންގުއެޖް ބޭނުން ކުރައްވާ ފަރާތްތަކަށް ކަސްޓަމަރ ކެއަރގެ އެހީތެރިކަން ހޯދުމަށް ޚާއްސަ ކުރެވިފައިވާ ވައިބަރ ނަންބަރެއްވެސް (9611929) ވަނީ ގާއިމް ކުރެވިފައެވެ. މި ވައިބަރ ނަންބަރު މެދުވެރިކޮށް ވީޑިއޯ ކޯލް ގެ ޒަރިއްޔާއިން ސައިން ލެންގުއެޖް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޚިދުމަތް ލިބިގެންދާނެ ކަމަށް އުރީދޫން ވިދާޅުވިއެވެ.

"އަޅުގަޑުމެން ޤަބޫލު ކުރަނީ ޚިދުމަތް ދޭ ފަރާތްތަކަކީ ހުރިހާ ގިންތިއަކާއި ފަންތިއެއްގެ މީހުނަށް ހަމަހަމަ ކަމާއެކު ޚިދުމަތް ފޯރުކޮށްދޭންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. މިގޮތުން،  "މަށާއެކު " ޕެކޭޖް ލޯންޗް ކުރެވުމުން އުރީދޫ ކަސްޓަމަރ ކެއަރ އިން ފިޔަވަޅެއް ކުރިޔަށް އެޅި، ޑެފް ސޮސައިޓީ އާއިއެކު ބަދަހި ގުޅުމެއް އުފެދިގެން ދާނެކަމަށް ޤަބޫލުކުރަމެވެ. އުރީދޫއިން އަބަދުވެސް ދަނީ ކަސްޓަމަރުންގެ ދިރިއުޅުން ފަހިކޮށް ދިރިއުޅުމުގެ ފުރުސަތުތައް އިތުރަށް ފަހި ކޮށްދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.އަދި ކުރިއަށް އޮތްތަނުގައިވެސް، އަޅުގަނޑުމެންގެ މި މަސައްކަތުގައި ފަސްނުޖެހި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." އުރީދޫ މޯލްޑިވްސްގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ އިސްނެގުމާއެކު ވަކި ބަޔަކު ބާކީނުވާނެ ގޮތަށް ޚިދުމަތްތައް ފަރުމާކޮށް، ގޮންޖެހުންތައް ދެނެގަނެ ޑެފް ކޮމިއުނިޓީއަށް އެކަށޭނެ ޕެކޭޖެއް ލޯންޗް ކުރެވިގެން ދިޔަ ކަމަށްޓަކައި އުރީދޫ މޯލްޑިވްސް އަށް ޚާއްޞަ ޝުކުރެއް ދަންނަވާ ކަމަށް  ޑެފްއެސޯސީއޭޝަންގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރ އަޙުސަން ވިދާޅުވިއެވެ. "އަޅުގަޑުމެންގެ އުންމީދަކީ ޚިދުމަތް ފޯރުކޮށްދެއްވާ އެހެނިހެން ފަރާތްތަކުން މިފަދަ ކަންކަން ނަމޫނާއަކަށް ބައްލަވާ މިފަދަ ފުރުސަތުތައް ފަހިކޮށްދިނުން،" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫގެ މަށާ އެކު ޕެކޭޖް، ޑެފް އެސޯސިއޭޝަން މެދުވެރިކޮށް ނެޝަނަލް ސޯޝަލް އެންޑް ޕްރޮޓެކްޝަން އޭޖެންސީ އޮފް މޯލްޑިވްސް ގައި އަޑު އެހުމުގެ ދަތިކަން ދިމާވެފައިވާ މީހެއްގެ ގޮތުގައި ރެޖިސްޓަރވެފައިވައި ކޮންމެ ބޭފުޅަކަށްވެސް މި ޚިދުމަތަށް އެދި ހުށަހެޅޭނެ ކަމަށް އުރީދޫން ވިދާޅުވިއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ޚާއްސަ ކުރެވިފައިވާ ވައިބަރ ހޮޓްލައިން ނަންބަރުން، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް، ހެދުނު 8:30 އިން ހަވީރު 4:30 އަށް ޚިދުމަތް ލިބޭނެ ކަމަށްވެސް އުރީދޫންވަނީ ވިދާޅުވެފައެވެ.

އުރީދޫ މަށާއެކު ޕްލޭން މިހާރު ޑެފް އެސޯސިއޭޝަން ގައި ރެޖިސްޓަރ ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ހުޅުވާލެވިފައިވާ ކަމުގައިވެސް އެތަނުން ވިދާޅުވިއެވެ. އަދި މިހާރުން ފެށިގެން އުރީދޫގެ ހުރިހާ އައުޓްލެޓަކުން މި ޚިދުމަތް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އުރީދޫ މޯލްޑިވްސް އަކީ ކަސްޓަމަރުންގެ ދިރިއުޅުން ފަހިކޮށް މުޖުތަމައުގެ ކުރިއެރުމަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެކެވެ.  އުރީދޫ މޯލްޑިވްސް އިން މިއަދުވެސް ތަޢާރަފްކުރެއްވީ އެފަދަ ޚިދުމަތެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.