ސާނަވީ މަރުޙަލާގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ހިންގާ ރެޑީ ކޭމްޕް ސިލްސިލާގެ ތެރެއިން ގއ.ދާންދޫގައި ހިންގި 54 ވަނަ ރެޑީ ކޭމްޕު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
މިކަމަށްޓަކައި ގއ. ދާންދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާދެއްވީ އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފްއެވެ.
ގއ. ދާންދޫ ސްކޫލުގައި މިމަހުގެ 26 ން 28 އަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ދާންދޫ ސްކޫލާއި ގއ. ނިލަންދޫ ސްކޫލުގެ ގްރޭޑް 8،9 އަދި 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ 71 ދަރިވަރަކު ބައިވެރިވެ ކޭމްޕު ފުރިހަމަކޮށްފައިވެއެވެ. މި ބައިވެރިންގެ ތެރޭގައި ހިމެނެނީ 43 ފިރިހެން ދަރިވަރުންނާއި 28 އަންހެން ދަރިވަރުންނެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. .
މިގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ. މިއާއެކު އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ދިނުމުގެ އިތުރުން މަދްރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
މި ކޭމްޕުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދީފައިވެއެވެ. މީގެ އިތުރުން ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދީފައިވެއެވެ.
މިކޭމްޕް ކުރިޔަށް ގެންދިއުމުގައި ދާންދޫ ސްކޫލް އަދި ނިލަންދޫ ސްކޫލުގެ އިތުރުން އެ ދެރަށުގެ ކައުންސިލާއި ބެލެނިވެރިންނާ މުއައްސަސާތަކުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ. އަދި ކޭމްޕު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ސްޕްރިންޓެންޑެންޓްއޮފް ޕޮލިސް ޙަސަން ހަނީފްގެ އިތުރުން ގއ. އަތޮޅު ކޮމާންޑަރާއި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުންގެ އިތުރުން ސްކޫލުގެ އިސްވެރިންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.