އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ޓްރަމްޕް ފޯނު ބޭއްވެވި ކަމަށް ބުނާ މައްސަލަ ހޫނުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު މެލްކަމް ޓަރންބުލް އާ ދެ ބޭފުޅުން ފޯނުން ދެއްކެވި ވާހަކަފުޅެއް ވަރަށް ބޮޑަށް ހޫނު ވެގެން ދިޔަ ކަމަށް މީޑިއާގައި ޚަބަރު ފެތުރެން ފަށައިފިއެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ "ވޮޝިންގޓަން ޕޯސްޓް" ގައިވާ ގޮތުގައި މިއީ ދުނިޔޭގެ ލީޑަރުންނަށް ރައީސް ޓްރަމްޕް ކުރެއްވި ފޯނު ކޯލުތަކުގެ ތެރެއިން "އެންމެ ވިޔާނުދާ" ފޯނު ކޯލެވެ. ފޯނު ކޯލަށް ފަހު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅު ވެފައި ވަނީ އޮސްޓްރޭލިއާ އާއެކު އޮބާމާ ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ މޮޔަ އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުން ވަރަށް ރަނގަޅަށް ބައްލަވާނެ ކަމަށެވެ.

ޓްރަމްޕް އެ ވިދާޅުވާ މޮޔަ އެއްބަސްވުމަކީ އޮސްޓްރޭލިއާއަށް ހިޖުރާ ކުރަން އެދޭ ގާތްގަނޑަކަށް ބާރަ ސަތޭކަ ފަންސާހެއްހައި މީހުން އެމެރިކާއަށް ގެންގޮސް ވަޒަންވެރި ކުރުވުމާ ބެހޭ އެއްބަސްވުމެކެވެ.

މުޅީން ޔަގީން ނުވާ ޚަބަރުތަކެއްގައިވާ ގޮތުގައި އޮސްޓްރޭލިއާއަށް ދާން އެދުނު މުހާޖިރުންނަކީ އީރާނާއި، އަފްޣާނިސްތާނާއި، ޢިރާޤުގެ މީހުންނެވެ. އެ މީހުން އޮސްތްރޭލިއާއަށް އެތެރެ ކުރުވާކަށް އޮސްޓްރޭލިއާއިން އެއްބަހެއް ނުވިއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އެ މީހުން މިހާރު ތިބީ ޕެސިފިކް ދެ ގައުމެއް ކަމުގައިވާ ނައުރޫއާއި ޕަޕުއާ ނިއު ގިނީގައި ހުރި، މީހުން ބަންދުކޮށްފައި ބައިތިއްބާ މަރުކަޒު ތަކެއްގައެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ބޭނުންފުޅުވީ، އޮބާމާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމަށް ވާނޭ ގޮތެއް އޮޅުންފިލުއްވާށެވެ.އެ މަނިކުފާނު ކަންބިޑުވެ ވަޑައިގަތީ، މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރުފުޅަކާ ހެދިއެވެ. އެ އަމުރުފުޅުގައިވާ ގޮތުގައި ދުނިޔޭގެ ހަތް ގައުމަކުން އެމެރިކާއަށް މުހާޖިރުން އައުން މި ވަގުތަށް ވަނީ މަނާ ވެފައެވެ.

ރައީސް ޓްރަމްޕާއި، ބޮޑު ވަޒީރު ޓަރންބެލް ފޯނުން ވާހަކަފުޅު ދެއްކެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމެރިކާގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ކަމަށް ވޮޝިންގޓަން ޕޯސްޓުގައިވާ ގޮތުގައި އެ ފޯނު ކޯލުގެ ދިގުމުން ގަޑިއެއްހައި އިރަށް ދެމިގެންދާ ގޮތަށް ހަމަޖެހިފައި އޮތް ނަަމަވެސް، ފަންސަވީސް މިނިޓު ވީ ތަނާ، ޓްރަމްޕް ފޯނު ބޭއްވެވީއެވެ. އެއީ އެއްބަސްވުމަށް އިހުތިރާމު ކުރައްވާނަންތޯ ޓަރންބެލް އެއްސެވީމާ އެފަދަ އެއްބަސްވުމަކަށް އަމަލު ކުރުމަކީ ބޮސްޓަން ގައި ބޮން ގޮއްވާލި ފަދަ ބަޔަކު އަނެއްކާވެސް އެމެރިކާއަށް ގެނައުން ފަދަ ކަމެއް ކަމަށް ވިދާޅުވެފައި ކަމަށް ޚަބަރު ލިބެއެވެ.

