މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) އިން ޢިމާރާތްކުރި އައު ސީ ޕްލޭން ޓަރމިނަލްއާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަޙްޤީޤުކުރަމުންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި ރިޕޯޓު އާއްމުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ކުރިން ނިންމެވީ އެރިޕޯރޓް ސިއްރު ކުރެއްވުމަށެވެ. ނަމަވެސް ފަހުން ވަނީ އެ ރިޕޯރޓް މަޖިލިސް މެމްބަރުންނަށް ފޮނުއްވައި މަޖިލީހުގެ ވެބްސައިޓްގައި އާއްމުކުރައްވައިފައެވެ.
އޭސިސީގެ ރިޕޯރޓްގައި ވަނީ އެއްމައްސަލައިގައި ފާހަގަ ކުރެއްވުނު ކަންތައްތަކުގެ މައްޗަށް ރިޢާޔަތް ކުރައްވާ ނިންމުން ތަކެއް ނިންމައިފައެވެ. އެގޮތުން އެމައްސަލައިގެ ޖިނާއީ ތަޙްޤީޤެއް ވަކި މައްސަލައެއްގެ ގޮތުގައި ހިންގަމުންދާކަމަށް އޭސީސީގެ ރިޕޯރޓް ނިންމާލަމުން ވަނީ ބުނެފައެވެ. ޖިނާއީ ތަޙްޤީޤެއް ހިންގުމަށް އޭސީސީ އިން ނިންމެވީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ނުވަތަ ސީޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމަށް މަސައްކަތްކޮށްފައިވާތީއާއި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތި ކުރެވޭތީއެވެ.
ސީޕްލޭން ޓާމިނަލުން ޖާގަކުށްޔަށް ދޫކުރުމަށް އެމްއޭސީއެލް އިން އެއްބަސްވުމެއް ޑްރާފްޓްކޮށް، ޓީއެމްއޭ އާ ޙިއްސާކޮށް، އެޑްރާފްޓް ފައިނަލް ކޮށްފައިވާކަމަށް އޭސީސީ ރިޕޯރޓްގައި ފާހަގަ ކުރައްވައިފައި ވެއެވެ. އެއްބަސް ވުމުގައި ސޮއިކުރުމާ ގުޅޭގޮތުން ފޯނުންގުޅައި މުޢާމަލާތު ކޮށްފައިވާކަމަށް ވެސް ރިޕޯރޓްގައި ވެއެވެ. އެމްއޭސީއެލްއާއި ޓީއެމްއޭ ދެމެދު އީމެއިލްގެ ޒަރީޢާއިންވެސް އެއްބަސްވުމާ ގުޅޭ މުޢާމަލާތް ކުރެވިފައިވާކަން ވެސް އޭސީސި އިން ވަނީ ފާހަގަކުރައްވައިފައެވެ. އެފަދަ އެއްބަސްވުމެއް ޑްރާފްޓްކޮށްފައިވަނީ ހަމައެކަނި ޓީއެމްއޭއާއެކު ކަމުގައިވާތީ، އެކަމަކީ ސީޕޭލޭން ޓާމިނަލްގެ ބޮޑުބައެއް ނުއަގުގައި ޓިއެމްއޭއަށްދީ، ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް ހިންގައިފައިވާ ޢަމަލެއްގެ ގޮތުގައި ތުޙުމަތު ކުރެވޭކަމަށް އޭސީސިގެ ރިޕޯރޓްގައި ވަނީ ފާހަގަ ކުރައްވައިފައެވެ.
