ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްގެ ތަރި ﷲ ގެ އިރާދާ ފުޅާއެކު ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން އަދި ގާތްވެސް ނުވާކަމަށް ހޯމްމިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ މިނިސްޓަރ ޝިދާތާ މިއަދު އިސްތިއުފާ ދެއްވުމުން ކުރައްވާފައިވާ ޓުވީޓެއްގައެވެ. "ﷲ ގެ ވާގިފުޅާއެކު ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވޭ. ސިޔާސީ ހަރަކާތުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ޝިދާތާއަކީ އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ. އޭނާއަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް ކަމަށް ވެސް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.
"އަދާލަތު ޕާޓީއާއި ޚުދު އަޅުގަނޑަށް އެކަމަނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި ވެވަޑައިގެންފައިވާ ގުރުބާނީ މިންކުރެވޭ ވަރަށްވުރެބޮޑު،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.
Imraanakee tharirhakaa behey maahireh.