ހޯމް މިނިސްޓަރު އިމްރާން ޖަލަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރައްވައިފި

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު މާފުށީ ޖަލަށް ވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓަރ އިމްރާން ޖަލަށް ކުރެއްވި ޒިޔާރަތެއްގައި ޖަލުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް ޔާމީންއާ ބައްދަލު ކުރެއްވިކަން ކަރެކްޝަނުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މިނިސްޓަރ އިމްރާނާއެކު ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙަންމަދު ފުޅުވެސް މިއަދު ޖަލަށް ވަޑައިގަތެވެ. މުޙަންމަދުފުޅަކީ ދާދިފަހުން އެމަގާމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.

ކަރެކްޝަނުން ބުނީ މިނިސްޓަރ އިމްރާނާއި މުޙަންމަދުފުޅު ޖަލަށް ވަޑައިގެން ރައީސް ޔާމީންއާ ބައްދަލު ކުރައްވައި އެމަނިކުފާނުގެ އާންމު ޙަލަތާއި ޖަލުގައި އެމަނިކުފާނު ހުންނަވާ އާންމު ޙާލަތުވެސް ބައްލަވާފައިވާ ކަމަށެވެ. އަދި ޔާމީންގެ ފަރާތުން ހުންނެވި ކަންބޮޑުވުންތައްވެސް މިނިސްޓަރަށް ޙިއްސާ ކުރެއްވިއެވެ.

ފަސް އަހަރުގެ ޖަލު ޙުކުމެއް ހުންނެވި ކުރީގެ ރައީސް ޔާމީންއާ މިއަދު މިނިސްޓަރ ބައްދަލު ކުރެއްވިއިރު މިދިޔަ ތިން ދުވަހު ޔާމީން އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓް ކުރައްވާފައެވެ. އެއީ ޓެސްޓު ތަކެއް ހެދުމަށްޓަކައެވެ. އެމަނިކުފާނު އަނބުރައި ޖަލަށް ގެންދެވީ އިއްޔެއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އައީ ގއ. ވޮޑަމުލާ ކިޔާ ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތު ވުމާއި ގުޅިގެންނެވެ. މި މައްސަލައިގައި ފަސް އަހަރުގެ ޖަލު ޙުކުމެއްގެ އިތުރުން 5 މިލިޔަން ޑޮލަރުން ޔާމީން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.