ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުން މިނިސްޓަރ އޮފް އެންވައިރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް އަރިއަތޮޅު ދެކުނުބުރީ އޮމަދުއަށް ވަޑައިގަތުމުން، އެ ރަށުގެ ބައެއް ރައްޔިތުން ނުކުމެ، ޝަކުވާ ހުށަހެޅި ހުށަހެޅުމަކީ ސަރުކާރުން އުފާކުރާ ކަމެއް ކަމަށް، މިނިސްޓަރުގެ އަރިހުގައި ވަޑައިގެންނެވި އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އެ އޮފިޝަލް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެކި އަތޮޅު ތަކަށް މިނިސްޓަރުން ފޮނުއްވަނީ ރައްޔިތުންގެ ބޭނުންތަކަކަކީ ކޮބައިތޯ ބައްލަވައި، ޝަކުވާ އަޑު އައްސަވާށެވެ. "އެހެންވީމާ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. އޮމަދޫގެ ބައެއް ރައްޔިތުން ނުކުމެވަޑައިގެން އެބޭފުޅުންގެ ކަންބޮޑުވުންތައް ހާމަ ކޮށް ދެއްވީއެވެ. އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިންގަވައެވެ. ސުލްހަވެރިކަމާއެކު ވާހަކަފުޅު ދެއްކެވީއެވެ. މިނިސްޓަރުގެ ވަފުދުގެ ބޭފުޅުން އެ ބޭފުޅުންގެ ޝަކުވާތަކުގެ އަޑު ވަރަށް ރަނގަޅަށް އެއްސެވިއެވެ."
އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާ ކުރުމާއި، އެއްވެ ކަންބޮޑުވުން ފާޅު ކުރުމަކީ ސަރުކާރުން ހުއްޓުވާނޭ ކަމެއް ނޫނެވެ. "ސަރުކާރުން ހުއްޓުވަނީ ހަމަނުޖެހުން ހިންގުމެވެ. އެހެން މީހުންނަށް އުނދަގޫ ކުރުމެވެ. ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ކަންތައްތަކަށް ހުރަސްއެޅޭ ފަދަ ކަންތައްތައް ކުރުމެވެ."
އެއްވުމުގައި ބައިވެރިވީ މީހަކު އާފަތިހާ ވާހަކަ ދައްކަމުން ބުނެފައި ވަނީ އެ މީހުން ނުކުތީ އެ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވަޑައިގަންނަވާ ކަމުގެ ޚަބަރު ލިބިގެންނެވެ. "މެންބަރު ވަނީ އަޅުގަނޑުމެން ގާތު ވަޢުދުތަކެއް ވެވަޑައިގެންފައެވެ. އެއިން ކަމެއް އަދި ނުވެއެވެ. އެހެންވީމާ އަޅުގަނޑުމެން ނުކުތީ އޭނާއަށް އެ ވާހަކަ ދަންނަވާށެވެ."
މިނިސްޓަރު ޠާރިޤް އިބްރާހީމް އެ ރަށުން ފުރާވަޑައިގަންވާން ވަޑައިގަތުމުން އެއްވުމުގެ ބައިވެރިން އައިސް އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުންނާ ސަލާންކޮށް ހެދިތަން ފެނުނެވެ. އޭރުވެސް ތިބީ ބޯޑުތައް ހިފައިގެންނެވެ.
މިނިސްޓާރުގެ ދަތުރުފުޅުގައި މިއަދު ވަޑައިގެންނެވީ ތިން ރަށަކަށެވެ. އެއީ ހަންޏާމީދޫއާއި، އޮމަދޫއާއި، ކުނބުރުދުށެވެ. މިރޭ އޮތީ މަހިބަދުއަށް ވަޑައިގެން އެރަށުގެ ކައުސިލުގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމެވެ.