އެމްޑީޕީގެ ސަރުކާރަށް އެއް އަހަރު ފުރޭ އިރު ޚާރިޖީ ވުޒާރާ ވައްޓާލަން ވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ފަހުމީ ވިދާޅުވި ގޮތުގައި އެމްޑީޕީއަށް އެ ޕާޓީގެ ސަރުކާރުގައި އެންމެ ފުރަތަމަ މެދުވެރިވީ ބޮޑު މައްސަލައިން ޕާޓީ ސަލާމަތް ކޮށްދެއްވީ އޭނާއެވެ. އެއީ އެމްޑީޕީ ސަރުކާރުގެ ޚާރިޖީ ވަޒީރު ޑޮކްޓަރ އަޙްމަދު ޝަހީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި ދުވަހު ޑީއާރްޕީގެ ތްރީލައިން ވިޕާ ޚިލާފަށް ވޯޓު ދެއްވައިގެންނެވެ.
އަލްހާން ވިދާޅުވި ގޮތުގައި ސިޔާސީ ކަންތައްތައް ހުންނާނީ މިކަހަލަ ގޮތަކަށޭ، އެމްޑީޕީ ސަރުކާރަށް އެއް އަހަު ފުރުން އެމީހުން ފާހަގަ ކުރާއިރު، ޚާރިޖީ ވުޒާރާ ވައްޓާލަން ވާނެ ކަމަށް އޭރުގެ މައި އިދިކޮޅު ޕާޓީ، ޑީއާރްޕީގެ ޒަޢީމް ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.
މިހާރު މި އޮތް ޕީޕީއެމްގެ ސަރުކާތުގެ ފުރަތަމަ ޚާރިޖީ ވަޒީރަކަށް ފުރަތަމަ ހުންނެވީ ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނެވެ. އެކަމަނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޕީޕީއެމްގައި އުފެދުނު ދެބަސްވުމަކާ ގުޅިގެން ސަރުކާރަށް ކުރައްވާ ތާއީދު އަނބުރައި ނެންގެވި ކަމަށް ރައީސް މައުމޫނު ވިދާޅުވުމާ ގުޅިގެންނެވެ. އެއީ މައުމޫނު އަންގަވައިގެން ދުންޔާ އެޅުއްވި ފިޔަވަޅެއް ކަމަށް އޭރު ވާހަކަ ދެކެވުނެވެ. އެހެންނަމަވެސް މައުމޫނު ވިދާޅުވަމުން ގެންދެވީ އެއީ ދުންޔާގެ އަމިއްލަފުޅު ނިންމެވުމެއް ކަމުގައެވެ. އެ ނިންމެވުމާ ގުޅިގެން މައުމޫނު، ދުންޔާއަށް ތަހުނިޔާ ވިދާޅުވިއެވެ.
މިހާރު ދުންޔާ ހުންނެވީ އަނެއްކާވެސް ސަރުކާރުގައެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. އެ މަގާމަށް ދުންޔާ ވަޑައިގަތުމާ ގުޅިގެން ރައީސް މައުމޫނު ވަނީ ނުރުހުން ފާޅު ކުރައްވައިފައެވެ.
ސަންގު ޓީވީން ރޭ ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި އަލްހާން ފަހުމީ ވަނީ ރައީސް މައުމޫނަށާއި، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަލްހާނަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރަޢިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް، އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާނޭ ކަމަށް ވިދާޅު ވަމުން ގެންދަވާ ބޭފުޅެކެވެ. އެމްޑީޕީން ވަނީ އޭނާ އެ ޕާޓީން ވަކި ކޮށްފައެވެ.