ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް ޖެފް ބެޒޯސްގެ 10 ބިލިއަން ޑޮލަރުގެ ފަންޑެއް

ދުނިޔޭގެ ތިމާވެށްޓަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމުގެ މަގުސަދުގައި އެމޭޒަން ބާނީ ޖެފް ބެޒޯސް ފަންޑެއް އުފައްދައިފިއެވެ.

ދުނިޔޭގައި މި ވަގުތު ހުރި އެންމެ މުއްސަނދި މަހުޖަނު ޖެފް ބެޒޯސް އޭނާގެ އިންސްޓްރާމް އެކައުންޓުގައި ލިޔެފައިވާ ގޮތުގައި 'ބެޒޯސް އާތު ފަންޑު" ގެ ނަމުގައި 10 ބިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް އުފެއްދީ " ޠަބީއީ ދުނިޔެ އޭގެ ގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓުން ހަގީގަތަކަށް ހެދުމަށް ސައިނުވެރިންންނާއި، ހަރަކާތްތެރިންނާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ކުރާ ކޮންމެ މަސައްކަތަކަށް" އެހީވުމެވެ.

"ތިމާވެށްޓަށް އަންނަ ބަދަލުތަކަކީ އަހަރުމެންގެ މި ދުނިޔެއަށް އޮތް އެންެމެ ބޮޑު ބިރު." 130 ބިލިއަން އެމެރިކާ ޑޮލަރު މިލްކިއްޔާތުގައި ހުރި ބެޒޯސް ލިޔެފައި ވެއެވެ.  

ބެޒޯސްގެ މިފިޔަވަޅާއެކު އޭނާ މިވަނީ ތިމާވެށި ހިމާޔަތްކުރުމަށް ބޮޑެތި އަދަދުތައް ހޭދަކުރާ މަހުޖަނުންގެ ތެރޭގައި ހިމެނިފައެވެ. މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސްއާއީ ބްލޫބާގްގެ ވެރިޔާ މައިކަލް ބްލޫމްބާގްވެސް ވަނީ މީގެ ކުރިން ތިމާވެށި ހިމާޔަތްކުރުމަށް ބޮޑެތި އަދަދުތަކުން އެހީތެރިވެދީފައެވެ.

ފާއިތުވި އަހަރު ޖެފް ބެޒޯސް ވަނީ 2040 ވަނަ އަހަރު އަންނަންވާ އިރަށް އޭނާގެ ބިޔަ އޮންލައިން ވިޔަފާރި ކުންފުނި، އެމޭޒަން ކާބަން ނިއުޓްރަލް ކުންފުންޏަކަށް ހަދަން ވައުދުވެފައެވެ. މިއީ ބޮޑު ކުންފުންޏަކުން މިފަދަ ވައުދެއް ވީ ފުރަތަމަ ފަހަރެވެ. އަދި ބެޒޯސް ވަނީ އޭނާގެ ކުންފުނިން ވިއްކާ މުދާ ފޯރުކޮށްދިނުމަށް ކަރަންޓުން ދުއްވާ 1 ލައްކަ އުޅަނދު ގަތުމަށް ވެސް ނިންމާފައެވެ. އެމޭޒަންއިން އަހަރަކު 10 ބިލިއަން ޕާރުސަލު ބޭރުކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.   

"އަހަރެން ބޭނުންވަނީ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އަހަރުމެން އެންމެން ހިއްސާކުރާ މި ޕްލެނެޓަށް ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރުކުރުމަށާއި، އާ ގޯތްތައް ހޯދުމުގައި އެހެން މީހުންނާއި ބައިވެރިވާން." އޭނާގެ ތިމާވެށީގެ ފަންޑު އުފެއްދިކަން ހާމަކުރަމުން ޖެފް ބެޒޯސް ބުނެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.