މިފަދަ ބައެއް ޚަބަރުތައް ފެތުރެމުން ދިޔަ ނަމަވެސް އެމެރިކާ ސަރުކާރުގެ ރަސްމީ ވާހަކަތަކުގައި ބުނަނީ ދެ ބޭފުޅުންގެ ފޯނު ކޯލު ވަރަށް ކުރު ކަމަށާއި، ވާހަކފުޅު ދެއްކެވީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ މައްޗަށް ކަމުގައެވެ. ޓަރންބެލް ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ރައީސް ޓްރަމްޕާ ފޯނުން ވާހަކަފުޅު ދެްކެވި ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިއްތަވާތީ ޝުކުރު އަދާ ކުރައްވާ ކަމަށް ޓްރަމްޕަ އަރިހު ވިދާޅުވި ކަމަށެވެ. އަދި ދެ ބޭފުޅުންގެ ފޯނު ކޯލުގެ ވާހަކަަ ޢާއްމު ވީތީ ހިތާމަފުޅު ކުރައްވާ ކަމަށާއި، ޓްރަމްޕް ފޯނު ބޭއްވެވި ކަމަށް ދެކެވޭ ވާހަކައަކި ދޮގެއް ކަމަށްވެސް ވި×ދާޅުވިއެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ޓަރންބުލް ވިދާޅުވި ގޮތުގައި ނައުރޫއާއި ޕަޕުއާ ނިއު ގިނީ ގައި ތިބި މުހާޖިރުން ގެންގޮސް އެމެރިކާގައި ވަޒަންވެރި ކޮށްދޭން އެމެރިކާއިން ވަނީ އެއްބަސް ވެފައެވެ. އެ އެއްބަސްވުމުގައި ވާ ގޮތުގައި އެންމެ ފުރަތަމަ ގެންދާނީ އެންމެ ނިކަމެތި ހާލުގައި ތިބި މީހުންނެވެ. މީހުން ގެންގޮސް ވަޒަންވެރި ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އަލިފު ދާލުގެ މުހާޖިރުންނާ ބެހޭ އޮފީހުގެ ބެލުމުގެ ދަށުންނެވެ.

އެއްބަސްވުުމުގެ ދަށުން އެމެރިކާއަށް ގެންދާނީ ކިތައް މުހާޖިރުން ކަމެއް ނޭނގެއެވެ. 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ނެރުނު އޮސްޓްރޭލިއާގެ ރަސްމީ ތަފާސް ހިސާބުން ފެންނަ ގޮތުގައި މުޅި ޖުމުލަ ތިބީ 1254 މީހުންނެވެ. އެއީ ޕަޕުއާ ނިއު ގިނީގެ މާނުސް ޖަޒީރާގައި ތިބި 871 މީހުންނާއި، ނައުރޫގައި ތިބި 383 މީހުންނެވެ.

ޓްރަމްޕްގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ "އެތައް ހާސް" މުހާޖިރުންނޭ އެވެ. އެކަމަކު އެ ވިދާޅުވާހައި ގިނަ މީހުންނެއް އޮސްޓްރޭލިއާގެ ބެލުމުގެ ދަށަކު ނުވެސް ނެތެވެ.

