އެއަރޕޯރޓް ސާރވިސް ޗާރޖް ހުއްޓާލައި ޑިޕާރޗަރ ޓެކުހެއް މިއަހަރު އެޕްރީލް މަހުން ފެށިގެން ނަގަން ފެށުމަށްޤާނޫނަށް އިޞްލާޙު ގެނައުމުގެ ބަހުސް މަޖިލީހުގައި ފަށްޓަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިބްތިދާއީ ބަހުސް ފެށްޓެވި ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލު ގައި ބުނެފައިވާ ގޮތުން އެއަރޕޯރޓް ސާރވިސް ޗާރޖް މިއަހަރު މާރޗް މަހުގެ 31 ގައި ހުއްޓާލައި ޑިޕާރޗަރ ޓެކުހެއް މިއަހަރު އެޕްރީލް މަހުން ފެށިގެން ނަގަން ފަށަން ވާނެއެވެ.
ބިލުގައި ޑިޕާރޗަރ ޓެކުސް ނެގުން ވަނީ ފަސިންޖަރުން ދަތުރުކުރާ ކްލާހަށް ބިނާކޮށް ގިންތިތަކަށް ބަހާލައިފައެވެ. ޑިޕާރޗަރ ޓެކްސް ނަގަން ފެށިކަމުގައިވިއަސް އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ނަގާނީ ކުރިން އެއަރޕޯރޓް ސާރވިސް ޗާރޖްގައިވެސް ދިވެހި އަތުން ނަގަމުން އައި ޢަދަދު ކަމުގައިވާ 12 ޑޮލަރެވެ. ނަމަވެސް އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނެގުމަށް ބިލްގައި ކަނޑައަޅައިފައިވަނީ 30 ޑޮލަރެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ބިދޭސީންނާއި ދިވެހިންގެ އަތުންވެސް ނަގަން ބިލުގައި ކަނޑައަޅައިފައި ވަނީ60 ޑޮލަރެވެ. ފަސްޓްކްލާހުގައު ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުންވެސް ނަގަން ބިލުގައި ކަނޑައަޅައިފައި ވަނީ 90 ޑޮލަރެވެ. ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނެގުމަށް ކަނޑައަޅައިފައި ވަނީ 120 ޑޮލަރެވެ. މީގެ އިތުރުން މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް ނެގުން ހުއްޓާލަން ޤާނޫނުގައި ކަނޑައަޅައިފައިވާ އެއަރޕޯރޓް ޑިވެލޮޕްމަންޓް ފީވެސް ހުއްޓާ ނުލައި ނަގަމުން ގެންދިއުމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. އެއަރޕޯރޓް ޑިވެލޮޕްމަންޓްފީގެ ގޮތުގައި ނެގުމަށް ކަނޑައަޅައިފައި ވަނީ ދިވެހި ފަސިންޖަރުންގެ އަތުން 12 ޑޮލަރެވެ. އަދި ބިދޭސީ ފަސިންޖަރުންގެ އަތުން ނެގުމަށް ކަނޑައަޅައިފައިވަނީ 25 ޑޮލަރެވެ.
މި ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވަނީ މި ޓެކްހަކީ ދައުލަތަށް ލިބޭނެކަމަށް ކަނޑައަޅައިފައިވާ އާންމުދަނީގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު އެ އިޞްލާޙަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެއަރލައިން ތަކުން ޓިކެޓްގެ އަގު ކަނޑައަޅާއިރު މިޓެކްސް ހިމަނައިފައިވުމުން އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންނާ ބިދޭސިންނަށްވެސް އެއްއަގެއް ދައްކަން ޖެހޭކަން ފާހަގަ ކުރެއްވިއެވެ. ބައެއް އެހެން މެމްބަރުންވެސް ވަނީ އެކަން ފާހަގަ ކުރައްވައިފައެވެ.
އެއަރޕޯރޓްތަކުން ފުރާ މީހުންގެ އަތުން އިތުރު ފީއެއް ނަގަން ކަނޑައެޅުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ދަށްވާނެތީ އެކަމުގެ ކަންބޮޑުވުން ވެސް ބައެއް މެމްބަރުން ވަނީ ފާޅުކުރައްވައިފައެވެ. މި ބިލް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދެވެ.