ހުޅުމާލޭގައި ބިދޭސީންތަކަކަށް ވަޅިން ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ. ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާ މީހަކަށް ވަޅިން ހަމަލާ ދީފައިވަނީ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އިރާކޮޅުއެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ވަނީ އެ ހަމަލާގެ ޒިއްމާ ނަގާ ކަމަށް ބުނެ އިއްޔެ ސޯޝަލްމީޑިއާގައި ވީޑިއޯ މެސެޖެއް އާއްމުކޮށްފައެވެ. އެ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރަމުންގެންދާކަމަށް ބުނެ ފުލުުހުން ވަނީ ރޭ ނޫސްބަޔާނެއް ނެރެފައެވެ. އެ ހަމަލާއަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.