މިހިނގާ އަހަރު ތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 ގިނަ މަޝްރޫއު ހިންގޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީއިން ކެމްޕެއިން ލޯންޗުކުރުމަށް މާލޭގެ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކައުންސިލް ތަކުގެ އެންމެ މުހިންމު ދައުރަކަށް ވެގެންދާނީ ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުން ކަމަށެވެ. އެގޮތުން ރާއްޖެ ތަރައްޤީ ކުރުމަށް ޓަކައި، ސަރުކާރު ހިންގާ މަޝްރޫއު ތަންފީޒުކޮށް މޮނިޓަރ ކުރެވޭނީ ސަރުކާރާއި އެކީގައި މަސައްކަތް ކުރާނެ ކައުންސިލެއް އިންތިހާބުވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
" މިހިނގާ އަހަރު ތެރޭގައި ރާއްޖޭގެ ކަނކޮޅުތަކުގައި 500 އަށް ވުރެ ގިނަ މަޝްރޫއު ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައި. ސެންޓްރަލައިޒް ގޮތަކަށް، މަރުކަޒު ކުރެވިގެން މިފަދަ މަޝްރޫއު ތަށް އެއްފަހަރާ ހިނގުމަކީ ނާދިރު ކަމެއް" ރައީސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ދެވުނު ބާރާއި އެކު މިފަދަ މަޝްރޫއު ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ކައުންސިލްތަކަށް ދެވިފައިވާ ކަމަށެވެ.
އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި މިސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރާއްޖޭގެ ފެނާއި ނަރުދަމާގެ ޚިދުމަތް ފުރިހަމައަށް ލިބެނީ އެންމެ 40 ރަށުގައި ކަމަށެވެ. އަދި މިސަރުކާރު އައުމަށް ވި ވައުދު ތެރޭގައި ހިމޭނޭ، ފުރަތަމަ 3 އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމުގެ ވައުދު ފުދިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު ނުހެދި ހުރި ރައްރަށށުގައި ޑިޒައިން ކުރުމާއި އެހެނިހެން މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭ ސިޓީގައި ބޭއްވި ޖަލްސާގައި މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ އިތުރުން ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.