ޖަނަވަރީ މަހު މީރާގެ އާމްދަނީ އެއްބިލިއަން ރުފިޔާ  

ނިމިގެންދިޔަ ޖަނަވަރީ މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.81 ބިލިއަން ރުފިޔާ މީރާއިން ވިދާޅުވެއްޖެއެވެ. މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %7.4 އިތުރު އަދަދެކެވެ. ނަމަވެސް، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ދަށް އަދަދެއް ކަމަށް މީރާއިން ވިދާޅުވިއެވެ.

މިއަހަރު ޖަނަވަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޑިސެންބަރު 2018 އާއި އަޅާ ބަލާއިރު ޑިސެންބަރު 2019 ގައި ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު %13.6 އިތުރުވުމެވެ. އޭގެ ސަބަބުން ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި ޓެކްސްތައް ވަނީ އިތުރުވެފައެވެ. އޭގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ފަހު ޑެޑްލައިންގެ ބައެއް ފައިސާ ލިބިފައިވަނީ މަހު ކަމަށް މީރާއިން ވިދާޅުވެފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ ޖަނަވަރީ މަހުގެ ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުތަކަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އަދަދު މަދުވެފައިވުމާއި، ޖަނަވަރީ 2019 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އެއް ކަމުގައި ވުންކަމަށް ވެސް މީރާއިން މައުލޫމާތުދެއްވިއެވެ.

ޖަނަވަރީ 2020 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 807.13 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީއިންނެވެ. އެއީ  645.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 84.93 މިލިއަން ރުފިޔާއާއި، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 69.20 މިލިއަން ރުފިޔާއި، އެއަރޕޯޓު ސަރވިސް ޗާޖުގެ ގޮތުގައި 68.68 މިލިއަން ރުފިޔާއި،އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 138.13 މިލިއަން ރުފިޔާ ހިމެނެއެވެ.

ހުސްވި ޖަނަވަރީގައި މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 64.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.