މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އިނގިރޭސިވިލާތުގެ މެޓްރަޕޮލިޓަން ޕޮލިސް އެސްއޯ 15 އާއި ގުޅިގެން ރާއްޖޭގެ ރިސޯޓްތަކުގައި ސެކިއުރިޓީގެ ކަންކަން މެނޭޖްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި މޯލްޑިވްސް ކައުންޓަރ ޓެރަރިޒަމް ސެކިއުރިޓީ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޖެނުއަރީ މަހުގެ 24 ން 25 އަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ވޯކްޝޮޕަކީ ރާއްޖޭގެ ރިސޯޓްތަކުގެ ސެކިއުރިޓީގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ރިސޯޓްގެ ސެކިއުރިޓީ އާއި ބެހޭގޮތުން މަޢުލޫމާތު ބަދަލުކޮށް ދިމާވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމުގެ މަޤުޞަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އިނގިރޭސި ވިލާތުގެ މެޓްރަޕޮލިޓަން ޕޮލިސް އެސްއޯ15 އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި ސްރީލަންކާގައި ހުންނަ ބްރިޓިޝް ހައިކޮމިޝަނާއި ގުޅިގެން ކުރިއަށ ގެންދިޔަ ވޯކްޝޮޕެކެވެ.
ރިސޯޓްތަކުގައި ސެކިއުރިޓީގެ ކަންކަން މެނޭޖްކުރުމުގައި ހަރަކާތްތެރިވާ 120 އާއި 140 އާދެމެދުގެ ބައިވެރިން ބައިވެރިފައިވާއިރު މި ވޯކްޝޮޕްގައި ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރޭގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށާއި ކަމާއި ބެހޭ ވުޒާރާތަކުގެ މެދުގައި އޮންނަންޖެހޭ ކުއްލި ޙާލަތުގައި ޢަމަލުކުރާނެ އުޞޫލުތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.