އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ފަލަސްޠީނުގެ ޒުވާނެއްގެ ހަށިގަނޑު އިސްރާއީލު ސިފައިންގެ ބުލްޑޯޒަކުން ރަހުމްކުޑަ ގޮތަކަށް ޗިސްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެެއް މީސްމީޑިޔާގައި އާއްމުވުމާއި ގުޅިގެން ގިނަ ބަޔަކު އިސްރާއީލާމެދު ރުޅިވެރިކަމާއި ނަފުރަތު ފާޅުކުރަމުން އެބަ ދެއެވެ. އަދި ޣައްޒާއިން އިސްރާއީލަށް ރޮކެޓުން ހަމަލާދީފިއެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ޚާންޔޫނުސް އަވަށުގެ ކައިރީގައި އިސްރާއީލުގެ ސަރަހައްދު ވަކިކުރަން ޖަހާފައިވާ ނަރުދަލުގެ ކައިރީގައި އިސްރާއީލު ސިފައިން ބަޑިޖައި ފަލަސްޠީނުގެ ޒުވާނަކު ޝަހީދުކޮށްލުމުން އޭނާގެ ހަށިގަނޑު ނަގަންވެގެން ޒުވާނުންތަކެއް ދުއްވައިގަތުމުން ދެން ފެންނަނީ ސަހްޔޫނީންގެ އަނިޔާވެރިކަމާއި ރަހުމްކުޑަކަމުގެ ނަމޫނާއެކެެވެ. ޝަހީދުވި ޒުވާނާގެ ހަށިގަނޑު ނަގަން ދިޔަ ޒުވާނުންނަށް އެކަން ކުރިޔަ ނުދީ، ބުލްޑޯޒަރުގެ ތަށިގަނޑުގެ ދަށުގައި ޒުވާނާ ޗިސްކޮށްލުމަށް ފަހު އޭގެ ދަތެއްގައި އެހަށިގަނޑު އެލުވައިގެން ދުުއްވައެވެ.
ޒުވާނާގެ ހަށިގަނޑު ޗިސްކުރާ މަންޒަރު ފެންނަ ވީޑިޔޯ
ޒުވާނާގެ ހަށިގަނޑު ނެގޭތޯ މަަސަައްކަތްކުރި ފަލަސްޠީނު މީހުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން 2 ޒުވާނަކު ވަނީ ޒަޚަމްވެފައެވެ.
ފަލަސްޠީނުގެ ބިމަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އިސްރާއީލު ސިފައިންގެ މި ރަހުމް ކުޑަ އަމަލަކީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ހިންގި މިފަދަ ދެވަނަ އަމަލެވެ. ހުޅަނގު އައްސޭރީގެ ޤަލްޤީލިޔާ ކަައިރީގައި އޮންނަ ކަފަރް ޤައްދޫމް އަވަށު އިއްޔެ މުޒާހަރާކުރަމުން ދިޔަ ބަޔަކާ ދިމާއަށް އިސްރާއީލު ސިފައިންގެ ބުލްޑޯޒަރަކުން އިއްޔެވަނީ ބޮޑެތި ހިލަތަކެއް ފުރޮޅާފައެވެ. މިކަމުގެ ސަބަބުން ނޫސްވެރިޔަކާއި ކުޑަކުއްޖަކު ޒަޚަމްވެފައި ވެއެވެ.
މިއަދު ހެނދުނު ބުލްޑޯޒަރު ބޭނުންކޮށްގެން އިސްރާއީލު ސިފައިން ހިންގި އަމަލާ ގުޅިގެން މިރޭ ޣައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާ ދެމުންދާ ކަމުގެ ޚަބަރު މިހާރު ދަނީ ލިބެމުންނެވެ. އިސްރާއީލުުގެ ބައެއް ނޫސްތަކުން މިރޭ ޚަބަރުދީފައިވާ ގޮތުގައި މިރޭ ޣައްޒާއިން އިސްރާއީލުގެ އަޝްކަލޯން އަވަަަށަށް 20 ރޮކެޓް ފޮނުވާފައި ވެއެވެ. އަދި އެ އަވަށުގެ މޭޔަރު ވަނީ އަވަށުގެ މީހުން ބިންގަރާސްތަކުގައި ހިމާޔަތް ހޯދުމަށް އިލްތިމާސްކޮށްފައެވެ.