ސީޕްލޭން ޓާރމިނަލް ހިންގުން އެމްއޭސީއެލްގެ ދަށަށް ގެނައުމަށް ވާންޖެހޭ ތައްޔާރީތަކަށް ތިން އަހަރުގެ މުއްދަތެއް ކަނޑައަޅައިފައި ވީނަމަވެސް އެމްއޭސީއެލް ފަދަ ތަޖުރިބާކާރު ބޮޑު ކުންފުންޏަކަށް އެއަށްވުރެ ކުރުމުއްދަތެއްގައިވެސް އެކަމު ތައްޔާރީތައް ވެވޭނެކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އެ މުއްދަތު ހުށަހަޅައިފައި ވަނީކުޑަ ރޭޓެއްގައި ވީހާވެސް ގިނަ ދުވަހަށް ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގެ ބޭނުމުގައި ކަމަށް ވެސް އެސީސީގެ ރިޕޯރޓްގައި ވަނީ ފާހަގަ ކުރައްވައިފައެވެ. އެމްއޭސީއެލް އިން 55.5 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ބައިނަލް އަޤްވާމީ ފެންވަރުގައި ހަދައިފައިވާ ސީޕްލޭން ޓާރމިނަލް އަކަމީޓަރަކަށް 10.35 ޑޮލަރަށް ދޭން ހުށަހެޅުމުން އެމްއޭސީއެލްއަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެކަމަށް ވެސް އޭސީސީން ވަނީ ފާހަގަ ކުރައްވައިފައެވެ. އެމްއޭސީއެލް އިން ރިސޯޓްތަކަށް ޖާގަ ދޫކޮށްފައިވާ އެންމެ ކުޑައަގަކީ އަކަމީޓަރަކަށް 176 ޑޮލަރުކަން އޭސީސީގެ ރިޕޯރޓްގައި ފާހަގަ ކޮށްފައިވެއެވެ. އެރޭޓަށް ބަލާއިރު ވެސް އާ ސީޕްލޭން ޓާރމިނަލް ދިނުމަށް އެމްއޭސީއެލް އިން ހުށަހަޅައިފައިވާ އަގަށް ބަލާއިރު އަހަރަކު 29.78 މިލިއަން ޑޮލަރު އެމްއޭސީއެލްއަށް ގެއްލޭނެކަމަށް އޭސީސީގެ ރިޕޯރޓްގައި ވަނީ ފާހަގަ ކުރައްވައިފައެވެ.
އާސީޕެލޭން ޓާމިނަލް ކުއްޔަށް ދިނުމަށް ހުށަހަޅައިފައިވާ އަކަމީޓަރަކަށް 10.35 މިލިއަން ޑޮލަރަކީ ވޭލާނާ އިންޓަރނޭޝަނަލް ޓާމިނަލްގެ އެކި ބިލްޑިންގ ތަކުން 2018 ވަނަ އަހަރަށް ފަހު ގިނަ ފަރާތްތަކަށް ޖާގަދޫކޮށްފައިވާ އެވްރޭޖް ރޭޓް ކަމަށްވާ އަކަމީޓަރަކަށް މަހަކަށް 48.70 ޑޮލަރުގެ ރޭޓާ އަޅާ ކިޔާއިރުވެސް ވަރަށް ކުޑަ ރޭޓެއްކަން އޭސީސީގެ ރިޕޯރޓްގައި ފާހަގަކުރައްވައިފައިވެއެވެ. ތަހްޤިޤުން ފާހަގަ ކުރެވުނު ކަންތައްތައް ރިޢާޔަތްކޮށް އެމްއޭސީއެލްއަށް ފައިދާވާނެހެން ހަމަ އަގު ލިބޭނެގޮތަށް މާކެޓް ރޭޓްގައި، އާސީޕެލޭން ޓާމިނަލް ކުއްޔަށް ދިނުމަށް އެމްއޭސީއެލްއަށް އެންގުމަށް ފެންނަ ކަމަށް އޭސީސިން ވަނީ ނިންމަވައިފައެވެ.
ސީޕްލޭންޓާރމިނަލާ ގުޅޭ ޖިނާއީ ތަޙްޤީޤެއް އޭސީސީ އިން ފަށައިފައިވާއިރު ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އެމައްސަލަ ކުރިއަށް ގެންދެވުމަށް ސަރުކާރުން ނިންމަވައިފައިވާ ނިންމުން ތަންފީޒުކުރައްވާނެކަމަށެވެ. ސަރުކާރުން ހުށަހަޅައިފައި ވަނީ 6،400 އަކަމީޓަރުގެ ޖާގަ، އަކަ މީޓަރަކަށް 10.35 ޑޮލަރުގެ ރޭޓްގައި ދެ އަހަރު ދުވަހަށް ޓީއެމްއޭއަށް ދޫކުރުމަށެވެ. ބާކީ އޮންނަ ޖާގަ ބީލަމު އުޞޫލުން މާކެޓް އަގުގައި ދޫކުރުމެވެ. އަދި ދެ އަހަރު ދުވަހުގެ ތެރޭގައި ސީޕްލޭން ޓާމިނަލް ހިންގުމަށް ވާންޖެހޭ ތައްޔާރީތައް ނިންމައި ޓާމިނަލް ހިންގުމާ އެމްއޭސީއެލް އިން ޙަވާލުވުމެވެ.