އަނެއްކާ ވެސް ވެރިކަން ވައްޓާލަން ޖެހިދާނެ: މުސްތަފާ

ވެރިކަން ހޯދައިދިން މީހުންގެ މާލާއި މުދަލަށް އަރައި އެގޮތް ރިޕީޓުކުރާނަމަ "އަނެއްކާވެސް ވެރިކަން ވައްޓާލަން ޖެހިދާނެ" ކަމުގެ އިންޒާރު

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްވައިފިއެވެ.

މުސްތަފާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ކަންކަން މިހެން ހުރިއިރު ވެރިކަން ހޯދައިދިނުމުން ކަންކަން ހިނގިގޮތުގެ ހަގީގަތް އޮޅުވާލައި، ވެރިކަން ހޯދައިދިން މީހުންގެ މާލާއި މުދަލަށް އަރައި އެގޮތް ރިޕީޓުކުރާނަމަ "އަނެއްކާވެސް ވެރިކަން ވައްޓާލަން ޖެހިދާނެ" ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ މި ސަރުކާރުން މީހެއް މުދަލަށް އަރައިގަތަސް އިންސާނީ ހައްގަކަށް އަރައިގަތަސް ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ ރައީސް ނަޝީދު ކަމަށެވެ. މި ސަރުކާރު ގެންނަވަން ބުރަކޮށް މަސައްކަތް ކުރެއްވީ ރައީސް ނަޝީދު ވިދާޅުވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ވެރިއަކަށް ޅޮސްގަނޑެއްލިޔަސް ލީ ރައީސް ނަޝީދު. އެހެންވީމާ ޒިންމާ އުފުލަންޖެހޭނީ އޭނާ،" މުސްތަފާ ވިދާޅުވިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ފެށި އިސްލާހީ މަސައްކަތުގައި ފުރަތަމަ ނިންމީ އެމްޑީޕީ ބައިވެރި ނުކުރަން ކަމަށާއި އެހެންނަމަވެސް އެކަން ވެސް ކުރީ ރައީސް ނަޝީދުގެ އެދިވަޑައިގެންނެވުމުގެ މަތީން ކަމެއް މުސްތަފާ ވިދާޅުވެފައިވެއެވެ.

މިސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅަމު އޭނާ ވިދާޅުވީ  ދައުލަތް ހިންގަން ކިރުބޯ ކުދިން ލައްވާފައި ތިބުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުންނަވަންޖެހެނީ އަވަހާރަފުޅު ނުލައްޕަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވެފައިވަނީ މިސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތު އިންތިހާއަށް މިހާރު ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އަދި ރަނގަޅު ޕްރިޖެކްޓެއް ވެސް ސަރުކާރަށް ފަށައި ގަނެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރާ މެދުކުރާ ކޮރަޕްޝަންގެ ތުހުމަތުތައް އިންތިހާއަށް ގޮސްފި. އަދި ރަނގަޅު ޕްރޮޖެކްޓެއް ވެސް ފަށައިނުގަނޭ. ޕްރޮޖެކްޓްސް ފެށީމާ ފެންނާނެ އަސްލު ސޫރަ. ދައުލަތް ހިންގަން ކިރުބޯ ދަރިންލީމާ ވާނެ މިހެން. ރައީސް ނަޝީދު އުޅެން ޖެހޭނީ ނުނިދާ،" މުސްތަފާ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.