އޮސްޓްރޭލިއާ ސަރުކާރުން ވަނީ މުހާޖިރުން ގަބޫލު ކުރާނޭ އުސޫލުތަކެއް ކަނޑައަޅައިފައެވެ. އެ އުސޫލުގައިވާ ގޮތުގައި ކަނޑު މަގުން ބޯޓުފަހަރުގައި އަންނަ މީހުންނަކަށް އޮސްޓްރޭލިއާއަށް ވަނުމުގެ ހުއްދައެއް ނުދޭނެއެވެ. އޮސްޓްރޭލިއާއިން ވަނީ މުހާޖިރުން ވަޒަންވެރި ކުރުވުމާ ބެހޭ ގޮތުން ކެމްބޯޑިއާ އާއި ޕަޕުއާ ނިއު ގިނީ އާއެކު އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައެވެ. ބައެއް ފާޑުކިޔުންތެރިން ބުނާ ގޮތުގައި އެ ދެ ގައުމުން އެ އެއްބަސްވުންތަކަށް ފުރިހަމައަކަށް އިހުތިރާމެއް ނުކުރެއެވެ.

އެމެރިކާއާއެކު އެއްބަސްވުމެއް ހަދާން ޖެހުނީ ދެ ގައުމަކީ ވަރަށް އެކުވެރި ދެ ގައުމު ކަމަށް ވެފައި ކުރީން އެއްބަސްވުން ގާއިމު ކުރި ދެ ގައުމުން އެޔަށް މާ ބޮޑު ސަމާލުކަމެއް ދޭ ކަމަށް ނުފެންނާތީއެވެ.

ގައުމުން ބޭރު އެހެން ތަނެއްގައި މަރުކަޒުތަކެއް ހަދައިގެން މުހާޖިރުން ގެންގުޅޭތީ އޮސްޓްރޭލިއާ ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ފާޑުކިޔުންތައް އަމާޒު ވެފައެވެ. އެހެންވީމާ އޮސްޓްރޭލިއާއިން ބޭނުން ވަނީ ވީހައިވެސް އަވަހަކަށް މާނުސް ޖަޒީރާގެ މަރުކަޒު ބަންދު ކުރާށެވެ. އިންސާނީ ހައްގުތައް ހިމާޔަތް ކުރާ ޖަމާޢަތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ މަރުކަޒުތަކުގެ ހާލަތު ވަރަށް ދެރައެވެ. އެތަންތާގައި ތިބި މީހުންނަކީ އަދަބެއްގައި ތިބި ބައެއްފަދަ ބައެކެވެ.

މާނުސް ޖަޒީރާއާއި ނައުރޫގައި ތިބި މުހާޖިރުންގެ އަށްޑިހަ އިންސައްތައަކީ ގަބޫލު ކުރެވޭ ފަދަ މަގުބޫލު މަޖުބޫރީ ހާލަތަކާ ގުޅިގެން ހިޖުރަ ކުރި މީހުންނެވެ. އެމެރިކާގެ ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މީގެ ކުރީންވެސް ވަނީ މަގުބޫލު މަޖުބޫރީ ހާލަތަކާ ނުލައި ހިޖުރަ ކުރާ މީހުންނަށް ފުރުސަތު ދޭން އިންކާރު ކޮށްފައެވެ.

މާނުސް ޖަޒީރާގައި ތިބި މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. ގިނައީ އީރާނު މީހުންނެވެ. ދެން އަފްޣާނިސްތާނު މީހުންނާއި، ޢިރާޤު މީހުންނެވެ. ބަނގްލާދޭޝްއާއި، ޕާކިސްތާނާއި، މިޔަންމާގެ މީހުންވެސް ގިނަ ޢަދަދަކަށް ހިމެނެއެވެ.

ނައުރޫ ގައި ފިރިހެނުންގެ އިތުރަށް އަންހެނުންނާއި ކުޑަކުދިންވެސް އެބަތިއްބެވެ. އެ ރަށުގައިވެސް ގިނައިން ތިބީ އީރާނު މީހުންނެވެ. ދެން އެންމެ ގިނައިން ތިބީ ސްރީ ލަންކާ މީހުންނާއި، ކޮން ގައުމެއްގެ ބަޔަކުކަން ނޭނގޭ މީހުންނެވެ.

މި މަރުކަޒުތަކުގައި ތިބި ބައެއް މީހުން ހެއު ފުރުސަތެއްގެ އިންތިޒާރުގައި ތިބޭތާ އެތައް އަހަރެއް ވެއްޖެއެވެ. (މަޢުލޫމާތު: ބީބީސީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.